ޤާނޫނުއަސާސީގެ 27 ވަނަ މާއްދާ ބުނާގޮތުން މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސާސަކާ ޚިލާފްނުވާ ގޮތެއްގެ މަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މި މާއްދާގައި މި ދައްކަނީ އިނގިރޭސިން ކިޔާ ފްރީޑަމް އޮފް އެކްސްޕްރެސަންގެ ވާހަކައެވެ. ނޫސްވެރިކަމުގެ މިނިވަންކަން ނުވަތަ ޕްރެސް ފްރީޑަމްގެ ވާހަކަ ބަޔާންކޮށްފައި އޮންނަނީ ޤާނޫނުއަސާސީގެ 28 ވަނަ މާއްދާގައެވެ.
ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއަށް ބަލާއިރު ހަމަ ކޮންމެ މީހަކީވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިފައިވާ މީހެކެވެ. ދިވެހިރާއްޖެއަކީ އަޅުން ދިރިއުޅޭ ޤައުމެއް ނޫނެވެ. ރެފިއުޖީން ދިރިއުޅޭ ޤައުމެއްވެސް ނޫނެވެ. ހަމަ ކޮންމެ ދިވެއްސަކީވެސް މިނިވަނެކެވެ. އިޚުތިޔާރު ލިބިފައިވާ މީހެކެވެ. އެހެންކަމުން، ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއަށް ބަލާއިރު، އެމީހާގެ ކުރިމަތީގައި ވިސްނާލަން ޖެހޭ އޮތީ އެންމެ ނުކުތާއެކެވެ. އެއީ، "އިސްލާމްދީނުގެ އަސާސަކާ ޚިލާފް" ނުވުމެވެ.
އިސްލާމްދީނުގެ އަސާސްތަކާ ބެހޭގޮތުން ކުރީގެ ރައީސް މައުމޫން އަބުދުލްޤައްޔޫމް ވަނީ އެކި ފަހަރުމަތިން ވާހަކަ ދައްކަވާފައެވެ. ހަމަ ގިނައިން ލިޔުއްވާފައެވެ. އޭގެ ތެރޭގައި، އެމަނިކުފާނު ވަނީ އަބުރު ރައްކާތެރިކުރުމުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ.
އަބުރު ރައްކާތެރިކުރުމަކީ އިސްލާމް ދީނުގެ މައިގަނޑު އަސާސެއް ކަމުގައި ބަޔާންކޮށް ރައީސް މައުމޫން ލިޔުއްވާފައިވެއެވެ.
"އަބުރަކީ، ވަރަށް މުހިންމު އެއްޗެކެވެ. އަބުރަކީ، އިންސާނާގެ އިއްޒަތާއި ޤަދަރެވެ. މީހުންގެ ކުރިމަތީގައި އިންސާނާއަށް ލިބިދީފައިވާ އަގެވެ. އޭނާގެ ރީތި ނަމެވެ. އަބުރަކީ، މާއްދީ އެއްޗެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ ލޮލަށް ފެންނަ ނުވަތަ އަޅުގަނޑުމެންނަށް އަތްލެވޭ ނުވަތަ އަތުން ހިފޭ އެއްޗެއް ނޫނެވެ." އަބުރަކީ ކޮބާކަމާއި އޭގެ ބާވަތް ބަޔާންކޮށް ރައީސް މައުމޫން ލިޔުއްވާފައި ވެއެވެ.
"އަބުރަކީ މާއްދީ ހުރިހައި އެއްޗަކަށްވުރެ މާ މުހިންމު، މާ އަގުބޮޑު އެއްޗެކެވެ. އިންސާނާގެ އަބުރާއި ރީތި ނަމަކީ، ހުރިހާ ދީނެއްގައިވެސް އަދި ހުރިހާ ނިޒާމެއްގައިވެސް، ވަރަށް ބޮޑު އަހައްމިއްޔަތެއް ދީފައިވާ އެއްޗެކެވެ. އަބުރެއް ނެތް މުއްސަންޖަކަށްވުރެ އަބުރުވެރި ފަޤީރަކު މާމޮޅެވެ. އެމީހަކީ މީހުންގެ ކުރިމަތީގައި އިހްތިރާމާއި ޤަދަރު މާބޮޑަށް ލިބިގެންވާނެ މީހެކެވެ." އަބުރު ރައްކާތެރިކުރުމުގެ މުހިންމުކަން ބަޔާންކުރައްވާ ރައީސް މައުމޫން ލިޔުއްވާފައިވެއެވެ.
ކަން މިހެން އޮތުމާއެކު، ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގެ ދިފާޢުގައި އަޅުގަނޑުމެން އެންމެންވެސް މަސައްކަތް ކުރުން ވަރަށް މުހިންމެވެ. ސަބަބަކީ، އެ މާއްދާއަކީ ދިވެހިރާއްޖެ މިއަދު މިދެކޭ ޑިމޮކްރެސީގެ ނިޒާމުގައި ނުހަނު ބޮޑަށް ބާރުއަޅާ އަސާސީ މިނިވަންކަމެއް ކަމުގައިވާ "ހިޔާލުފާޅުކުރުމުގެ މިނިވަންކަން" ކަށަވަރުކޮށްދޭ މާއްދާއަށް ވާކަމެވެ. ހަމަ އެހެންމެ، އެ މާއްދާއަކީ ހިޔާލުފާޅުކުރުމުގައި ހައްދުފަހަނަޅާ ނުދިއުމަށް އަންގާފައިވާ މާއްދާވެސް މެއެވެ.
އެ މާއްދާގައި ބުނެފައިވާ ފަދައިން އަމަލުކުރުމަށް އަޅުގަނޑުމެން އެދޭނަމަ، ހިޔާލުފާޅުކުރުމުގައި އިސްލާމް ދީނުގެ އެއްވެސް އަސާސަކާ ޚިލާފްވެގެން ނުވާނެއެވެ. ރައީސް މައުމޫން ލިޔުއްވާފައިވާ ގޮތުގައި އަބުރު ރައްކާތެރިކުރުމަކީ އިސްލާމް ދީނުގައި ހިމެނޭ މައިގަނޑު އަސާސީ 15 ބައިގެ ތެރެއިން ހަވަނަ ބައެވެ.
އެހެންކަމުން، ހިޔާލުފާޅުކުރުމަކީ ބިރުގަންނަން ޖެހޭ ކަމެއް ނޫނެވެ. އެކަމަކު އަނެކާގެ އަބުރަށް އަރައިގަތުމަކީ ބިރުވެތިވާން ޖެހޭ ކަމެކެވެ.
ތިމާގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުން ކުރުމުގައި، އަނެކާގެ އަބުރު ރައްކާތެރިކުރުމުގެ ހައްޤަށް އުނިކަން އަންނަ ދަރަޖައަށް ތިމާ ހިޔާލުފާޅުކުރުމަކީ ހައްދުފަހަނަޅާ ދިޔުން ކަމުގައި ނުވޭހެއްޔެވެ؟ ޑިމޮކްރެސީގެ ހަމަތަކާއި އިސްލާމް ދީނުގެ އަސާސްތަކާމެދު ވިސްނާ ފިކުރު ހިންގާލުމަށް މިއީ ރަނގަޅު ސުވާލެކެވެ. އަދި ވަގުތެކެވެ.
އަބުރު ރައްކާތެރިކުރުމުގެ މުހިންމުކަމާމެދު ރައީސް މައުމޫން ވިދާޅުވީ މިހެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ