ޓޫރިޒަމް ދާއިރާގެ މުވައްޒަފުން ވެކްސިން ޖެހުމަށް ރަޖިސްޓްރީ ވާން ހުޅުވާލައިފި

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކޯވިޑް-19 ވެކްސިން ޖަހަން ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރާއްޖޭގައި ކޯވިޑް-19 ވެކްސިން ޖަހަން ފެށީ މިމަހުގެ 1ވަނަ ދުވަހު އެވެ. ފުރަތަމަ ވެކްސިން ދޭންފެށީ ސިއްހީ ދާއިރާގެ މުވައްޒަފުންނެވެ. އޭގެ ފަހުން މިއަދު ވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ 70 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށާފައި އެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޯވިޑް ވެކްސިނަށް ރެޖިސްޓްރީވުމުގެ ފުރުސަތު ހޮޓާތަކާއި، ރިސޯޓުތަކާއި ސަފާރީތަކާއި ގެސްޓު ހައުސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އޮންނާނެ ކަމަށެވެ. ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ވެކްސިން ޖަހައިދެނީ އެކަމަށް ބޭނުންވެގެން އެދޭ މުވައްޒަފުންނަށެވެ.
މިކަމަށް މުވައްޒަފުން އެދެން ޖެހެނީ ޓޫރިޒަމް މިނިސްޓްރީއަށް އީމެއިލް މެދުވެރިކޮށެވެ. އީމެއިލް ކުރަން ޖެހެނީ iihr@tourism.gov.mv އަށް ފޮނުވަން ޓޫރިޒަމް މިނިސްޓްރީން އެދިފައިވެ އެވެ.
އެ އީމެއިލްގައި މީހާގެ ނަމާއި އުފަން ތާރީހާއި އައިޑީކާޑު ނަންބަރުގެ އިތުރުން ވަޒީފާ އަދާކުރާ ޑިޕާޓްމަންޓާއި މަގާމާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް މައުލޫމާތު ފޮނުވަން އެދިފައިވެ އެވެ. ބިދޭސީ މުވައްޒަފުން ރަޖިސްޓްރީވާން ޕާސްޕޯޓް ނަންބަރާއި ވޯކްޕާމިޓް ނުވަތަ ވިސާ ނަންބަރު ވެސް ހިމަނަން ޖެހޭނެ ކަމަަސްވެސް އެއިއުލާނުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ