މައުމޫން ހަމީދާ އެކު ޕީޖީގެ މަގާމަށް ފަސް ބޭފުޅަކު ކުރިމަތިލައްވައިފި

ހުސްވެފައިވާ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ކުރީގެ އެޓޯލްސް މިނިސްޓަރު އަބްދުﷲ ހަމީދުގެ ދަރިކަލުން އަދި ގާނޫނީ ވަކީލު މައުމޫން ހަމީދާ އެކު ފަސް ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހިމް މުއާޒު މިއަދު ސަން އަށް ވިދާޅުވީ މައުމޫން ހަމީދުގެ އިތުރުން އެ މަގާމަށް ކުރިމަތިލައްވާފައިވާ އަނެއް ހަތަރު ބޭފުޅުންނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ކަން ކުރައްވާފައިވާ މ. ވައިނުޖެހޭގޭ މަރިޔަމް ޒުލްފާ އާއި މިހާރު ވެސް ޑެޕިއުޓީ ޕީޖީގެ މަގާމުގައި ހުންނެވި ހ. ހިޔާކަން، ހުސެން ޝަމީމު އާއި ޕީޖީ އޮފީހުގައި މަސައްކަތް ކުރާ، ގާނޫނީ ވަކީލެއް ކަމުގައިވާ ދަފްތަރު އައިޝަތު ފަޒްނާ އަހުމަދު އަދި ޝަރީއާ އެންޑް ލޯ އިން ޑިގްރީއެއް ނަންގަވާފައިވާ ގާނޫނީ ވަކީލެއް ކަމުގައިވާ މއ. ބިންމާވިލާ، އިސްމާއިލް ވަހީދެވެ.
މުއާޒު ވިދާޅުވީ މި ބޭފުޅުންގެ ނަންފުޅުތައް ދިރާސާ ކުރެމުގެ މަސައްކަތް ރައީސް އޮފީހުން ކުރަމުން އަންނަ ކަމަށާއި ނަންފުޅުތައް ދިރާސާ ކުރެވުނުހާ އަވަހަށް އެ ނަންފުޅުތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށެވެ.
ޕްރޮސެކިއުޓާ ޖެނަރަލްގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް ޕީޖީގެ މަގާމަށް ކުރިމަތިލާ މީހަކު ޝަރުއީ ނުވަތަ ގާނޫނީ ދާއިރާއާ ގުޅުން ހުރި މަސައްކަތް ކުރާ ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕެއް ނުވަތަ ނުވަތަ މިނޫން ވެސް އެފަދަ ތަނެއްގައި ހިއްސާއެއް ނުވަތަ މަގާމެއް އޮތް މީހަކު ކަމުގައި ވެގެން ނުވާނެ އެވެ. އަދި ގާނޫނީ ދާއިރާ އިން ފުރަތަމަ ޑިގްރީއެއް ލިބިފައި ވުމާއި ޝަރުއީ ނުވަތަ ގާނޫނީ ދާއިރާގައި ރާއްޖޭގައި މަސައްކަތް ކުރާތާ މަދުވެގެން ހަތަރު އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައި ވާންޖެހޭނެ އެވެ.
ގާނޫނު ބުނާ ގޮތުން ޕީޖީގެ މަގާމަށް ކުރިމަތިލާ މީހަކު ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމާއި ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައިވެގެން ނުވާނެ އެވެ. އަދި ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިވެގެން ނުވާނެ އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް އިޢުލާންކޮށްފައި މިވަނީ އެމަގާމުގައި ކުރިން ހުންނެވި އަހުމަދު މުއިއްޒު އެ މަގާމުން އިސްތިއުފާ ދެއްވާފައިވާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ