ދީނީ ހަރުކަށި މީހުން ތިބީ ހަމައެކަނި މުސްލިމުންގެ ތެރޭގައެއް ނޫން: އުމަރު

ދީނީ ހަރުކަށި މީހުން ތިބީ ހަމައެކަނި މުސްލިމުންގެ ތެރޭގައި ނޫންކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.އުމަރު މިހެން ވިދާޅުވެފައިވަނީ ޔޫރަޕުގައި ހަރުކަށި ވިސްނުން ފެތުރޭތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ޖަރުމަނު ވިލާތުގެ ޗާންސެލާ އެންޖެލާ މާކަލް ވިދާޅުވެފައިވާ ހަބަރެއް ޝެއާ ކުރައްވަމުންނެވެ. އެންޖެލާ މާކަލް ވިދާޅުވެފައިވަނީ، ޕޮޕިއުލިސްޓް ފިކުރު ގެންގުޅޭ ފާ ރައިޓް ޕާޓީތަކާއި އެފިކުރުގެ ޖަމާއަތްތަކުގެ ސަބަބުން ޔޫރަޕްގެ އަސާސްތަކާއި ޔޫރަޕްގެ ހަމަތަކާއި އަޚްލާގު ގެއްލި އިޖްތިމާއީ ގޮތުން ޔޫރަޕް ހަލާކުވުމުގެ ބިރު އެބައޮތްކަމަށެވެ.އުމަރުގެ ޕޯސްޓުގައި ވަނީ ދީނީ ހަރުކަށި ވިސްނުމުގެ މީހުން ތިބީ ހަމައެކަނި މުސްލިމުންގެ ތެރޭގައި އެކަނި ނޫން ކަމަށާ އަދި ހަމައެކަނި އެންމެ ޤައުމެއްގައިވެސް ނޫންކަމަށް ވިދާޅުވެފައެވެ. އަދި ޔޫރަޕުގައި އެ ވިސްނުން ފެތުރެނީ ތައުލީމީ ނިޒާމުގެ ސަބަބުން ކަމަށްވާނަމަ ޔޫރަޕުގެ މުޤައްރަރު އަވަހަށް ބަދަލު ކުރަން ވެއްޖެ ކަމަށްވެސް އުމަރުވަނީ ވިދާޅުވެފައެވެ. އުމަރު އެހެން ވިދާޅުވިއިރު، ރާއްޖޭގެ އިސްލާމީ ތައުލީމުގެ މުޤައްރަރުގެ ތެރޭގައި ދީނީ ހަރުކަށި ގޮތްތަކެއް ހުރި ކަމަށާ އެ މުޤައްރަރު ބަދަލު ކުރަން ޖެހޭ ކަމަށް މީގެ ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.ނަޝީދުގެ ޓްވީޓުގައި ވިދާޅުވެފައިވަނީ ރާއްޖޭގެ މުސްތަގުބަލު ސަލާމަތް ކުރުމަށް މިވަގުތަށް ކުރުން އެންމެ މުހިންމު ކަމަކީ ރާއްޖޭގެ މަދަރުސާތަކުގެ މުގައްރަރު އިސްލާހު ކުރުން ކަމަށާއި ދީނުގެ ނަމުގައި ހިނގާ ކަންކަން ބަލަން ޖެހޭ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި ދީނީ ހަރުކަށި ވިސްނުން ނުރައްކަލަކަށް ނުވެ އޮތުމުގެ ސަބަބަކީ ދީނީ އިލްމުވެރިންގެ ހެޔޮ ނަސޭހަތާއި ރިވެތި ވައުޟުތައް ކަމަށާ އިސްލާމްދީނުގެ ހައްގުމަގު އަބަދުމެ އޮޅުންފިލުވާދެމުން ގެންދެވޭތީ ކަމަށް އުމަރު ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ