ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް އޭނާގެ ޕާސްޕޯޓު ދޫކުރުމަށް އަމުރު ނެރުނު ގާޒީ ހަސަން ސައީދު އަލީ ވަހީދަށް ފުރުމުގެ ހުއްދަ ދިނުމުން ސުލޫކީ މައްސަލައެއް ބަލަން ނިންމައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފައި ވަނީ އަލީ ވަހީދު ފުރުން މަނާކޮށްފައިވާ އަމުރު ބާތިލް ކުރުމުގައި ފާޅުކަން ބޮޑު ގޮތެއްގައި ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތުތަކާއި ހިލާފަށް އަމަލު ކޮށްފައިވާ ކަމަށެވެ.
އެ އަމުރު ނެރުމުގައި ދައުވާ ލިބޭ ފަރާތުގެ މައްޗަށް ގާނޫނު ހިންގުމަށް ހުރަސް އެޅޭ ގޮތަށް އަދި ޖިނާއީ ދައުވާ ލިބޭ އެހެން ފަރާތްތަކާއި މެދު އަމަލުކުރާ ގޮތާއި ތަފާތު ގޮތަކަށް ކަންކޮށްފައިވުމާއި އަދި އެ އަމުރު ނެރުމުގައި އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރު ނަހަަމަ ގޮތުގައި ބޭނުންކޮށް ދައުވާ ލިބޭ ފަރާތަށް ނާޖާއިޒު މަންފާ ހޯދައި ދިން ކަމަށް ބެލެވޭ ސުލޫކީ މައްސަލައެއް ތަހުގީގު ކުރުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީ އިން ބުނެއެވެ.
އަލީ ވަހީ ޓުރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ޖިންސީ ފުރައްސާރަކުރުމާއި، ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ހަތް ދައުވާއެއް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންވަނީ ކޯޓަށް ހުށައަޅާފައެވެ. މި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ އާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ އާއި، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ.
މި މައްސަލައާ ގުޅިގެން އަލީ ވަހީދުގެ ޕާސްޕޯޓު ކުރިން އޮތީ ހިފަހައްޓާފައެވެ. އެހެން ނަމަވެސް މިދިޔަ ހޯމަ ދުވަހު އޭނާގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރުމުން މި މަހުގެ 10 ވަނަ ދުވަހު އޭނާ ވަނީ އިނގިރޭސި ވިލާތަށް ފުރައިގެން ގޮސްފައެވެ.
އަލީ ވަހީދު ފުރުވާލުމާ ގުޅިގެން ގާޒީ ހަސަން ސައީދުގެ މައްސަލަ ބަލަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ