7 ނުވަތަ 10 ދުވަހުގެ ތެރޭގައި، ރައީސް ނަޝީދަށް ހާއްސަކޮށްގެން މާފުށީ ޖަލުގައި ހަދާ އެޕާޓްމެންޓް ނިންމާލެވޭވަރު ވާނެކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޓީވީއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިހާރު އެތަނުގެ މަސައްކަތް ފެށިފައިވާ ކަމަށާއި، 7 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް އަންގާފައިވާނެ ކަމަށެވެ.
"އަޅުގަނޑު މީގެ ދެ ދުވަސްކުރިން އެތަނަށް ގޮަސް މަސައްކަތް ކުރިއަށްދާ ގޮތް ވާނީ ބަލާފައި. އަޅުގަނޑު ވާނީ އަންގާފަ 7 ދުވަހުގެ ތެރޭ މަސައްކަތް ނިންމުމަށް" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ، ރައީސް ނަޝީދު ބެހެއްޓުމަށް ހަމަޖެހިފައިވާ ތަނަކީ މީގެކުރިން ގޮޅި ބަރިއެއް ކަމަށާއި، އެތަން އަލުން ތަޅާލުމަށްފަހު މަސައްކަތް ކުރިއަށްދާތީ ވަގުތު ނަގާނެ ކަމަށެވެ.
"އުއްމީދަކީ 7 ނުވަތަ 10 ދުވަސްތެރޭ މަސައްކަތް ނިންމާލުން" އުމަރު ވިދާޅުވިއެވެ.
ރައީސް ނަޝީދު ހާއްސަކޮށްގެން މާފުށީ ޖަލުގައި ހަދާ އެޕާޓްމެންޓްގައި، އެއް ރޫމް، ސިޓިންގ ރޫމްއެއް ހުންނާނެ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
އަދި އެތަން ހުންނާނީ ފަރުނީޗަރު އެކީގައި އޭސީ، ޓީވީ އަދި ވީސީޑީ ޕްލެޔާ ބޭނުން ކުރެވޭ ގޮތަށް ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް ނަޝީދު ހުންނަވާ ޖަލާއިއެކު 1087 އަކަ ފޫޓުގެ ބަގީޗާއެއް އޮންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެމަނިކުފާނުގެ “ރަށްޓެހި ގައިދީންނާ” އެކު ވެސް ތިބެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
2012 ވަނަ އަހަރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގަދަކަމުން ފޮރުވި މައްސަލައިގައި ނަޝީދުގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވާތީ، އެމަނިކުފާނު 13 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވީ މައްސަލަ ނިންމި ގޮތުގެ ތަފްސީލް ލިބުމާ އެކު އިސްތިއުނާފަށް ހުށަހަޅުއްވާނެ ކަމަށާއި ޓީމުން މަސައްކަތް ކުރަމުން ދަނީ ވީހާވެސް އަވަހަކަށް އެމައްސަލަ ހައި ކޯޓަށް ހުށަހެޅުމަށް ކަމަށެވެ.
ނަޝީދު ބަންދުކުރާ އެޕާޓްމެންޓް 7 ދުވަސްތެރޭ ނިމޭނެ - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ