މައުމޫން ފައުންޑޭޝަނުގެ ފުރަތަމަ އިހުޔާ ޖަލްސާ މިރޭ

ކުރީގެ ރައީސް މައުމޫން އުފައްދަވާފައިވާ މައުމޫން ފައުންޑޭޝަނުން މި ރޯދަމަހު ކުރިއަށް ގެންދާ އިހުޔާ ޕްރޮގްރާމްގެ ފުރަތަމަ ޖަލްސާ މިރޭ އޮންނާނެއެވެ.
މައުމޫން ފައުންޑޭޝަނުގެ އިހުޔާ ޖަލްސާތައް ބޭއްވުމަށް ނިންމާފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ. މިގޮތުން މި ރޯދަމަހުގެ ފުރަތަމަ ޖަލްސާ އޮންނާނީ މިރޭ 10:00 ގައި ކަމަށް މައުމޫން ފައުންޑޭޝަނުން މައުލޫމާތު ދެއެވެ.
މިރޭގެ ޖަލްސާގައި ރައީސް މައުމޫން ތަގުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ވާހަކަފުޅު ދައްކަވާނީ "އިސްލާމްދީނާއި ޖިހާދު" މި މައުޟޫއަށެވެ.
މިއަހަރުގެ ރަަމަޟާންމަހުގެ މުނާސަބަތުގައި މައުމޫން ފައުންޑޭޝަނުން ވަނީ "ހެޔޮކަމާއި ތަގުވާގެ މައްސަރު" ގެ ނަމުގައި ފޮތެއް ވެސް ޝާއިއުކޮށްފައެވެ. މިރޭ ބާއްވާ ޖަލްސާގައި މި ފޮތް ލިބެން ހުންނާނެ ކަމަށް ފައުންޑޭޝަނުން ބުނެއެވެ. ފޮތެއްގެ އަަގަކީ 50 ރުފިޔާއެވެ.
މި ފޮތަކީ ބަރަކާތްތެރި ރަމަޟާންމަހާއި، އެމަހުގެ ރޯދައާއި، އަދި އެކަމާ ގުޅިފައިވާ ބައެއް މުހިންމު ކަންކަމާބެހޭ އަސާސީ މައުލޫމާތު ހިމެނޭ ފޮތެކެވެ. އަދި ރަމަޟާންމަހުގެ މާތްކަމާ ބެހޭގޮތުން ރާއްޖޭގެ ބައެއް މަޝްހޫރު ޝާއިރުން ހައްދަވާފައިވާ ޅެންތަކެއް ވެސް މި ފޮތުގައި ހިމެނެއެވެ.
މައުމޫން ފައުންޑޭޝަނުގެ އިހުޔާ ޖަލްސާތައް މިއަހަރު ބޭއްވުމަށް ނިންމާފައިވަނީ ތިން ރެއެވެ. އެއީ މިރެއާއި މިމަހުގެ 21 ވަނަ ދުވަހުގެ ރެއާއި އަދި 28 ވަނަ ދުވަހުގެ ރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ