ލ.ގަމުން ކަރަންޓް ކެނޑިއްޖެ

ލ.އަތޮޅު ގަމުގެ އެންމެ އާބާދީ ބޮޑު އަވަށް ކަމަށްވާ ތުނޑީ އަވަށުން މިއަދު ހެނދުނު ކަރަންޓް ކެނޑު ގޮތައް އެތައް އިރެއްވީއިރުވެސް ކަރަންޓް ނުލިބި ރައްޔިތުންނަށް ދަތިތައް ދިމާވެއްޖެއެވެ.
ގަމުން ވާހަކަދެއްކި މީހަކު ބުނީ ރަމަޟާން މަސް ފެށެން ހަފްތާއެއެއްހައި ދުވަހަށް ވެފައި ވަނިކޮށް އެރަށުން ކަރަންޓް ދާން ފެށިގޮތައް އަދިވެސް ކަރަންޓްގެ މައްސަލަ އެއްކޮށް ހައްލު ކުރެވިފައި ނުވާ ކަމަށެވެ.
"ކޮންމެ ދުވަހަކު ވެސް މަދުވެގެން ދެ ފަހަރު ކަރަންޓް ކެނޑޭ. މިއަދު ހެނދުނު ކަރަންޓް ކެނޑުނު ގޮތައް އަދި ނާދޭ." އޭނާ ބުންޏެވެ.
ގަމުން ވާހަކަދެއްކި ވިޔަފާރިވެރިޔަކު މިއަދު ވިދާޅުވީ ކޮންމެ ދުވަހަކު ކުއްލި ކުއްލިއަށް ކަރަންޓް ކެނޑި ބޮޑެތި ގެއްލުންތައް އިލެކްޓްރިކް ސާމާނަށް ވެސް ލިބެމުން އަންނަ ކަމަށެވެ.
"ބައެއް ގޭގޭގައި ދެތިން ހަތަރު އެއާކޯން ހަލާކުވެފައިވޭ މި ރަމަޟާން މަސް ފެށުނު ފަހުން. ރަމަޟާން މަހަށް ގަތް ބޮޑެތި ކިތަންމެ ޓީވީއެއް ހަލާކުވެއްޖެ އިރުއިރުކޮޅާ ކަރަންޓް ކެނޑެން ފެށުމުން. ފިހާރަތަކުގައި ހުންނަ އެއްޗެހި ވެސް ހަލާކުވާ ހިސާބަށް މިހާރު ކަންތައްތައް މިދަނީ." އޭނާ ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަންގެ ބޭފުޅަކާއި ގުޅޭ ގޮތް ނުވުމުން ގަމުން މިއަދު ކަރަންޓް ކެނޑެން މެދުވެރިވި ސަބަބެއް ސާފެއް ނުވިއެވެ.
ފާއިތުވި ދެތިން ދުވަސް ތެރޭގައި ވެސް ރާއްޖޭގެ ގިނަ ރަށްރަށުން ކަރަންޓް އެއްކޮށް ކެނޑިގެންނާއި ކަރަންޓްގެ އިރުއިރުކޮޅާއި ކެނޑުމުގެ ޝަކުވާ ކޮށްފައިވެއެވެ. ނަމަވެސް ގިނަ ރަށްރަށަށް ކަރަންޓް ފޯރުކޮށްދެމުންދާ ފެނަކަ ކޯޕަރޭޝަނުން އެއްވެސް މައުލޫމާތެއް މީޑިއާ އަށް ދީފައެއް ނުވެއެވެ.
ފާއިތުވި ދެތިން މަސް ތެރޭގައި ކަރަންޓް ކެނޑުމުގެ މައްސަލަ ވަނީ ވަރަށް ގިނަ ރަށްރަށަށް ދިމާވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ