އުނގޫފާރު ގޮނޑިއަށް މެމްބަރު އަމީން ވާދަ ނުކުރައްވަން ނިންމަވައިފި

ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުން، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ގޮނޑި ހުސްވުމުން، އެ ގޮނޑި ފުރުއްވެވި އަފްރާޝީމްގެ ކޮއްކޯފުޅު އިބްރާހިމް އަމީން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމަވައިފި އެވެ.
ޑިސެމްބަރު 5، 2012ގައި މަޖިލިސް މެމްބަރު ކަމުގެ ހުވާ ކުރައްވައި، އުނގޫފާރު ދާއިރާގެ ގޮނޑިއަށް ވަޑައިގެންނެވި އަމީން މިއަދު "ސަން"އަށް ވިދާޅުވީ މަޖިލީހަށް ކުރިމަތިލެއްވުމުގެ ޝައުގުވެރި ކަމެއް މިހާރަކު ނެތް ކަމަށެވެ. އުނގޫފާރު ދާއިރާގެ ގޮނޑިއަށް އޭނާ ވާދަ ނުކުރެއްވިޔަސް، އެ ގޮނޑިއަކީ ޕީޕީއެމަށް ކަށަވަރު ގޮނޑިއެއް ކަމަށާއި ޕީޕީއެމް ޓިކެޓުގައި ނުކުންނަވާ ބޭފުޅަކު އެ ގޮނޑި ނަންގަވާނެ ކަމަށް އަމީން ވިދާޅުވި އެވެ.
ސިޔާސީ ދާއިރާއަށް ދުރަށް ވަޑައިގަންނަވަން ބޭނުންފުޅު ވެވަޑައިގަންނަވާ ކަމަށް އިޝާރާތް ކުރައްވައި އަމީން ވިދާޅުވީ ބޭބޭފުޅު އަވަހާރަކޮށްލުމުން އުނގޫފާރު ދާއިރާގެ ބައި އިލެކްޝަން ވާދަ ކުރައްވައި، ކާމިޔާބު ހޯއްދެވީ ބޭބޭފުޅުގެ "ދައުރު" މަޖިލީހުގައި ފުރިހަމަ ކުރެއްވުމަށް ކަމަށެވެ.
"ބޭބޭގެ [އަފްރާޝީމް] އާއިލާއިން ވެސް އެހި ގޮނޑިއަށް ދެން ކުރިމަތިލާންނަން ތޯ؟ ޕާޓީގެ އިސް ބޭފުޅުންނާއި ރައްޓެހިން ވެސް އެދޭ މެމްބަރު ކަމަށް އަދި ކުރިމަތިލާން. އެކަމަކު މިހާރު އެކަމުގެ ޝައުގުވެރި ކަމެއް ވެސް ނެތް. ބޮޑަށް ބޭނުން ވެސް ނުވަނީ،" އުނގޫފާރު ދާއިރާގެ މަޖިލިސް ބައި އިލެކްޝަންގައި 81 ވޯޓުގެ ތަފާތަކުން އެމްޑީޕީގެ ކެންޑިޑޭޓް ޑރ. އަހުމަދު އަޝްރަފާ ވާދަ ކުރައްވައި އުނގޫފާރު ގޮނޑި ކާމިޔާބު ކުރެއްވި އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވި ގޮތުގައި 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު، މިއަހަރުގެ މެއި، 28ގައި ނިމުމުން، ވަޑައިގަންނަވާނީ އަމިއްލަ ރަށް، އުނގޫފާރަށެވެ. ރަށުގެ ދިރިއުޅުމަށް ބަދަލުވެވަޑައިގެން، ރަށުގައި ސިވިލް ސާވިސް ވަޒީފާއެއް ހޯއްދެވުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް އަމީން ވިދާޅުވި އެވެ.
އުނގޫފާރު ދާއިރާގެ ގޮނޑިއަށް އަމީން ވާދަ ނުކުރައްވާތީ، ޕީޕީއެމް ޓިކެޓް ހޯއްދެވުމަށް ޕްރައިމަރީގައި ތިން ކެންޑިޑޭޓުން ވާދަ ކުރައްވަ އެވެ. އެއީ އުނގޫފާރު ދާއިރާގެ އަތޮޅު ކައުންސިލަރު ޖައުފަރު ދާއޫދާއި، އެ ދާއިރާގެ މާކުރަތު ބޭފުޅެއް ކަމަށްވާ އަހުމަދު ސައީދާއި ހުޅުދުއްފާރު ބޭފުޅެއް ކަމަށްވާ ނާޖިހު ޖިނާހެވެ. ޖިނާހު ވަނީ އެންމެ ފަހުން ބޭއްވި މަޖިލީހުގެ އުނގޫފާރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރައްވައި ނާކާމިޔާބުވެވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ