ހައްގު ނޫން ފައިސާއެއް ނުނަގަން: ފަނޑިޔާރު އަބްދުﷲ ދީދީ

ހައްގު ނޫން އެއްވެސް ފައިސާއެއް އެއްވެސް އެކައުންޓެއްގައި ނުހުންނާނެކަމަށް ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ. ފަނޑިޔާރު އަބްދުﷲ ދީދީ މިފަދައިން ވިދާޅުވީ، އެބޭފުޅާއާއި އެބެފުޅާގެ އާއިލާގެ މެމްބަރުންގެ ނަމަށް ހުތުރުވާފަދަ ގޮތަކަށް ރާއްޖެގެ ބައެއް ނޫސްތަކުގައި ލިޔެފައިވާ ވާހަކަތަކާއި ގުޅިގެން އެކަމަށް ރައްދުދެއްވުމަށް ނެރުއްވި ނޫސްބަޔާނެއްގައެވެ. ފަނޑިޔާރު އަބްދުﷲ ދީދީ އާންމުކުރައްވާފައިވާ ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ ކޮންމެ އިންސާނެއްގެ ރީތިނަމާއި އަބުރު ރައްކާތެރިކުރުމަކީ ދިވެހިރާއްޖެގެ ޤާނޫނުއަސާސީގެ 33 ވަނަ މާއްދާއިން ލިބިދީފައިވާ އަސާސީ ހައްގެއް ކަމަށެވެ. އަދި އަނެކުންގެ އަސާސީ ހައްގުތަކަށް އިޚްތިރާމްކުރުމަކީ އެންމެންގެ މައްޗަށް އޮތް ދުސްތޫރީ ވާޖިބެއްކަމަށްވެސް ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވިއެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމްގެ ތެރެއިން އެއެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭނީ ތޯތޯ ވަހަކަތަކަށް ބަރޯސާ ވުމުގެ ބަދަލުގައި އެކަށީގެންވާ ހެއްކާއި ގަރީނާ ހުރެގެންކަމަށް ކަންތަށް އޮތްއިރުވެސް ނޫސްތަކުގައި އެބޭފުޅާގެ އަބުރުކަތިލާއި ނޫސްތަކުގައި ލިޔެފައިވާ ލިޔުންތަކަކީ ކަމުގެ ދެކޮޅު ނުބަލައި ކޮށްފައިވާ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށް އަބްދުﷲ ދީދީ ވިދާޅުވިއެވެ. އަދި ބޭންކް އެކައުންޓްތަކަށް ފައިސާ ޖަމާކުރުންފަދަ މުއާމަލާތްތަކަކީ އެކަމުގެ ފުރިހަމަ މައުލޫމާތު ބޭންކްތަކުން ބަލަހައްޓާ ކަންކަން ކަމަށްވެފައި ދައުލަތުގެ ކަމާއިބެހޭ އެއްވެސް އިދާރާއަކުން މިފަދަ މައުލޫމާތު ބޭނުންވެއްޖެ ހިނދެއްގައި އެމައުލޫމާތެއް ލިބޭނެކަންވެސް ބަޔާނުގައި ފަހަގަކުރައްވާފައިވެއެވެ. އަދި ކޮންމެ ފަރުދެއްގެ މައްޗަށްވެސް ކުރެވޭ ތުހުމަތުތަކުގައި ޖަވަބުދާރީވުމުގެ ފުރުސަތަކީވެސް ގާނޫނުން ލިބިދޭ ހައްގެއް ކަމަށާއި ނަމަވެސް އެއްވެސް ފުރުސަތެއް ލިބުމަކާއިނުލާ އެބޭފުޅާގެ އަބުރާއި ނަން ކިލަނބުކޮށްލުމަށް ހިންގި އަމަލަކީ، ގާއިމް ކުރެވިފައިވާ އިންސާނީ ހައްގުތަކުގެ އުސޫލުތަކާއި ނުބައްދަލު ހުތުރުކަންބޮޑު އަމަލެއްކަމަށްވެސް އެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ