ދިވެހިން އެހެން ގައުމަކަށް ގޮސް ހަނގުރާމަކުރުމަކަށް، ޖިހާދެކޭ ނުބުނެވޭނެ: މައުމޫނު

ދިވެހިން އެހެން ގައުމަކަށް ގޮސްގެން ހަނގުރާމަކުރުމަކީ އެއްވެސް ގޮތަކަށް، ޖިހާދެކޭ ނުބުނެވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫނު ފައުންޑޭޝަންގެ ފަރާތުން މި ރަމަޟާން މަހު ބޭއްވި ފުރަތަމަ އިހްޔާ ޕްރޮގްރާމްގައި ރައީސް މައުމޫނު ރޭ ވަހަކަ ދައްކަވާފައިވަނީ، "އިސްލާމް ދީނާއި ޖިހާދު" މި މައުލޫއަށެވެ.
ރައީސް މައުމޫނުގެ ވާހަކަފުޅުގައި، ދާދިފަހުން ސްރީލަންކާގައި ހިނގައިދިޔަ ބޮން ގޮއްވުމުގެ ހާދިސާތަކަށް އަލިއަޅުވައިލެއްވިއެވެ. އެ ހާދިސާއަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެފަދަ ކަންކަމަކީ ޖިހާދު ނޫން ކަމަށެވެ.
ޖިހަދަކީ ކޮބައިތޯ ދެނެގަންނަން ޖެހޭކަމަށާއި، އޭގެ މާނައަކީ ގަދަ އަޅައި މަސައްކަތްކުރުން ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މައުމޫނު ވިދާޅުވީ ޖިހާދުގެ ތެރޭގައި ނަފްސުގެ ޖިހާދާއި، ބައެއް ހާލަތްތަކުގައި ހަނގުރާމަ ކުރުމަކީ ވެސް ޖިހާދުކުރުން ކަމުގައި ހިމެނިގެންދާ ކަމަށެވެ.
"ނަފްސުގެ ޖިހާދަކީ އަމިއްލަ ނަފްސު އިސްލާހު ކުރުމަށް ކުރާ ބުރަ މަސައްކަތް. ތިމާގެ އަމިއްލަ ނަފްސު އިސްލާހު ކުރުމަށްޓަކައި ގަދަ އަޅައި މަސައްކަތް ކުރުމަކީ ނަފްސުގެ ޖިހާދު. އެއީ ތިމާގެ އީމާންކަން ވަރުގަދަ ކުރުމަށާއި ތަގުވާވެރިކަން އިތުރު ކުރުމަށާއި، ﷲ ފަރުލު ކުރައްވާފައިވާ ކަންތައްތައް ކުރުމަގައި ސަމާލުވެ އެކަމަށް ފަރުވާތެރިވުމަށާއި އަދި ހަރާން ކުރައްވާފައިވާ ކަންތައްތަކުން ދުރުހެލިވުމަށް ކުރާ މަސައްކަތް. މިއީ ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭ ޖިހާދެއް،"
އެމަނިކުފާނު ވިދާޅުވީ، ކަމެއް ހާސިލް ކުރުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރުން ކަމަށްވާތީ، ބައެއް ހާލަތްތަކުގައި ހަނގުރާމަ ކުރުމަކީވެސް ޖިހާދު ކަމަށެވެ.
"އިސްލާމްދީނަށް ނަސްރު ހޯދުމަށް، މާތް ﷲގެ ކަލިމަފުޅު މަތި ކުރުމަށް، މުސްލިމުންނަށް ލިބޭ އަނިޔާތަކުން މުސްލިމުން ސަލާމަތް ކުރުމަށް ގަދައަޅައި މަސައްކަތް ކުރުމަކީ، އެކަމުގައި ހަތިޔާރު ބޭނުންކުރުކީ އެއީވެސް ޖިހާދެއް،" ރައީސް މައުމޫނު ވިދާޅުވިއެވެ.
ނަމަވެސް ބޭރު ގައުމުތަކުގައި ކުރާ ހަނގުރާމައިގައި ބައިވެރިވުމަކީ ޖިހާދޭ ނުބުނެވޭނެ ކަމަށާއި ކޮންމެ މުސްލިމަކަށް ވެސް ޖިހާދުކުރެވޭނީ އެ ބައެއްގެ އަމިއްލަ ގައުމުގައި ތިބެގެން ކަމަށާއި، ދިވެހިން އެހެން ގައުމަކަށް ގޮސް ހަނގުރާމަކުރުމަކީ ޖިހާދުކުރުމެކޭ ނުބުނެވޭނެ ކަމަށް މައުމޫނު ވިދާޅުވިއެވެ.
ކީރިތުި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުން ދަލީލު ދައްކަވަމުން، ރައީސް މައުމޫނު ވިދާޅުވީ، އިސްލާމްދީނުގެ ދިފާއުގައި ޖިހާދުކުރުން ވާޖިބު ވަނީ އަދުއްވުންގެ ބަޔަކު، މުސްލިމް ގައުމަކަށް އަރައިގަނެ މުސްލިމުންނާ ހަނގުރާމަކޮށް އެ މީހުން ނިކަމެތިކުރަން މަސައްކަތްކުރާ ހާލަތުގައި ކަމަށެވެ.
ރައީސް މައުމޫނު ވިދާޅުވީ، ބަޔަކާ ދެކޮޅަށް އިސްވެ ހަނގުރާމަކުރުމަކީ ވެސް އިސްލާމްދީނުގައި ހުއްދަކުރާ ކަމެއް ނޫން ކަމަށާއި އަމާންކަމާއެކު ދިރިއުޅެމުން ދަނިކޮށް އެއްވެސް ބޭނުމެއްގައި އެތަނަށް އަރައި ހަނގުރާމަކޮށްގެން ނުވާނެ ކަމަށެވެ. ދީން ކުރިއެރުވުމުގެ ނަމުގައި ވެސް ހަނގުރާމަކޮށްގެން ނުވާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އިސްލާމްދީނުގައި ހުއްދަކޮށްފައިވާ ހާލަތްތަކުގައި ހަނގުރާމަކުރާއިރު ވެސް ހަނގުރާމަވެރި ނޫން މީހަކު މަރާލައިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ. ވަކިން ހާއްސަކޮށް މުސްކުޅިންނާއި ބަލިމީހުންނާއި ކުޑަކުދިންނާއި އަންހެނުން މަރައިގެން ނުވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރޭގެ އިހުޔާ ކުރުމުގައި، ރަމަލާންމަހުގެ މުނާސަބަތުގައި މައުމޫނު ފައުންޑޭޝަނުން ތައްޔާރުކޮށް، "ހެޔޮކަމާއި ތަގުވާގެ މައްސަރު"ގެ ނަމުގައި ރައީސް މައުމޫނު ލިޔުއްވާފައިވާ ފޮތެއް ނެރެދެއްވުން އޮތެވެ. މި ފޮތް ރައީސް މައުމޫނު ވަނީ ދިވެހި ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި، ނިޝާނު އިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާ އުމަރު ޒާހިރަށް ވެދުމަށް އަަރުވައިފައެވެ.
ރޭގެ އިހުޔާ ޖަލްސާގައި، ނައިބު ރައީސް ފައިސަލް ނަސީމާއި، ބައެއް މިިނިސްޓަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ