ބޮޑުތިލަދުންމަތިން އެގާރަ ސަރަހައްދެއް ހިމާޔަތްކުރަން ނިންމައިފި

ބޮޑުތިލަދުންމަތިން ފާހަގަ ކުރެވޭ 11 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ މިއަދު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ބައިނަލްއަވާމީ މިންގަނޑުތަކަށް ފެތޭ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި، 1 ފަރާއި، 1 ކަނޑޫފާ ރައްކާތެރިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ.
އެގޮތުން ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހއ، ހދ، ށ އަދި ނ އަތޮޅު ހިމެނޭ، ބޮޑުތިލަދުންމަތިން ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކުގެ ގޮތުގައި ހަމަޖެއްސެވުމަށް މިއަދު ނިންމެވި 11 ސަރަހައްދަކީ ހއ. ގައްލަންދޫ ތިލަ، ހއ.ކެލާ ޗަސްބިން، ހއ.ބިލެތްދޫ ތިލަ، ހދ.ފިނޭ ތިލަ، ހދ.އިންނަފުށި، ށ.ބޮލިއްސަފަރު، ށ. ނާލާހުރާ، ނ. ފޮއްދިއްޕަރު، ނ. ބޮޑުޅައިމެންދޫ، ނ. ކެނދިކުޅުދޫ ކަނޑޫފާ، އަދި ނ. އޮރިމަސްތިލަ އެވެ.
މި ސަރަހައްދުތައް ކަނޑައެޅުއްވުމުގައި ބަލާފައިވަނީ އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީން ބަލަހައްޓަމުން އަންނަ، ތިމާވެށީގެ ގޮތުން ހާއްސަ ސިފަތައް ލިބިގެންވާ ސަރަހައްދުތަކުގެ ލިސްޓާއި، ޒަމާނުއްސުރެ މީހުންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ މައުލޫމާތާއި މިހާރަށް ލިބެންހުރި ދިރާސާ ރިޕޯޓްތަކާއި މަސްވެރިންނާއި ދަނޑުވެރިންނާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން ލިބިފައިވާ މައުލޫމާތަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެގޮތުން މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު މިއިން ކޮންމެ ސަރަހައްދަކީވެސް ދިރޭތަކެތީގެ ނަސްލުން މުއްސަނދި ވެފައިވާ ގުދުރަތީ ރީތި މަންޒަރުތަކެއް ހިމެނޭ ތިމާވެށީގެ ހާއްސަ ހިދުމަތްތަކަކާއި ވަސީލަތްތަކެއް ފޯރުކޮށްދޭ ސަރަހައްދުތަކެއް ކަމަށްވެސް ބުނެފައިވެއެވެ.
އޭގެ ތެރޭގައި ކަނޑޫފާގެ މުއްސަނދިކަމާއި، ވެލާކަހަނބު ބިސްއަޅާ ސަރަހައްދުތަކާއި، ހިމާޔަތްކުރެވިފައިވާ އަދި ހިޖުރަކުރާ ގިނަ އަދެއްގެ ދޫނީސޫފާސޫފީގެ ވަގުތީ އަދި ދާއިމީ މަންޒިލުތަކާއި، އެންމަޑި، ވެލާކަހަނބު، މާހުޅުނބު ލަނޑާ އަދި މިޔަރުގެ އިތުރުން މުރަކައާއި ފަރުގެ މުއްސަނދި ސަރަހައްދުތައް ހިމެނެއެވެ.
މި ސަރަހައްދުތައް ހިމާޔަތް ކުރުމަށްޓަކައި އެ ސަރަހައްދުތައް ހިމެނޭ އަތޮޅު ކައުންސިލްތަކާއި، ޓޫރިޒަމް މިނިސްޓްރީއާއި ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރާއި އިކޮނޮމިކް މިނިސްޓްރީއާއި ޕްލޭނިން މިނިސްޓްރީއާ މަޝްވަރާކުރައްވާފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
މި ސަރަހައްދުތަކަކީ ހިމާޔަތްކޮށްފައިވާ ތަންތަނުގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވައިފިކަން ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރުމާއެކު ޓީވީ، ރޭޑިޔޯ އަދި ނޫހުގެ ޒަރީއާއިން އާއްމުކޮށް އިއުލާން ކުރުމާއެކު އެސަރަހައްދުތަކުގައި ކުރުން ހުއްދަ އަދި ކުރުން މަނާ ކަންކަން އިއުލާން ކުރުމަށްވެސް ވަނީ ނިންމަވައިފައެވެ.
މީގެ އިތުރުން އާއްމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް، ހާއްސަކޮށް އެސަރަހައްދުތައް ބޭނުންކުރާފަރާތްތަކަށް އަމާޒުކޮށްގެން ހިންގުމަށް ވެސް ވަނީ ހަމަޖައްސައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ