ރައީސް މައުމޫން ޕީޕީއެމް ހިސޯރުކުރައްވާފަވާ ކަމަށް ބުނާ މައްސަލަ އަނެއްކާ ވެސް ސިވިލް ކޯޓަށް ހުށަހަޅައިފި

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ޕީޕީއެމް ހިސޯރުކުރައްވާފައިވާ ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބޭރުކޮށްލުމާއެކު އަނެއްކާ ވެސް އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
ރައީސް މައުމޫނާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ މިމަހުގެ އެއްވަނަ ދުވަހު އެކޯޓުން ބޭރުކޮށްލީ އެމައްސަލަ ހުށަހެޅި ފަރާތުގެ ވަކީލް މަގުބޫލު އުޒުރެއް ނެތި ޝަރީއަތަށް ހާޒިރުނުވުމުންނެވެ. އެމައްސަލަ އަނެއްކާވެސް އިއްޔެގެ ވަގުތެއްގައި ކޯޓަށް ހުށަހެޅީ ކުރިން ވެސް އެމައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އާއި، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އެވެ.
އެމައްސަލައިގެ ފުރަތަމަ އަޑުއެހުން ބުދަ ދުވަހުގެ މެންދުރުފަހު 2:00 އަށް ވަނީ ތާވަލްކޮށްފައެވެ. ކޯޓަށް ހުށަހެޅި މައްސަލާގައި ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ޕާޓީގެ ގުނަންތައް ރައީސް މައުމޫނު ހުއްޓުވާފައިވާތީ އެކަމަށް ނިމުމެއް ގެނެސްދީ ޕީޕީއެމް އިސްލާހު ކުރުމަށް، ރައީސް މައުމޫން އިއުލާންކުރައްވާފައިވާ އިސްލާހީ އެޖެންޑާ ބާތިލްކޮށްދިނުމަށްވެސް ވަނީ އެދިފައެވެ.
ރައީސް މައުމޫން ވަނީ މިމައްސަލަ ކޯޓަށް ވައްދާފައިވަނިކޮށް ޕާޓީގެ ކައުންސިލާއި، ކޮމިޓީތައް ހުއްޓުވާފައި އޮތް އޮތުން ނިމުމަކަށް ގެންނަވައި ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް ކޮމިޓީތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ