ރައީސް ނަޝީދު ޖަލަށް ލުމަށް ހުކުމް ކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ރަނގަޅުކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިިފިއެވެ.
ކުރީގެ ރައީސް ނަޝީދު 13 އަހަރަށް ލުމަށް ހުކުމް ކޮށްފައިވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައި، ސިފައިން މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައިގައި 2015 ވަނަ އަހަރުގެ މާރޗް މަހުގެ 13 ވަނަ ދުވަހުގައެވެ.
ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 13 އަހަރުގެ ޖަލުހުކުމަކީ ސައްހަ ހުކުމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ ނަޝީދުގެ ޖަލު ހުކުމާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލް އެ ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލަ އާއި ގުޅިގެން އިއްވި ހުކުމްގައެެވެ. ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށް ހައި ކޯޓުން ނިންމި ނިންމުން ޕީޖީ އިން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާފައިވަނީ ސުޕްރީމްކޯޓުގެ ފަސް ފަނޑިޔާރުންކަމުގައިވާ، އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު،ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އެވެ.
މި މައްސަލާގައި ހުކުމް ކުރައްވަމުން ގާޒީ ވިދާޅުވެފައިވަނީ 17 ޖެނުއަރީ 2012 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެންގެވުމުގެ މަތިން ކުރީގެ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްފައިވަނީ ގާނޫނާއި ޚިލާފަށް ކަމަށާއި، މައްސަލައިގެ މުއްދަތުގެ ތެރޭގައި ރައީސް ނަޝީދަށް ލިބިފައިވާ ވަގުތާއި ވަސީލަތް ބޭނުންކުރަން ފުރުސަތު ލިބިފައިވާކަމަށާއި، ލަސްނުވެ އަވަހަށް ތަހުގީގު ނިމިގެން ދިޔުން އެއީ މި މައްސަލަ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ނިމިގެން ދިޔުން އެއީ ރަނގަޅަށް މައްސަލަ ނިމިގެން ގޮސްފައިވާކަން ދަލީލުކޮށްދޭ ކަމެއް ކަމުގައެވެ.
އަދި ރައީސް ނަޝީދުގެ ފަރާތުން މި މައްސަލަ އިސްނިއުނާފު ނުކޮށް އޮތްކަންވެސް ފަނޑިޔާރު ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްގޮސްފައި ވަނީ ހުރިހާ ހައްގުތަކެއް ދެވިގެން އިންސާފުން ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ ބުނެފައެވެ.
މިއަދުގެ ޝަރީއަތް ނިންމާލުމަށްފަހު ނޫސްވެރިންނަށް ދިން އިންޓަރވިއުއެއްގައި ރައީސް ނަޝީދުގެ ވަކީލުންގެ ޓީމުން ބުނެފައިވަނީ މި މައްސައިގެ ހުކުމް މިހެން އިއްވުމުން ރައީސް ނަޝީދަށް އިންސާފު ލިބިވަޑައިގެންފައި ނުވާކަމަށް ދެކޭ ކަމަށެވެ. އަދި މިހާ ދުވަސް ވަންދެން މި މައްސަލަ އިސްތިއުނާފު ނުކޮށް ރައީސް ނަޝީދު ހުންނެވީ ދިވެހި ރާއްޖޭގެ އެއްވެސް ކޯޓަަކުން މީހާތަނަށް ރައީސް ނަޝީދަށް އިންސާފު ލިބިފައި ނުވާތީ ކަމަށެވެ.
މީގެ އިތުރުން ރައީސް ނަޝިދުގެ ވަކީލުންގެ ޓިމުން ވަނީ މިކަމާއި ގުޅިގެން، ރައީސް ނަޝިދުގެ ފަރާތުން ކޯޓުގައި ދައްކާފައިވާ އެއްވެސް ވާހަކައަކަށް މައްސަލައިގެ ހުކުމް އިއްވިއިރު ފަނޑިޔާރުން ރިޢާޔަތް ކޮށްފައި ނެތްކަން ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ.
އިތުރަށް ވާހަކަދައްކަމުން ރައީސް ނަޝީދުގެ ވަކީލުން ވަނީ ދިވެހި ރާއްޖޭގެ އެންމެ މަތީ ކޯޓު ކަމުގައިވާ ސުޕްރީމް ކޯޓުން މި މައްސަލަ މިހެން ނިންމެވުމާއި ގުޅިގެން، ބައިނަލްއަގްވާމީ ފެންވަރުގައި ކުރަން ޖެހޭ މަސައްކަތްތައް އެމަނިކުފާނުގެ "އިންޓަރނޭޝަނަލް ލީގަލް ޓީމް" އިން ކުރަމުން ގެންދާނެކަމަށާއި، އަދި ބައިނަލްއަގްވާމީ ގައުމުތަކުން ރާއްޖޭގެ ވަކިވަކި މުއައްސަސާތަކަށް ފިޔަވަޅުއެޅެން ހުރިގޮތްގޮތް ބަލަައި އެކަން ވެސް ކުރާނެ ކަމަށް ވަކީލުންގެ ޓީމުން ވަނީ ހާމަކޮށްފައެވެ.
13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ކުރީގެ ރައީސް ނަޝީދު މިހާރު ހުންނެވީ ބޭސް ފަރުވާއަކަށް އިނގިރޭސި ވިލާތުގައެވެ. އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ވަކި ދުވަހެއް އެމަނިކުފާނު ވިދާޅުވެފައި ނުވާއިރު، މިހާރު ހުންނެވީ އިނގިރޭސި ވިލާތުގެ ސިޔާސީ ހިމާޔަތް ހޯއްދަވައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ