ޝަރުއީ ދާއިރާގެ ރަސްމީ މަސައްކަތުގެ ވަގުތުން އެއް ގަޑިއިރު މަދުކޮށް، ރަސްމީ ކޮންމެ ދުވަހަކު ހަ ގަޑިއިރު މަސައްކަތް ކުރާ ގޮތަށް ސުޕްރީމް ކޯޓުން ހަމަޖައްސައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ) އިން އިއްޔެ ނެރުނު އެންގުމެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން ޝަރުއީ ދާއިރާގެ މަސައްކަތު ގަޑިއަކީ ހެނދުނު 8:00 އުން މެންދުރުފަހު 2:00 އަށް ކަމަށެވެ.
ޑީޖޭއޭއިން ބުނީ މި ގޮތަށް ހަމަޖެހިގެން ދިޔުމުން ގާނޫނުގައި ބުނާ ގޮތުގެ މަތިން މެންދުރު 12:00 އިން ފެށިގެން މެންދުރު 1:00 އާ ދެމެދު 30 މިނެޓްގެ ހުސްވަގުތު ކޮޅެއް ދޭނެ ކަމަށެވެ. އަދި މުވައްޒަފުންނަށް ދެވޭ ހުސް ވަގުތުގައި ކޯޓުގެ ނުވަތަ އިދާރާގެ މަސައްކަތް މެދު ނުކެނޑި ހިނގާނެ ގޮތެއްގެ މަތިން އިންތިޒާމްތައް ހަމަޖައްސަން ވާނެ ކަމަށް ވެސް ޑީޖޭއޭއިން ބުންޏެވެ.
ސުޕްރީމް ކޯޓުން މި ނިންމި ބަދަލާއެކު، ޝަރުއީ ދާއިރާގެ މުވައްޒަފުން މަސައްކަތް ކުރާނީ ސިވިލް ސާވިސް މުވައްޒަފުންނެކޭ އެއް މިންވަރަށް ހަ ގަޑިއިރެވެ. ކުރިން ޝަރުއީ ދާއިރާގެ މުވައްޒަފުން ރަސްމީ ދުވަސްތަކުގައި މަސައްކަތް ކުރަނީ ހަތް ގަޑިއިރެވެ. އެއީ ހެނދުނު 8:00 އިން މެންދުރުފަހު 3:00 އަށެވެ.
ރަސްމީ މަސައްކަތު ގަޑިއަށް ބަދަލު ގެނައި ނަމަވެސް، ޝަރުއީ ދާއިރާގައި ޑިއުޓީ އުސޫލުން މަސައްކަތް ކުރާ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑިއަކީ އެ މުވައްޒަފަކު ޑިއުޓީ ކުރަން ހަމަޖެހިފައިވާ ވަގުތު ކަމަށް ޑީޖީއޭގެ އެންގުމުގައި ވެއެވެ.
ޝަރުއީ ދާއިރާގެ ރަސްމީ މަސައްކަތުގެ ވަގުތު ކުޑަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ