މައުމޫން އަބަދުވެސް އަމަލުކުރައްވާނީ ގާނޫނު އަސާސީ އާއި އެއްގޮތަށް - ޕީޕީއެމް

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަބަދުވެސް އަމަލުކުރައްވާނީ، ގާނޫނު އަސާސީ އާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް، ޕީޕީއެމްއިން ބުނެފިއެވެ.
ޕީޕީއެމްއިން ނެރުނު ކުރު ނޫސްބަޔާނެއްގައި ބުނީ، ރައީސް މައުމޫން ގާނޫނު އަސާސީ އާއި ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން، އެ ޕާޓީގެ މެމްބަރުންނަށް އަރުވާ ކަމަށެވެ.
ޕީޕީއެމްއިން މިހެން ބުނެފައިމިވަނީ، އިދިކޮޅު ފަރާތްތަކުން އުފައްދާ އިންތިގާލީ ސަރުކާރެއްގައި ރައީސް މައުމޫންގެ ބައިވެރިވުން އޮންނާނެ ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
އިންޑިއާގެ ނޫހަކަށްދިން އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރަނގަޅު ޑިމޮކްރެސީއެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނައިރު އެކަމުގައި ރައީސް މައުމޫންވެސް ބައިވެރިވެވަޑައިންނަވާ ކަމަށެވެ.
އަދި ރައީސް މައުމޫނަށް ޕީޕީއެމްއިން ދެކޮޅު ހެދުމަކީ ގޯސް ކަމެއް ކަމަށާއި އެފަދަ ކަންތައްތައް ހުރުމުގެ ސަބަބުން ދެން އޮންނަ އިންތިހާބެއް އަންނަން ވާއިރަށް، އިންތިގާލީ ސަރުކާރެއް ގާއިމު ކުރަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އިދިކޮޅު އިއްތިހާދުން އަންނަނީ ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރާނެ ކަމަށް ގިނަ ވާހަކަތަކެއް ދައްކަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ