މަސްއޫލިއްޔަތުތަކުން ދުރުކޮށްފައިވާ ޕީޕީއެމްގެ ނައިބު ރައީސް އަބުދުއްރަހީމް އަބުދުﷲ އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބުރާހީމް އާ މިރޭ ބައްދަލުކުރައްވައިފިއެވެ.
ޕީޕީއެމްގެ ކޮމެޓީތައް ހުއްޓުމަކަށް ގެނައުމުގެ އިތުރުން އެ ޕާޓީގެ ނައިބުރައީސް އަބުދުއްރަހީމް އަބުދުﷲ ގެ އަތުން ޕާޓީ ހިންގުމުގެ ބާރުތައް ނަންގަވާ، ޕާޓީގެ ހުރިހާ ބާރުތަކެއް ރައީސް މައުމޫން ޖަމާކުރައްވާފައި ވާއިރު، ޕާޓީގެ ގުނަވަންތަކުން ކުރިޔަށް ގެންދަން ޖެހޭ މަސައްކަތްތައް ހުއްޓުމަކަށް އަޔަނުދިނުމުގެ ގޮތުން، ތިން ދުވަހުގެ ތެރޭގައި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވައި ދިނުމަށް އެދި ރައީސް މައުމޫން އަށް ހުށަހަޅަން ޕީޕީއެމްގެ ޕީޖީ ގުރޫޕުން ނިންމާފައިވާ މި ދަނޑިވަޅުގައި، އެ ޕާޓީގެ ނައިބުރައީސް އަބުދުއްރަހީމް އަބުދުﷲ އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބުރާހީމާ ބައްދަލުކުރައްވާފައި ވަނީ މ.މާފަންނުވިލާގައެވެ.
ދެތިން ގަޑިއިރަށް ދެމިގެން ދިޔަ ބައްދަލުވުމަށް ފަހު އަދުރޭ އާއި ޒަމީރު މާފަންނުވިލާ އިން ނިކުމެވަޑައިގެންނެވިއިރު ނޫސްވެރިން އެސަރަހައްދުގައި ތިއްބެވެ. ނަމަވެސް ގާސިމް އާއި މަޝްވަރާ ކުރެއްވީ ކޮން ކަމަކާއި ބެހޭ ގޮތުންތޯ ނޫސްވެރިން ސުވާލު ކުރުމުން އަދުރޭ އާއި ޒަމީރު ނޫސްވެރިންނަށް އެއްވެސް މައުލޫމާތެއް ނުދެއްވައެވެ/
"ވަގުތަށް" އެނގިފައިވާ ތިން ދުވަސް ތެރޭ ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށާއި މިވަގުތު އޮތް ގޮތަށް ޕާޓީ ހުއްޓުމަކަށް ގެނެސްފައި ނުބޭއްވޭނެކަން ބަޔާންކޮށް ރައީސް މައުމޫނަށް ހުށަހެޅުމަށް ޕީޖީ ގުރޫޕުން މިއަދު ނިންމި އިރު، އެޔަށް ރައީސް މައުމޫން އަމަލުނުކުރައްވައިފި ނަމަ އަޅާނެ ފިޔަވަޅެއް ކަނޑައަޅާފައެއް ނުވެއެވެ.
އެހެންނަމަވެސް، ސިޔާސީ މަސްރަހަށް ބަލާއިރު، ޕީޕީއެމްގައި މިވަގުތު އުފެދިފައިވާ ހަމަނުޖެހުމަށް ދުރުރާސްތާގެ ހައްލެއް ހޯދުމުގެ ގޮތުން، އުމުރުން 65 އަހަރަށް ވުރެ މަތީގެ މީހުންނަށް އެ ޕާޓީގެ ރައީސްކަމުގައި ދެމިނުތިބެވޭ ގޮތް ހެދުމަކީ ވެދާނެގޮތެއް ކަމަށް ބެލެވެއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބުރާހީމްގެ އުމުރަކީ 65 އަހަރެވެ. އެހެންކަމުން، ޕާޓީތަކުގެ އިސްވެރިންގެ ގޮތުގައި 65 އަހަރުން މަތީގެ މީހުންނަށް ނުތިބެވޭ ނަމަ ޤާސިމަށްވެސް އެފުރުޞަތު ގެއްލިގެން ދާނެތީ، އޭނާއާ މަޝްވަރާކުރުމެއް ނެތި އެފަދަ އިސްލާހެއް ގެނައުމަކީ މިވަގުތަށް ފަސޭހަ ކަމަކަށް ނުވާތީ، ޕީޕީއެމްގެ ފަރާތުން އަބުދުއްރަހީމް އަބުދުﷲ އާއި މޫސާ ޒަމީރު ޖުމްހޫރީ ޕާޓީގެ ޤާސިމް އިބުރާހީމާއި އިލްހާމް އަހުމަދު އާއެކު ބައްދަލުވުމެއް ބާއްވަމުން ދިޔަނަމަވެސް، އެ ބައްދަލުވުމުގެ ބޭނުމާ ބެހޭގޮތުން އެއްވެސް ޕާޓިއަކުން އަދި ވަކިއެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
އަދުރޭ އާއި މިނިސްޓަރ ޒަމީރު ގާސިމް އާއި ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ