ޔާމީން ވެރިކަމުގައި ހައްޔަރުކުރީ ކުށެއް ކޮށްގެން ނޫން - މައުމޫން

ރައީސް ޔާމީންގެ ވެރިކަމުގައި ޖަލަށްލާފައިވަނީ ކުށެއް ކޮށްގެން ނޫންކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރު ފެބްރުއަރީ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ކުރީގެ ރައީސް މައުމޫން ހައްޔަރުކުރީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ، ގާނޫނާ ހިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމުގެ ތުހުމަތުތަކެކެވެ.
ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު، އެމަނިކުފާނު ވަނީ ރައީސް ސާލިހުގެ ސަރުކާރުގައި މިނިވަންކޮށްފައެވެ. މިއަދު މައުމޫން ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވަނީ ޖަލަށްލީ އޭރުގެ ސަރުކާރުން ކުރަމުންދިޔަ ކަންތައްތަކާ ދެކޮޅަށް އަޑުއުފުލައި ހެދުމުން ކަމަށާއި އެއްވެސް ހާލެއްގައި ކުށެއް ކޮށްގެން ނޫން ކަމަށެވެ.
އަދި ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނައުމާ ގުޅިގެން އެކަމާ އެމަނކިފާނު އެކަމާ ދެކޮޅަށް އަޑު އުފުއްލެވިކަން ފާހަގަކުރައްވަމުން މައުމޫން ވަނީ އެކަން ކުރެއްވީ ވެސް ގައުމީ ވާޖިބު އަދާކުރުމުގެ ގޮތުން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭރު އެކަންވީ އެމަނިކުފާނާ މެދު ސަރުކާރުން ހަރުކަށި ފިޔަވަޅު އެޅުއްވި ކަމަކަށް ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އާއި މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމު ވެސް ހައްޔަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ