ތުޅާދޫ ކައުންސިލްގެ ޑީއާރުޕީ މެމްބަރު ވަކިކުރުމަށް އެލްޖީއޭގެ ލަފައަކަށް އެދިއްޖެ

ބ. ތުޅާދޫ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ޑީއާރުޕީ މެމްބަރު އުމެއިރާ އަބޫބަކުރު ކައުންސިލުން ވަކިކުރުމަށް ލަފައަކަށް އެދި އެ ކައުންސިލުން ލޯކަލް ގަވަރްމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ހަތަރު މެމްބަރުން ތިއްބަވާ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު މިއަދު ވިދާޅުވީ އެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ޑީއާރުޕީ މެމްބަރު އުމެއިރާ އަބޫބަކުރު ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް ލޯކަލް ގަވަރްމަންޓް އޮތޯރިޓީ އަށް ހުށަހެޅީ މަގުބޫލު އުޒުރެއް ނެތި ކައުންސިލްގެ 10 ޖަލްސާ އަށް ހާޒިރުވެވަޑައިގެންފައި ނުވާތީ ކަމަށެވެ. މަގުބޫލު ސަބަބެއް ނެތި ހަތް ޖަލްސާ އަށް ހާޒިރުނުވެއްޖެ ނަމަ މެމްބަރުކަމުން ވަކިވާނެ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަޝީދު ވިދާޅުވި ގޮތުގައި އުމެއިރާ ޖަލްސާތަކަށް ވަޑައިނުގެންނެވީ ރަށުގައި ވަޑައިގެން ނޫޅުއްވާތީ ކަމަށް ވިދާޅުވި ނަމަވެސް ސަބަބެއް ރަސްމީކޮށް ލިޔުމުން ކައުންސިލަށް އަންގާފައެއް ނުވެ އެވެ.
"އަޅުގަނޑަށް ފޯނުން ގުޅައި ރަށުން ބޭރަށް ދާ ވާހަކަ ދެންނެވި. އަޅުގަނޑު ބުނިން ބަނދަރުގެ މައްސަލާގައި ރަށުގެ މަސްލަހަތު އޮތް ގޮތުން މި ވަގުތު ދާކަށެއް ނުފެނެއޭ. އެކަމަކު ކައުންސިލަރަކު ދާ ދިއުން ހިފެހެއްޓޭނެ ކަމަށް ގާނޫނުގައެއް ނެތޭ،" ރަޝީދު ވިދާޅުވި އެވެ.
ޑީއާރުޕީގެ ކައުންސިލަރު އުމެއިރާ އަބޫބަކުރު ވިދާޅުވީ މިދިޔަ މަހުގެ 21 އިން ފެށިގެން އޭނާ ބަނޑޮސް އައިލެންޑު ރިސޯޓުގައި އޮތް ކޯހަކަށް ދިޔައީ، އަތޮޅު ކައުންސިލުން ލިބުނު ފުރުސަތެއްގައި ރަށު ކައުންސިލްގެ ރައީސަށް ވެސް އެންގެވުމަށް ފަހު ކަމަށެވެ. ލާމަޒުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ކޯހަށް ވަޑައިގެންނެވީ އަތޮޅު ކައުންސިލުން ވެސް ފެކްސް ފޮނުވާފައިވާތީއާ އެކު ރަސްމީ ދަތުރެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޯހުގައި ހޭދަކުރި މުއްދަތުގައި ކައުންސިލްގައި ބޭއްވި ހަތަރު އާއްމު ޖަލްސާ އާއި 6 ކުއްލި ޖަލްސާ އަށް ހާޒިރުނުވާތީ، އޭނާ މެމްބަރު ކަމުގައި ހުންނަވަން ކައުންސިލަރުންނަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެހާ އަވަސް އަވަހަށް ޖަލްސާ ބާއްވަންޖެހުނީ ބަނދަރު ބޮޑުކުރުމާ މެދު ރައްޔިތުން ހިޔާލު ތަފާތުވެފައިވާތީ ކަމަށް ކައުންސިލުން ބުނެ އެވެ.
"އަޅުގަނޑު އެނބުރި އައި ފަހުން ކައުންސިލަރުން ގެންދަވަނީ އަޅުގަނޑު ޖަލްސާތަކުގައި ބައިވެރިކުރަން ދެކޮޅު ހަދަމުން. ކައުންސިލުން ނިންމާ ކަންތައް ވެސް އަޅުގަނޑަށް އެނގެނީ އެހެން މީހުންގެ ފަރާތުން. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަޅުގަނޑަކީ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ގަބޫލުނުކުރުމަށް ވަނީ ސިޓީ ވެސް ލިޔެފައި،" އުމެއިރާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރީގެ އެޓޯލްސް މިނިސްޓަރު މުހައްމަދު ވަހީދުއްދީން (ޑީން) އުފައްދަވާފައިވާ އިންސްޓިޓިއުޓުން ބޭއްވި އެ ކޯހުގައި އެހެން ކައުންސިލަރުން ވެސް، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ތަމްރީނުތައް ހައްދަވާފައިވެ އެވެ.
އުމެއިރާ ވިދާޅުވީ އޭނާ މެމްބަރުކަމުގައި ހުންނަވަން ކައުންސިލުން ބޭނުންނުވާ މައްސަލަ ބަލައިދިނުމަށް އަތޮޅު ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ