ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރުކުރަން އުޅުނު ބަޔަކު ކަސްޓަމްސްއިން ހިފަހައްޓައިފި

ގިނަ އަދަދެއްގެ ނަގުދު ފައިސާ ޤަވާއިދާ ޚިލާފަށް ވައިގެ މަގުން ރާއްޖެއިން ބޭރުކުރުމަށް މަސައްކަތް ކުރި ތިން މީހަކު ހިފަހައްޓައި އެމައްސަލަ ތަޙުޤީޤު ކުރުމަށްޓަކައި އެމީހުންނާއި ފައިސާ ފުލުހުންނާއި ހަވާލުކޮށްަފައިވާ ކަމުގައި މޯލްޑިވުސް ކަސްޓަމްސް ސާވިސަސްއިން ބުނެފިއެވެ.
ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ނޮވެމްބަރު 4 ވަނަ ދުވަހުގެރޭ 18:30ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސިންގަޕޫރަށް ފުރަން ދިޔަ އިންޑިއާގެ ތިން މީހުން ކަމަށާއި، އެމީހުންގެ އަތުން އެކިޤައުމުތަކުގެ ގިނައަދަދެއްގެ ނަގުދު ފައިސާ ފެނިފައިވާ ކަމަށެވެ.
އެހެން ނަމަވެސް އެމީހުންގެ އަތުން ފެނުނު ފައިސާގެ ތަފްސީލްތަކެއް ކަސްޓަމްސްއިން ހާމައެއް ނުކުރެއެެވެ. ކަސްޓަމްސްއިން ބުނީ އެމީހުން ހިފަހައްޓައި ފުލުހުންނާއި ހަވާލުކޮށްފައި ވަނީވެސް މިހިނގާ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުގައި ކަމަށެވެ.
އެމީހުން މަސައްކަތްކޮށްފައި ވަނީ، ރާއްޖެއިން ބޭރަށް ފައިސާ ގެންދިޔުމުގައި ނަގަންޖެހޭ ހުއްދަތައް ނުނަގައި ފައިސާތައް ހިފައިގެން ސިންގަޕޫރަށް ފުރުމަށް ކަމަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ.
ކަސްޓްމްސް އިން ބުނީ އެފައިސާތަކާއި މީހުން ހިފަހައްޓާފައި ވަނީ ދިވެހިރާއްޖެއަށް އެތެރެކުރާ އަދި ބޭރުކުރާ ނަގުދު ފައިސާގެ ޤަވާއިދާއި ޚިލާފުވުމުން ކަމަށެވެ. އަދި އެމައުލޫމާތު ކަސްޓަމްސްއަށް ދީފައި ވަނީ އާއްމުފަރާތަކުން ކަމަށްވާތީ އެކަމަށް ކަސްޓަމްސްއިން ޝުކުރު އަދާކޮށްފައިވެއެވެ.
މީގެ އިތުރުން ރާއްޖެއިން ފައިސާ ބޭރު ކުރާނަމަ ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ކަސްޓަމްސްއަށް ރިޕޯޓް ކުރުމަށް ކަސްޓަމްސްއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ