އިދިކޮޅު އިއްތިހާދުގެ ލީޑަރު ޑރ. މުހައްމަދު ޖަމީލްއާ ސިޔާސީ މަޝްވަރާތައް ކުރެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.
"މިހާރަ"ށް ދެއްވި އިންޓަވިއުއެއްގައި އުމަރު މިރޭ ވިދާލުވި ގޮތުގައި ލަންޑަނަށް ވަޑައިގަންނަވަން ނިންމެވީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށެވެ. އެ ގޮތުން ޖަމީލް އާއެކު އެއްކޮށް މަސައްކަތް ކުރައްވާ ބޭފުޅުންނާ ބައްދަލުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އުމަރު ލަންޑަނަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހު އެވެ. އުމަރު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާނެ ކަން އިއުލާން ކުރައްވައިފަ އެވެ.
"ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާތީ އޭގެ މަޝްވަރާތައް ކުރަމުން މިދަނީ، އެ ގޮތުން ޖަމީލަކީ ވަރުގަދަ ކުޅުންތެރިއެއްގެ ގޮތުގައި އަޅުގަނޑު ސިފަ ކުރަނީ،" އުމަރު ވިދާޅުވި އެވެ.
ޖަމީލްގެ އިތުރުން ކުރީގެ ދެ މިނިސްޓަރުން އަދި އިދިކޮޅު އިއްތިހާދުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަބްދުﷲ އަމީން އާއި މުހައްމަދު މަލީހު ޖަމާލްއާ ބައްދަލުކުރައްވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވާނަންތޯ އެހުމުން އުމަރު ވިދާޅުވީ މިފަހަރުގެ ބައްދަލުވުމުގައި އެމަނިކުފާނާ މަޝްވަރާ ނުކުރައްވާނެ ކަމަށެވެ. ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ރައީސް ނަޝީދު މިހާރު ހުންނެވީ އަވައްޓެރި ސްރީލަންކާގަ އެވެ.
އަންނަ އަހަރުގެ ފަހުކޮޅު އޮންނަ ރިޔާސީ އިންތިހާބާ ބެހޭ ގޮތުން އުމަރު ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ މަޝްވަރާ ކުރައްވާފަ އެވެ.
ޕީޕީއެމްގެ އެތެރޭގައި އުފެދުނު މައްސަލަ ހައްލުނުވެ، ކޯޓަށް ހުށަހެޅުމުން، ޕާޓީގެ ރައީސް މައުމޫން އަދާކުރެއްވި ހުރިހާ ޒިންމާތަކެއް ވަނީ ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފަ އެވެ. އަދި ޕީޕީއެމް ދެބައިވުމާއެކު އުމަރު ވަޑައިގެންނެވީ މައުމޫންގެ ފަޅިއަށެވެ.
ރިޔާސީ އިންތިހާބު މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށް ޕީޕީއެމްގެ ރައީސް މައުމޫނާ ނުލައި ކާމިޔާބު ނުކުރެއްވޭނެ ކަމަށާއި އެ މަނިކުފާނާ ކޯލިޝަން ހަދާނެ ބަޔަކު މިހާރު ރާއްޖޭގައި ނެތް ކަމަށް އުމަރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވެފައިވަނީ ރާއްޖޭގައި ވެރިކަމަށް އާދެވެނީ ވެސް މިހާރު ވަރަށް ބޮޑު ކޯލިޝަންއެއްގެ ތެރެއިން ކަމަށެވެ.
އިންތިހާބާ ގުޅޭ ގޮތުން ޖަމީލާއި އުމަރު މަޝްވަރާ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ