ބިގަށް ފައިސާދޭން ޖެހުނު މައްސަލައިގެ އިސްތިއުނާފަށް ހުއްދަ ދޭން ޖެހޭ: ސުޕްރީމް ކޯޓު
ބިޒްނަސް އިމޭޖް ގްރޫޕް (ބިގް)އަށް 78 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މީޑިއާގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފަށް ހުށަހެޅުމުން ބަލައިނުގަންނަން ހައިކޯޓުން ނިންމި ނިންމުން ބަދަލުކުރަން ޖެހޭ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ނިންމައިފި އެވެ. ބިގަށް ފައިސާ ދައްކަން މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ)ގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރީ 2016 ވަނަ އަހަރު އެވެ. އެ ހުކުމުގައި ވަނީ އެމްއެންބީސީ އާއި ބިގާ ދެމެދު 2010 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ބިގަށް ފަސް މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ. އެ އަދަދު އިތުރުވެފައި ވަނީ އެ ފައިސާ ގަވާއިދުން ދައްކާފައި ނުވާތީ ޖޫރިމަނާގެ ގޮތުގައި 72 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރާފައި ވާތީ އެވެ. ޖޫރިމަނާއާ އެކު 78 މިލިއަން ރުފިޔާ ދައްކަންޖެހެ އެވެ. ހަ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ޚަލާސްކުރަން ހުކުމް ކޮށްފައި ވަނީ އެމްއެންބީސީގެ ޣައިރު ހާޒިރުގަ އެވެ. ސިވިލް ކޯޓަށް މައްސަލަ ވެއްދި އިރުވެސް އެމްއެންބީސީ އުވާލައި، މިހާރު އުފައްދާފައިވަނީ ޕަބްލިކް ސާވިސް މީޑިއާ އެވެ. ޕަބްލިކް ސާވިސް މީޑިއާގެ ފަރާތުން އެ ހުކުމް އިސްތިއުނާފުކުރަން ހައިކޯޓަށް ހުށަހެޅީ އިސްތިއުނާފު މުއްދަތު ފާއިތުވެ އެތައް ދުވަހެއް ވީ ފަހުން 2019 ވަނަ އަހަރު އެވެ. އަދި ޕަބްލިކް ސާވިސް މީޑިއާގެ ފަރާތުން މަގުބޫލު ސަބަބެއް ވެސް ހުށަހަޅާފައި ނުވާތީ ހައިކޯޓުން ނިންމީ މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމަށް ނުފެންނަ ކަމަށެވެ. ޕަބްލިކް ސާވިސް މީޑިއާ އިން ވަނީ ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އިއްޔެ ނިންމި ނިންމުމުގައި ބުނެފައި ވަނީ ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ ބިގް ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުން ތަންފީޒުކުރަން އެ ހިނދަށް ލާޒިމުވަނީ ކޮން ކުންފުންޏަކުންތޯ ނުބަލައި، އަދި އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހަށް ހާޒިރުވުމުގެ އަމުރު ސިވިލް ކޯޓުން ޕަބްލިކް ސާވިސް މީޑިއާއަށް ފޮނުވުމެއް ނެތިކަމަށެވެ. މައްސަލަ ހުށަހެޅި އިރުވެސް، އެމްއެންބީސީގެ ގާނޫނީ ހައިސިއްޔަތު ނިމުމަކަށް އައިސްފައި ވާތީ، ޕަބްލިކް ސާވިސް މީޑިއާގެ ދަށުން ވުޖޫދުވި ޕަބްލިކް ސާވިސް މީޑިއާއަށް މައްސަލައިގައި ޖަވާބުދާރީވުމުގެ ފުރުސަތު ލިބެންޖެހޭނެ ކަމަށެވެ. އެހެންކަމުން އެ ސަބަބުތަކަކީ މައްސަލައިގެ އިސްތިއުނާފު ހައިކޯޓަށް ބަލައިގަންނަން ޖެހޭފަދަ މަގުބޫލު ސަބަބުތަކެއް ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައި ވެއެވެ. އަދި އިސްތިއުނާފު ބަލައިގަތުމުގެ ހުއްދަ ނުދޭން ހައިކޯޓުން ނިންމާފައި ވަނީ ރަނގަޅަށް ނޫން ކަމަށް ވަނީ ނިންމައިފަ އެވެ. އަދި ޕީއެސްއެމް އިން 10 ދުވަހުގެ ތެރޭގައި ދަށު ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހަޅަން ސުޕްރީމް ކޯޓުން ވަނީ އަންގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ