ގާނޫނީ އިމުގެ ތެރެއިން އެފްއޭއެމް އިންތިހާބު ވީހާ ވެސް އަވަހަކަށް ބޭއްވުމަށް އުމަރު ގޮވާލައްވައިފި

ރާއްޖޭގެ ޖަމިއްޔާތަކާ ބެހޭ ގާނޫނާއި ހެދިފައިވާ ގަވާއިދުތަކުގެ ތެރެއިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިސް (އެފްއޭއެމް) ގެ އިންތިހާބު ވީހާ ވެސް އަވަހަށް ބޭއްވުމަށް އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީއަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ގޮވާލައްވައިފި އެވެ. އުމަރު މިގޮތަށް ގޮވާލެއްވީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރުންނާއި ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު ޒުހޫރާއި އެޓާނީ ޖެނެރަލް މުހައްމަދު އަނިލްއާ އެކު މިއަދު ކުޅިވަރާ ބެހޭ މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. އުމަރު ވިދާޅުވީ އެފްއޭއެމްގެ އިންތިހާބު ވީހާވެސް އަވަހަކަށް ބޭއްވުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށާއި އެކަމަކު އިންތިހާބު ބާއްވަން ޖެހޭނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށެވެ. އަދި އެ ނޫން ގޮތަކަށް ރާއްޖޭގައި ޖަމިއްޔާއެއްގެ އިންތިހާބު ކުރިއަށް ގެންދެވޭނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް އުމަރު ވިދާޅުވި އެވެ. އޮކްޓޯބަރު 22 ވަނަ ދުވަހު ބާއްވަން ޝެޑިއުލްކުރި އެފްއޭއެމްގެ އިންތިހާބު ފަސްކުރީ ސަރުކާރުން އެއްބާރުލުން ނުދިނުމުންނެވެ. ސަރުކާރުން އެއްބާރުލުން ނުދިނީ އެފްއޭއެމްގެ އަސާސީ ގަވާއިދުގައި މައްސަލަތަކެއް އުޅޭ ކަމަށް ބުނެ އެވެ. ފީފާ އިން މިހާރު ވަނީ އިންތިހާބު ބޭއްވުމަށް އިތުރު މުއްދަތު ދިނުމުގެ ގޮތުން އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ މުއްދަތު މި އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް އިތުރުކޮށްދީފި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ