ސުޕްރީމް ކޯޓުގެ ޝަރީއަތްތައް ފުރަތަމަ ފަހަރަށް އޮންލައިންކޮށް ފަށައި، ޝަރީއަތްތައް ލަައިވް ކުރަން ނިންމައިފިއެވެ.
ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ އިއުލާންގެ ދަށުން އޮފީސްތައް ބަންދު ކޮށްފައިވާތީ އާންމު އުސޫލުން ޝަރީއަތްތައް އޮތީ މެދުކަނޑާލައިފައެވެ. ނަމަވެސް ބައެއް ކޯޓުތަކުން ވަނީ ޝަރީއަތްތައް އޮންލައިންކޮށް ކުރިއަށް ގެންދަން ފަށައިފައެވެ.
ސުޕްރީމް ކޯޓުން ވެސް ޝަރީއަތްތައް އޮންލައިންކޮށް ފެށުމަށް ނިންމައި، މިއަދު ވަނީ ގަވައިދެއް އާންމުކޮށްފަ އެވެ. އެ ގަވައިދަކީ ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ފަރާތްތައް ކޯޓަށް ހާޒިރުކޮށްގެން ޝަރީއަތް ކުރިއަށްގެންދިއުމަކީ ސިއްހީ ގޮތުން އެންމެ ރައްކާތެރިގޮތް ނޫން ކަމަށް ގަބޫލުކުރެވޭ ހާލަތްތަކުގައި ކޯޓުގެ ޝަރީއަތްތަކާއި ޝަރީއަތާ ގުޅުންހުރި އެންމެހައި ކަންކަން އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ކުރިއަށްގެންދިއުމަށްޓަކައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުން ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރުގެދަށުން އެކުލަވާލި ގަވައިދެކެވެ.
އެގޮތުން އެ ގަވައިދުގައި ސުޕްރީމް ކޯޓަށް ހުށަހަޅަން ބޭނުންވާ މައްސަލަތަކާއި މައްސަލަތަކާ ގުޅޭ ލިޔެކިޔުންތައް ކޯޓަށް ހުށަހަޅާނެ ގޮތާއި މައްސަލަ ރަޖިސްޓްރީކުރުމުގައި އަަމަލުކުރެވޭނެގޮތާއި މައްސަލައާ ގުޅޭ އިބްތިދާއީ ބައްދަލުވުންތައް ބާއްވައި މައްސަލައިގެ ލިޔެކިޔުންތައް ހަސްމުންގެ މެދުގައި ބަދަލުކޮށް، ލިޔެކިޔުމާއި ބަޔާންތަކުގައި ސޮއިކުރުމުގެ ކަންކަން އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ކުރިއަށްގެންދާނެ ގޮތް ބަޔާންކޮށްފައިވެއެވެ.
އޭގެ އިތުރުން ޝަރީއަތާ ގުޅިގެން ފޮނުވަންޖެހޭ ކޯޓު އަމުރު ފޮނުވޭނެގޮތާއި ޝަރީއަތުގެ މަޖިލީސްތައް އޮންލައިންކޮށް ކުރިއަށް ގެންދާނެގޮތާއި މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ދޫކުރުމުގައި އަަމަލުކުރެވޭނެގޮތުގެ އިތުރުން، ޝަރީއަަތާ ގުޅުންހުރި އެނޫން ވެސް މުއާމަލާތްތައް މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކުރިއަށް ގެންދާނެގޮތް އެ ގަވައިދުގައި ހިމެނެއެވެ.
ސުޕްރީމް ކޯޓުން ބުނީ، މިއަދުން ފެށިގެން އެ ގަވައިދަށް އަމަލުކުރަން ފެށުމާއެކު އެ ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ޝަރީއަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެހިގެންދާނެތީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ދުވަސްތައް ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފުކުރުމުގައި ނުގުނާ ގޮތަށް އޮތްއޮތުން ނިމުމަކަށް އަންނާނެ ކަމަށެވެ.
އެގޮތުން އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އާންމުކޮށް، ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ސުޕްރީމް ކޯޓުގައި މައްސަލަތައް އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނަން ފެށޭނެ ކަމަށް ވެސް އެކޯޓުން ބުނެއެވެ.
މި ގަވައިދަށް މިއަދު އަމަލުކުރަން ފެށުމާއެކު، ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ފޮނުވާނީ [email protected] އީމެއިލް އަށެވެ. ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ މުއާމަލާތްތައް ކުރަމުންގެންދާނީ އީ-މެއިލް، ފޯނު އަދި އެނޫން ވެސް އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށްގެންނެވެ.
އޭގެ އިތުރުން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ އެއްވެސް މައްސަލައަކާ ގުޅިގެން ހުށަހަޅަން ބޭނުންވާ ޝަކުވާއެއް އޮތްކަމުގައިވާނަމަ އީމެއިލް މެދުވެރިކޮށް ފޮނުވޭނެ ގޮތް ހަމަޖައްސާފައިވާއިރު، އެ ގަވައިދަށް އަމަލުކުރަން ފެށުމާއެކު، ކޯޓުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތަކާއި، ގަޒިއްޔާ ނިމުނުގޮތުގެ ރިޕޯޓު ފަދަ ލިޔެކިޔުންތައް ފޮނުވަމުންގެންދާނީ އީމެއިލް ނުވަތަ އެނޫން ވެސް މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށެވެ.
އެ ގަވައިދުގައި ބުނެފައިވާގޮތުން، ކޮންމެހެން ކޯޓަށް ހާޒިރުވެގެން ނޫނީ ކުރިއަށްގެންދެވެން ނެތް ޝަރީއަަތްތައް ފިޔަވައި އެނޫން ޝަރީއަަތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށެވެ. އަދި ސިއްރު ކުރަން ޖެހޭ ޝަރީއަތްތައް ފިޔަވައި އެހެން ޝަރީއަތްތައް ޓުވީޓާ އާއި ޔޫޓިއުބް މެދުވެރިކޮށް ލައިވް ކުރެވޭނެ ކަމަށް ވެސް އެ ގަވައިދުގައިވެއެވެ.
ސުޕްރީމް ކޯޓުގެ ޝަރީއަތްތައް ފުރަތަމަ ފަހަރަށް އޮންލައިންކޮށް ފަށައިި، ލަައިވް ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ