ބްރިޖްގެ ފައިސާ ދައްކަން ވިހި އަހަރު ލިބޭ

މާލެ އާއި ހުޅުމާލެ އާއި ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު ހެދުމަށް ޗައިނާ ބޭންކަކުން ނަގާފައިވާ ލޯނު ދައްކަން ވިހި އަހަރުގެ މުއްދަތެއް ލިބޭ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ޒޭންގް ލިޒްހޮންގ ވިދާޅުވެއްޖެއެވެ.
މިކަން ހާމަކޮށް ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ބްރިޖް ހެދުމަށް ޚަރަދުވީ 200 މިލިއަން ޑޮލަރުގެ 57.5 އިންސައްތަ އަކީ ޗައިނާ އިން ދިވެހި ސަރުކާރަށް ދިން ލިހޭ އެހީއެއް ކަމަށެވެ. އަދި ޖުމްލަ ފައިސާގެ 36.1 އިންސައްތައަކީ ޗައިނާގެ ބޭންކަކުން ސަރުކާރަށް ދޫކޮށްފައިވާ ލޯ އިންޓްރެސްޓް ރޭޓް ލޯނެއް ކަމަށާއި، ބާކީ 6.4 އިންސައްތައަކީ ދިވެހި ސަރުކާރުން ކޮށްފައިވާ ޚަރަދު ކަމަށް ސަފީރު ވިދާޅުވިއެވެ.
ސަފީރު ވިދާޅުވެފައިވާ ގޮތުގައި ބްރިޖްގެ މަސައްކަތަށް ދިވެހި ސަރުކާރުން ދައްކަން ޖެހޭނީ ޖުމްލަ 100 މިލިއަން ޑޮލަރު ކަމަށެވެ. މި ލޯނު ދެއްކުމަށް ފަސް އަހަރުގެ ގްރޭސް ޕީރިއަޑަކަށް ފަހު 20 އަހަރު ލިބޭއިރު، އިންޓްރެސްޓް ނުލައި ކޮންމެ އަހަރަކު ސަރުކާރުން ޗައިނާއަށް ދައްކަން ޖެހޭނީ ފަސް މިލިއަން ޑޮލަރެވެ.
ޗައިނާގެ ސަފީރު މި މައުލޫމާތު ހާމަކުރައްވާފައި މިވަނީ، ރާއްޖެއިން ޗައިނާއަށް ދަރައިފައިވާ ދަރަނީގެ އަދަދާ ބެހޭގޮތުން ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވާފައި ވަނިކޮށެވެ. އެކަން ދޮގުކުރައްވައި ސަފީރު ވިދާޅުވީ، ހުރިހާ މަޝްރޫޢުއެއް ނިމޭއިރު ޗައިނާއަށް ދައްކަން ޖެހެނީ 1.529 ބިލިއަން ޑޮލަރު ކަމަށެވެ.
އިންޑިއާގެ ތިންކް ޓޭންކްގެ އެނުއަލް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގައި ޗައިނާގެ ކުންފުނިތަކުން ހިންގި އަދި ހިންގަމުންދާ މަޝްރޫއުތަކަށް ނަގާފައިވާ ލޯނުތަކަށް ދިވެހި ސަރުކާރުން 3.4 ބިލިއަން ޑޮލަރު ދައްކަން ޖެހިފައިވާ ކަމަށެވެ.
ރައީސް ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވައި ޗައިނާ ސަފީރު ޒޭންގް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދުގެ ސާބިތު ނުހިފޭ ވާހަކަތައް އެއްސެވީ ކުއްލި ހައިރާން ކަމާއެކުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ