ރައީސް ހޫގޯ ޗާވޭސް އަވަހާރަ ވުމާއި ގުޅިގެން ވެނެޒުއޭލާގެ ރައީސް އަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބު އަންނަ އޭޕްރީމް މަހުގެ 14 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއްގެ ފަހުން ޗާވޭސް އަވަހާރަވީ މި މަހުގެ ފަސް ވަނަ ދުވަހު، އެ ގައުމުގެ މިލިޓަރީ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ގެންދަނިކޮށެވެ. އޭނާ އަވަހާރަވީއިރު މިދިޔަ އޮކްޓޯބަރު މަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވާފައި ވީނަމަވެސް ސިއްހީ ހާލަތު ތަންނުދިނުމާއި ގުޅިގެން ވެރިކަމުގެ ހުވާ ކުރައްވާފައެއް ނުވެއެވެ.
ޗާވޭސް ވެނެޒުއޭލާގެ ރައީސްކަން ކުރައްވާތާ އަވަހާރަވީއިރު ވަނީ 14 އަހަރު ވެފައެވެ. އޭނާ އަކީ ވެނެޒުއޭލާގެ ގިނަ ބައެއްގެ ތާއީދާއި، އިހުތިރާމް ލިބިފައިވާ ލީޑަރެކެވެ. އޭނާ އަވަހާރަ ވުމާއި އެކު މިހާރު ވެރިކަމާއި ހަވާލުވެ ވަޑައިގެންފައިވަނީ ނައިބުރައީސް ނިކޮލޮސް މަޑޫރޯ އެވެ.
އަވަހާރަވުމުގެ ކުރިން ޗާވޭސް ވަނީ އޭނާ ނެތް ހާލަތެއްގައި ވެރިކަމަށް މަޑޫރޯ ކުރިމަތި ލެއްވުމަށް އެދިވަޑައިގެންފައެވެ. އެގޮތުން އޭޕްރީމް މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވެރިކަންކުރާ ޕާޓީގެ ފަރާތުން މަޑޫރޯ ކުރިމަތި ލައްވާއިރު ބެލެވޭ ގޮތުގައި އިދިކޮޅު ކެނޑިޑޭޓެއްގެ ގޮތުގައި ނިކުންނަވާނީ އިދިކޮޅު ލީޑަރު ހެންރިކް ކެޕްރިލްސް އެވެ.
މިދިޔަ އޮކްޓޯބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައިވެސް ޗާވޭސްއާއި ވާދަ ކުރެއްވީ ހެންރިކް އެވެ. ޗާވޭސް އިންތިހާބު ކާމިޔާބު ކުރެއްވީ ވޯޓު ލީމީހުންގެ ތެރެއިން 54 އިންސައްތަ މީހުންގެ ވޯޓު ހޯއްދަވައިގެންނެވެ. ހެންރިކްއަށް ލިބިވަޑައިގެންނެވީ 44 އިންސައްތައެވެ.
ތަޖުރިބާ ކާރުން ބުނާގޮތުގައި އޭޕްރީލް މަހު ބާއްވާ އެގައުމުގެ ރިޔާސީ އިންތިހާބު ފަސޭހަ ކަމާއި އެކު، ބޮޑު އަގުލަބިއްޔަތަކުން އުމުރުން 50 އަހަރުފުޅުގެ މަޑޫރޯ ކާމިޔާބު ކުރައްވާނެއެވެ. އަދި އުމުރުން 40 އަހަރުގެ ހެންރިކް އަށް މިފަހަރުގެ އިންތިހާބުގައި ތާއީދު ކުރީ ފަހަރަށްވުރެ ދަށް ވާނެއެވެ.
ވެނެޒުއޭލާގެ ރިޔާސީ އިންތިހާބު އަންނަ އޭޕްރީމް މަހު ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ