އެއްބަސްވުމަށް އަމަލުނުކުރާނަމަ ގާސިމް ނޫން ބޭފުޅުންނަށް ދީފައިހުރި ރަށްތައް ވެސް އަތުލާނަން – ރައީސް

ސަރުކާރާއި އެކު ވެފައިވާ އެއްބަސްވުންތަކަށް އަމަލު ނުކުރާނަމަ ސަރުކާރުން ދޫކޮށްފައިވާ ރަށްތަށް އަތުލާނެ ކަމަށާއި ސަރުކާރުން ބާތިލް ކުރާނީ ހަމައެކަނި ގާސިމް އިބްރާހިމް އާއި އެކު ވެފައި ހުރި އެއްބަސްވުންތައް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޗައިނާ އަށް ކުރަށްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގަތުމުގެ ކުރިން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނާއި ބައްދަލުކުރަށްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ "މިއީކީ ރާއްޖޭގައި ހުރި އެންމެ ބޮޑު ވިޔަފާރިވެރިޔާ އަށް ވީމަ ވާ ގޮތެއް ނޫން،" ކަމަށެވެ.
ގާސިމްގެ ވިލާ އެއާ އަށް ދޫކޮށްފައި އޮތް ކާޑެއްދޫ އެއާޕޯޓްގެ އެއްބަސްވުން މިއަދު ބާތިލްކޮށްފައި ވާއިރު، އަދި ދަނޑުވެރިކަން ކުރުމަށް ދީފައިވާ ލ. ބަރެސްދޫގެ އަލުން ވިލާ އަށް ނުދިނުމަށް ސަރުކާރުން މިއަދު ވަނީ ނިންމާފައެވެ. އަދި މަސް ފެކްޓްރީއެއް ހެދުމަށް ގދ. ހޯޑެއްދޫ އިން ގާސިމްގެ ބޮޑު ހިއްސާއެއް އޮންނަ ހޮރައިޒަން ފިޝަރީޒަށް ދީފައިވާ ބިން އަތުލުމުގެ ނޯޓިސް ވެސް ސަރުކާރުން ވަނީ ނޯޓިސް ފޮނުވާފައެވެ.
"އެންމެ ބޮޑު ވިޔަފާރިވެރިޔާ ވެސް، އެންމެ ކުޑަ ވިޔަފާރިވެރިޔާ ވިޔަސް، މިގޮތަށް އާންމުކޮށް ގަވައިދުތަކެއް ޝާއިރުކުރެވިފައި ނުވަތަ ރައްޔިތުންގެ ހައްގުގައި ނުވަތަ ރައްޔިތުންނަށް ފައިދާވާ ގޮތަކަށް ކަންތައްތައް ބައްޓަން ކުރުމަށް ފަހު އިސްތިސްނާ ދެވޭނެ ގޮތެއް ނޯވޭ." ރައީސް ވިދާޅުވިއެވެ.
ލ.އަތޮޅު ބަރެސްދޫ ގާސިމް އަށް ނުދޭން ސަރުކާރުން ނިންމި ނިންމުމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ "ބަރެސްދޫ 21 އަހަރުވެއްޖެ ދީފަ އޮންނަތާ. އެތާކު ނެތް ކޮށްފައޮތް އެއްވެސް މަސައްކަތެއް. ބަރެސްދޫ އަކީ ބޮޑު ބިޔަ ރަށެއް. އެރަށަކީ މިހާރު ދަނޑުވެރިކަމުގެ ސިނާއަތަށް ނުދީ ފަތުރުވެރިކަމުގެ ސިނާއަތަށް ދީފަ އޮންނަ ނަމަ އެތައް މިލިއަން ޑޮލަރެއް ލިބިގެންދިޔައީސް." ކަމަށެވެ.
ރައީސް ވިދާޅުވީ އެއްބަސްވުންތަކަށް އަމަލުނުކުރާ ފަރާތްތަކާއި އެކު ސަރުކާރުން ވެފައިވާ އެއްބަސްވުންތައް ބާތިލް ކުރުން އެއީ ވިޔަފާރިއަށް ހުރަސް އެޅުން ނޫން ކަމަށެވެ. "މިއީ ކޮންމެހެން އިގްތިސާދާއި ވިޔަފާރިއަށް ހުރަސްއަޅެނީ ނޫންހެން. އިގްތިޞާދާއި ވިޔަފާރީގެ ކަންތައްތައް ކުރިއެރުވުމަށް ދީފަ ހުންނަ ތަންތަން އެއާ އެއްގޮތަށް ބޭނުން ނުކުރާއިރު، ވެސް ބަހައްޓާފަ ހުރެއްޖެއްޔާ އެއީ ހުރަސްއެޅުން" ކަމަށް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ