ޕީޕީއެމް އިސްލާހު ކުރުމުގެ މަސައްކަތް ފަށައިފިން - ރައީސް މައުމޫން

ޕީޕީއެމް އިސްލާހު ކުރުމުގެ މަސައްކަތް ފައްޓަވައިފި ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބުދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގުމުގައި ޕީޕީއެމްގެ ރައީސްގެ ބާރާއި ނުފޫޒު އޮންނަން ޖެހޭ މިންވާރާމެދު ބަހުސްކުރެވެމުންދާ ދަނޑިވަޅެއްގައި، އެ ޕާޓީގެ ރައީސް މައުމޫން އެ ޕާޓީގެ ކޮމެޓީތައް ސަސްޕެންޑް ކުރައްވުމުގެ އިތުރުން ޕާޓީގެ ނައިބުރައީސްގެ ބާރުތައް ނަންގަވައި، ޕާޓީ ހިންގުމުގެ ހުރިހާ ބާރެއް އެމަނިކުފާނުގެ އަތްޕުޅަށް ޖަމާކުރެއްވުމަށްފަހު، ނޫސްވެރިން ސުވާލުކުރުމުގެ ފުރުޞަތު ނުލިބޭގޮތަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މައުމޫން ވިދާޅުވީ އެ ޕާޓީގެ ކަންކަން އޮތީ އިސްލާހު ކުރަން ޖެހޭ ހިސާބުގައި ކަމަށާއި އެހެންކަމުން އެކަންކަން އިސްލާހު ކުރުމުގައި ޕާޓީގެ އެންމެހާ ގުނަވަންތަކުގެ މެންބަރުންގެ އެއްބާރުލުން އެމަނިކުފާނު ބޭނުންވެލައްވާ ކަމަށެވެ.
ރައީސް މައުމޫން މިރޭ ވިދާޅުވީ ޕީޕީއެމް އުފެއްދީ ނުހަނު މާތް މަޤުޞަދެއްގައި ކަމަށާއި، 2013 ވަނަ އަހަރު ޕީޕީއެމްގެ ވެރިކަމެއް ޤާއިމުކުރެވުމުން މެންބަރުން ތިބީ ފޮނި އުންމީދުތަކެއްގައި ކަމަށެވެ. އެހެންނަމަވެސް، މިހާރަކަށް އައިސް ވެރިކަން ކުރާ ޕާޓީގެ ތެރޭގައި ޑިމޮކްރެޓިކް ހަމަތައް ވަނީ ގެއްލިފައި ކަމަށާއި، އެކަން އެހެން ހިނގާފައިވަނީ ޕާޓީގެ ތެރޭގައި ޑިސިޕްލިން ނެތުމުގެ ސަބަބުންކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޕާޓީގެ ގުނަވަންތައް ވަނީ ނުކުޅެދިފައި ކަމަށާއި، ސައްޙަ ނޫން ކިތެންމެ ކަމެއް ހިނގަމުން އެބަދާ ކަމަށެވެ.
ކަން މިހެން އޮތުމާއެކު، ޕީޕީއެމް އިސްލާޙު ކުރުމުގެ ހަރަކާތްތަކެއް ހިންގަވާނެކަން ރައީސް މައުމޫން މިރޭ އިއުލާނު ކުރެއްވިއިރު، އެމަނިކުފާނަކީ 1979 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހާ ހަމަޔަށް ދިވެހިރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅާއެވެ. އެމަނިކުފާނުގެ ދިގު ވެރިކަމުގައި، ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން ވެސް އިސްލާޙީ އެޖެންޑާތައް ކުރިޔަށް ގެންދަވާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ