124 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެތެރޭގައި ހިމެނިގެން ބޭއްވި ސިފައިންގެ އާއިލީ ހަވީރު މިއަދު ނިންމާލައިފިއެވެ.
މިމަހު 29 ން 30 އަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ސިފައިންގެ އާއިލީ ހަވީރަކީ ސިފައިންގެ އާއިލާތަކަށާއި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ދިޔަ ޢާއިލީ ހަވީރެކެވެ. މި އާއިލީ ހަވީރުގައި ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީއަށް ޒިޔާރަތްކުރުމާއި ސިފައިން ބޭނުންކުރާ ބައެއް އެއްގަމު އުޅަނދުތަކާއި ސިފައިންގެ ޔުނީފޯމްތަކުގައި ފޮޓޯނެގުން ހިމެނެއެވެ. އަދި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި ދެވަނަ ހެލިކޮޕްޓަރުގެ އުދުހުމުގެ ހަރަކާތްތައްވެސް އިއްޔެ ވަނީ އެސަރަހައްދުގައި ދައްކާލާފައެވެ. މީގެ އިތުރުން ކުޑަކުދިންނަށް ޚާއްޞަކޮށްފައިވާ ތަފާތު ކުޅިވަރުތަކާއި ސްޓޯލްތަކުގެ އިތުރުން ސްޓޭޖް އައިޓަމްގައި "ހަބޭސް ބޮޑުބެރު ގްރޫޕް" އަދި "މަންދީރާ ބޮޑުބެރު ގުރޫޕު" ބައިވެރިވެފައިވާއިރު މޫދުގެ ޚާއްޞަ ކުޅިވަރުތައްވެސް ބޭއްވިފައިވެއެވެ.
ސިފައިންގެ ޢާއިލީ ހަވީރު ހުޅުވުމުމުގެގޮތުން ޖުމުހޫރީ މައިދާނުގައި އިއްޔެ ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އާއިލީ ހަވީރު ހުޅުވައިދެއްވީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާގެ އަނބިކަނބަލުން އަލްފާޟިލާ ފާތިމަތު އިބްރާހީމެވެ. ޢާއިލީ ހަވީރު ހުޅުވުމުގެ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އަލްފާޟިލް އާދަމް ޝަރީފް ޢުމަރު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި މިއާއިލީ ހަވީރުގައި ގިނަ ސިފައިންނާއި ސިފައިންގެ އާއިލާތަކުގެ މެންބަރުންގެ އިތުރުން ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާންމު ރައްޔިތުންވަނީ ބައިވެރިވެފައެވެ.
ސިފައިންގެ ޢާއިލީ ހަވީރު ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ