ގާޒީ މަރިޔަމްގެ މައްސަލާގައި އަދި ގޮތެއް ނުނިންމަން: ޖޭއެސްސީ
ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީއަތް ކުރުމުގެ ހައިސިއްޔަތު ލިބިގެން ނުވާ ކަމަށް ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެން އަދި ވަކިގޮތެއް ކަނޑައަޅާފައި ނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ. ޖޭއެސްސީގެ އިންފޮމޭޝަން އޮފިސަރު ހަސަން ޒަހީން "ސަން"އަށް މިއަދު ވިދާޅުވީ، ގާޒީ މަރިޔަމްއާ މެދު ޖޭއެސްސީން އަދި ގޮތެއް ނުނިންމާ ކަމަށާއި، ވަކި ގޮތެއް ނިންމާނީ ކޮމިޝަނުގެ ޖަލްސާއެއް ބޭއްވުމަށް ފަހުގައި ކަމަށެވެ. "ކޮމިޝަނުގެ ޖަލްސާއެއް ބާއްވައިގެން ގޮތެއް ނިންމޭނީ. އަދި މި ހަފްތާގައި ޖަލްސާއެއް ނުބާއްވާ. އެ ކޮމިޝަނުން ގޮތް ނިންމާނީ،" ޒަހީން ވިދާޅުވި އެވެ. ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ގާޒީ މަރިޔަމް ވަހީދަށް އެ ގޮތަށް އަމުރުކޮށްފައިވަނީ، އެ ކޯޓުގެ ނިންމުމަކާ ޚިލާފަށް މަރިޔަމް ވަހީދު ހުކުމެއް އިއްވާފައިވާ ކަމަށް ބުނެ އެޓާނީ ޖެނެރަލް އޮފީހުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ، ވ. ބޮޑުމޮހޮރާ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުއްޔަށް ދިނުމަށް އެއްބަސްވުމަކަށް ވާސިލުވުމަކީ ސަރުކާރަށް ލިބިފައިވާ އިޚްތިޔާރީ ބާރެއް ކަމަށް އެ ކޯޓުން ކަނޑައަޅާފައިވަނިކޮށް، މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެގްރީމެންޓުގައި ސޮއިކުރުމަށް ލާޒިމްކޮށް މަރިޔަމް ވަހީދު ހުކުމް ކޮށްފައިވާ ކަމަށެވެ. ސުޕްރީމް ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ އެފަދަ އެގްރީމެންޓެއްގައި ސޮއިކުރުމަށް ސަރުކާރުގެ މައްޗަށް މަޖުބޫރު ކުރާ ނުވަތަ ލާޒިމް ކުރާ ގާނޫނީ އެއްވެސް އަސާސެއް ނެތް ކަމަށެވެ. މިއީ ފަނޑިޔާރަކު ކުރި ހުކުމަކާ ގުޅިގެން ސުޕްރީމް ކޯޓުން ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ