މެމްބަރު އާޒިމްގެ މައްޗަށް ހުކުމް ކުރުން އަންނަ މަހުގެ ނުވަ ވަނަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރި ކަމަށް ބުނެ ދައުލަތުން އޭނާގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އަންނަ މަހުގެ ނުވަ ވަނަ ދުވަހު އިއްވަން ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ. މިދިޔަ ފެބްރުއަރީ މަހު އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ އާޒިމްގެ މައްޗަށް ކުރާ އެ ދައުވާގެ އަޑުއެހުންތައް ކޯޓުން ވަނީ މި މަހުގެ ކުރީކޮޅު ނިންމާލައިފަ އެވެ. އެނގިފައިވާ ގޮތުގައި އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެ މައްސަލައިގެ ހުކުމް އިއްވަން ކޯޓުން މިހާރު ވަނީ ނިންމައިފަ އެވެ. އެމްޑިޕީގެ މެމްބަރު އާޒިމްގެ މައްޗަށް ކުރާ ދައުވާގައި ވަނީ މުޒާހަރާކުރި ސަރަހައްދު ދޫކޮށްދާން ފުލުހުން އެންގުމުން ވެސް އެ ސަރަހައްދު ދޫކޮށް އާޒިމް ގޮސްފައި ނުވާ ކަމަށެވެ. އެ ދައުވާ ސާބިތުވިޔަސް އާޒިމްގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ނުބެލެވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލޭނީ އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައިސްގެން ކަމަށްވާއިރު، އާޒިމްގެ މައްޗަށް ދައުވާކުރާ ކުށަށް އެންމެ ބޮޑު އަދަބަކަށް ވެސް އޮންނަނީ ހަ މަހަށް ޖަލަށް ލުމެވެ. އަދި އާ ގާނޫނުލްއުގޫބާތުގެ ދަށުން އެއަށް ވުރެ ވެސް ލުއި އަދަބެއް އާޒިމަށް އައުމަކީ އެކަށީގެންވާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ