ކަންކަން ފުރިހަމަނުކޮށް މުއްދަތު އިތުރެއް ނުކުރެވޭނެ: އުމަރު

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯއްދެވުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެދިވަޑައިގެންފައި ވީނަމަވެސް ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް ހުށަހެޅުމުން ނޫނީ އެކަން ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އުމަރު ވިދާޅުވީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ރައީސް ނަޝީދަށް ސަރުކާރުން ހުއްދަ ދިނީވެސް ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމުން ކަމަށެވެ. ހަމަ އެގޮތަށް މުއްދަތު އިތުރުކުރެވޭނީ ވެސް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަޔަށް ހުށަހެޅުމުން ކަމަށް އުމަރު ވިދާޅުވިއެވެ.
"މުއްދަތު އިތުރުކޮށްދޭނަން. އެކަމަކު އެއީ ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމުން. ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުމުން ނޫނީ އެކަމެއް ނުކުރެވޭނެ" އުމަރު ވިދާޅުވިއެވެ.
އާންމު ގޮތެއްގައި ކުށްވެރިން ބޭސްފަރުވާއަށް ވީއްލަނީ ގައިދީންގެ ބޭސްފަރުވާއާ ގުޅޭ ގަވައިދުގެ ދަށުންނެވެ. ނަމަވެސް ރައީސް ނަޝީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް އެދިވަޑައިގަތުމުން 30 ދުވަހުގެ މުއްދަތެއް ސަރުކާރުން ދިނީ ކުރީގެ ރައީސުންނާ ބެހޭ ގާނޫނުގެ ދަށުން ބަންޑާރަ ނާއިބުގެ ލަފަޔަކަށެވެ.
ނަމަވެސް ހޯމް މިނިސްޓަރު ވިދާޅުވީ މުއްދަތު އިތުރުކުރުމަށް ބަންޑާރަ ނާއިބުގެ ލަފާ ބޭނުންނުވާނެ ކަމަށެވެ.
މުއްދަތު އިތުރުކުރުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުމުން ސަރުކާރުން މުއްދަތު އިތުރުކޮށްދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް ވީނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވިދާޅުވީ ރައީސް ނަޝީދުގެ ބޭސްފަރުވާއަށް 30 ދުވަހުގެ މުއްދަތެއް ދިނީ ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުން ނޫން ކަމަށާއި އެހެންކަމުން މުއްދަތު އިތުރުކުރުމުގެ ބާރެއް ވެސް ބޯޑަށް ނެތް ކަމަށެވެ.
އެކަމުގައި ގޮތެއް ނިންމޭނީ ހޯމް މިނިސްޓަރާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް ވެސް ވިދާޅުވިއެވެ.
"30 ދުވަސް އެއޮތީ އެހެން ގާނޫނެއްގެ ތެރެއިން ދީފައި. އެއީ ބޯޑުން ދީފައި އޮތް މުއްދަތެއް ނޫން. އެހެންވީމަ މުއްދަތު އިތުރުކުރަން ޖެހުނީމަވެސް އަޅުގަނޑުމެން ޖެހޭނީ ވަޒީރާ މަޝްވަރާ ކުރަން" ހުޝާމް ވިދާޅުވިއެވެ.
ހުޝާމް ވިދާޅުވީ މުއްދަތު އިތުރުކުރުމުގައި ގޮތެއް ނިންމޭނީ ހޯމް މިނިސްޓަރު ވިދާޅުވާ ގޮތެއްގެ މަތިން ކަމަށެވެ. އަދި ރައީސް ނަޝީދު ބޭރަށް ފޮނުވީ ކަރެކްޝަނުން ފުރިހަމަކުރަންޖެހޭ ފޯމުތައް ފުރިހަމަކޮށް ހޯދަންޖެހޭ ސޮއިތައް ހޯދުމަށް ފަހުކަން ހުޝާމް ފާހަގަކުރެއްވިއެވެ. އެހެންކަމުން މުއްދަތު އިތުރުކުރުމުގައި ވެސް އެ މުއައްސަސާއިން ކުރަންޖެހޭ ކަންކަމާ ހަމައަށް އައުމުން އެކަންކަން ކުރާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދު އެދިވަޑައިގެންފައިވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ހުންނެވުމަށް ދެމަސް ދުވަސް އިތުރުކޮށްދިނުމަށެވެ.
ކަރެކްޝަނުން ވަނީ އެމަނިކުފާނު އިނގިރޭސިވިލާތަށް ވަޑައިގަތް ދުވަހުން ފެށިގެން ބޭސްފަރުވާގެ ކަންކަން ކުރިއަށްދާ ގޮތް މެޑިކަލް ޑޮކިއުމަންޓްތަކާއެކު ފޮނުވައިދިނުމަށް އަންގާފައެވެ. ނަމަވެސް ބޭސްފަރުވާގެ އެއްވެސް މައުލޫމާތެއް ނަޝީދުގެ ފަރާތުން އަދި ފޯރުކޮށްނުދޭ ކަމަށް ކަރެކްޝަނުން ބުނެއެވެ.
ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ނަޝީދު ފުރާވަޑައިގަތީ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެމަނިކުފާނުގެ ބޭސްފަރުވާއަށް ހައެއްކަ މަސް ހޭދަވާނެ ކަމަށް ވަކީލުން ވިދާޅުވެފައި ވެއެވެ.
ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަކަށް އެދިވަޑައިގަތީ އެމަނިކުފާނުގެ މައިބަދައާއި ގުޅިފައިވާ ނާރެއް ފިތޭތީ އެމަނިކުފާނަށް ކުރިމަތިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާތީއެވެ. ނަމަވެސް އިނގިރޭސިވިލާތަށް ވަޑައިގެން އެކިއެކި ބޭފުޅުންނާ ބައްދަލުކުރެއްވުމުގެ އިތުރަށް ނޫސްވެރިންގެ ބައްދަލުވުން ބައްވައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ބައިނަލްއަގުވާމީ މީޑިއާއަށް މައުލޫމާތު ދެއްވުން ފަދަ ކަންކަން ކުރައްވާފައި ވާތީ ބޭސްފަރުވާއަށް ވުރެ ބޮޑަށް އެމަނިކުފާނު އިސްކަންދެއްވަނީ މީޑިއާގެ ސަމާލުކަން ހޯއްދެވުމަށް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ރައީސް ނަޝީދުގެ މައްޗަށް އުފުލުނު ޓެރަރިޒަމްގެ ކުށް ސާބިތުވެ އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ 13 މާޗު 2015 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ