ޓައިވާންގެ ރައްޔިތުން ދުފުމުގެ އާދަޔާ ދުރުހެލިކުރުމަށް ޓައިވާން ސަރުކާރުން ވަރުގަދަ މަސައްކަތްތަކެއް ކުރަމުން އެބަގެންދެއެވެ.
ބިލަތާއި، ފޯކާއި ބިލަތްހުނި ލައިގެން ދުފުމުން ލިބޭ ސިއްހީ ގެއްލުންތައް ބުނެދީ އާންމުން ހޭލުންތެރިކުރަން ޓައިވާނުން ވަރަށް ގިނަގުނަ މަސައްކަތް ކޮށްފިއެވެ. ނަމަވެސް އެކަމުން އެއްވެސް ނަތީޖާއެއް ނުނިކުތުމުން ސަރުކާރުން މިހާރު އެނބުރިގެންފައިވަނީ ފެންފޯއް ހެއްދުމުގެ ދަނޑުވެރިކަން ހުއްޓުވުމާ ދިމާއަށެވެ.
ޓައިވާންގައި އެންމެގިނައިން ފެންފޯއް ހައްދައި ބާޒާރަށް ނެރެމުންދިޔަ މީހަކީ ހުއާންގް ޝެންގް-ޔީ ނަމަކަށްކިޔާ މީހެކެވެ. ޓައިވާންގެ ފަރުބަދަމަތީ ސަރަހައްދެއްގައި އޭނާ ވަރަށް ފުޅާދާއިރާއެއްގައި ފެންފޯއް ރުއް ހައްދަމުން ގެންދިޔައެވެ. އޭނާ ހައްދާފައިވާ އެތައްހާސް ފެންފޯއް ރުއް ހިމެނޭ ދަނޑުބިމުން ގިނަ އަދަދެއްގެ ފޯއް ބާޒާރަށް ނެރެ ވިއްކަމުން ގެންދިޔައެވެ.
އެހެންނަމަވެސް ހުއާންގް ޝެންގް-ޔީ މިހާރުވަނީ އޭނާ ދަނޑުގައި ހައްދަމުންދިޔަ ފެންފޯއް ރުއްތަކުގެ ތެރެއިން ގިނަ ރުއްތައް ކަނޑައި ތިރިކޮށްފައެވެ. އެއީ ސަރުކާރުން އެކަމަށް ބާރުއަޅައިގެންނެވެ. ޓައިވާން ސަރުކާރުން ހުއާންގެ ކިބައިން އެދުނީ ފެންފޯއް ހެއްދުން ނޫން އެހެން ކޮންމެވެސް ކަހަލަ ދަނޑުވެރިކަމެއް ކުރުމަށެވެ.
ދުފުމަށް ބޭނުންކުރާ ފޯއް ކެއުމުން އާންމުން ދުރުކުރުމުގެ މަސައްކަތް ޓައިވާން ސަރުކާރުން އިތުރުކުރީ، ފޯކަކީ އަނގައިގެ ކެންސަރު ޖެހުމާއި ގުޅުންވާ ކަމަށް ދެނެގަނެވިފައިވާ މާއްދާ "ކާރސިނޮޖަން" އެއްކަމަށް 2003 ވަނަ އަހަރު ހޯދުމަކުން ދެއްކުމާއި ގުޅިގެންނެވެ. ފޯކަކީ އަނގައިގެ ކެންސަރުޖެހޭ މާއްދާ އެކުލެވޭ އެއްޗެއްކަން ހާމަވުމާ ގުޅިގެން ދުފުމުގެ މަގްބޫލްކަން މީހުންގެ މެދުގައި ކުޑަވެގެންދިޔަ ކަމަށް ވެއެވެ. އެހެންނަމަވެސް އަދިވެސް ޓައިވާން ރައްޔިތުންގެ ތެރެއިން ދެމިލިއަނަށްވުރެ ގިނަމީހުން ދުފާކަމަށް ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ޓައިވާންގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، އާދައިގެ މީހަކަށްވުރެ ދުފާ މީހަކަށް އަނގައިގެ ކެންސަރުޖެހުމުގެ ފުރުސަތު 28 ގުނަ ބޮޑުކަމަށެވެ. "ދުފުމުން ލިބޭ ގެއްލުމާބެހޭ މައުލޫމާތު ދީގެން ހަމައެކަނި ފުދޭކަށްނެތް. ދުފުމުގެ އާދަ މުޖުތަމައުގައި ވަނީ ވަރަށް ބޮޑަށް އަށަގެންފައި" އަނގައިގެ ކެންސަރު ޖެހޭ މީހުންނަށް ޓައިވާންގައި ރިހެބިލިޓޭޝަންގެ ޚިދުމަތް ދެމުންގެންދާ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ ސަންޝައިން ސޯޝަލް ވެލްފެއަރ ފައުންޑޭޝަންގެ ޕްރޮޖެކްޓް މެނޭޖަރ ޗުއަންގް ލީ-ޗެން ވިދާޅުވިއެވެ.
ފޯކާއި ބިލަތާއި ހުނިލައިގެން ދުފާ މީހުންގެ އަނގައިގެ ދަތްތައް ރަތް ލޭކުލައަށް ބަދަލުވެއެވެ. ޓައިވާންގައި ދުފުން އެންމެ ބޮޑަށް މަގްބޫލްވެފައި އޮންނަނީ އާދައިގެ މަސައްކަތްތެރީންގެ މެދުގައެވެ. ޚާއްސަކޮށް ފިރިހެނުން ދުފުމަށް ވަރުހުންނަ ކަމަށް ވެއެވެ. ގިނަވަގުތު މަސައްކަތުގައި އުޅޭ މީހުން ތަފާތު އެކި ކަހަލަ ބާވަތްތައް އެއްކޮށްގެން ދުފައި އަނގައިގައި ހައްޕުނޑުގަނޑު ބާއްވައިގެން ތިބުމަކީ އާދައެކެވެ. މީހުން ތިބެނީ އެކަމަށް ދެވިހިފާފައެވެ.
މިކަން ހުއްޓުވުމަށްޓަކައި ޓައިވާން ސަރުކާރުން 2014 ވަނަ އަހަރު ފެށި މަޝްރޫއަކީ ބާޒާރުން ފޯއް މަދުކުރުމުގެ ނުވަތަ ބާޒާރަށް ފޯއް ނެރުން ހުއްޓުވުމުގެ މަޝްރޫއެކެވެ. އެގޮތުން، ފެންފޯކުގެ ދަނޑުވެރިކަންކުރާ ދަނޑުވެރިންނަށް ސަބްސިޑީ ދީގެން އެހެންކަހަލަ ދަނޑުވެރިކަމަކަށް އެނބުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ފެންފޯއް ހެއްދުން ނޫން އެހެން ދަނޑުވެރިކަމެއް ކުރާނަމަ އެފަދަ ދަނޑުބިމެއްގެ ކޮންމެ ހެކްޓަރަކަށް 250،000 ޓައިވާން ރުފިޔާގެ (8،315 އެމެރިކާ ޑޮލަރު) ސަބްސިޑީއެއް ދިނުމަށް ސަރުކާރުން ނިންމައި އެކަން ކުރާން ފެށިއެވެ.
ހުއާންގް ޝެންގް-ޔީ ފެންފޯއް ހެއްދުން ހުއްޓާލީވެސް އެހެންވެގެންނެވެ. އެހެންނަމަވެސް، އޭނާ ބުނީ ގިނަ ދަނޑުވެރިން އަދިވެސް ތިބީ ފޯއް ހެއްދުން ހުއްޓާލާގޮތަކަށް ނޫން ކަމަށެވެ.
ހުއާންގް ޝެންގް-ޔީ ބުނީ އޭނާ މިހާރު ފަށައިގެންއުޅޭ ކެމީލިއާގެ ދަނޑުބިމުން އެއްޗެއް ލިބެންވެސް މަދުވެގެން ދެއަހަރު ނަގާނޭ ކަމަށެވެ. އޭނާ ހައްދާ ސައިފަތް ދަނޑެއްވެސް އޮތުމުން ބަނގުރޫޓުނުވެ ސަލާމަތް ވެވޭނޭ ކަމަށް ބުނެފައި ވެއެވެ.
"ދަނޑުވެރިން ފެންފޯއް ހެއްދުން ހުއްޓާލާކަށް ބޭނުމެއްނުވޭ. ސަބަބަކީ އެހެން ކަހަލަ ދަނޑުވެރިކަމެއް ކުރުމަކީ އެމީހުންނަށް ވަރަށް އުނދަގޫ ކަމަކަށް ވާތީ. ވަރަށް ގިނަގުނަ އެހީތައް އެމީހުންނަށް ބޭނުންވާނެ. އޭރަށް އެކަމަކުން މަންފާއެއް އެމީހުންނަށް ލިބޭނީ" ހުއާންގް ޝެންގް-ޔީ ބުނެފައި ވެއެވެ.
ފެންފޯއް ހައްދާ ދަނޑުވެރިންނަށް ސަބްސިޑީ ދީގެން އެހެންކަހަލަ ދަނޑުވެރިކަމަކަށް އަނބުރަން ޕްރޮގްރާމެއް ފެށިނަމަވެސް އެ ޕްރޮގްރާމް އެންމެ ކާމިޔާބުކަމާއެކު ކުރިއަށް ނުދާކަން ޓައިވާން ސަރުކާރުންވެސް ގަބޫލުކުރެއެވެ.
ޓައިވާންގައި 42،940 ހެކްޓަރު ބިމުގައި ފެންފޯއް ހައްދާފައިވާއިރު، އޭގެތެރެއިން އެހެން ކަހަލަ ދަނޑުވެރިކަމަކަށް އަދި ބަދަލުވެފައިވަނީ އެންމެ 435 ހެކްޓަރުގެ ބިމެވެ.
އެހެންނަމަވެސް، ޓައިވާން ސަރުކާރުގެ އެގްރިކަލްޗަރ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ސޫ މާއޮ-ހްސިއަންގ ވިދާޅުވީ، ސަރުކާރުން އިތުރު ސަޕޯޓް ދޭނޭ ކަމަށް ބުނުމުން، ސަބްސިޑީ ޕްރޮގްރާމްގައި ބައިވެރިވުމަށް މިއަހަރު އެޕްލިކޭޝަން ގެންދިޔަ އަދަދު އިތުރުވެފައިވާ ކަމަށެވެ.
ދުފުމަށް ބޭނުންކުރާ ފޯއް ޓައިވާންގައި ބޭނުންކުރާތާ އެތައްހާސް އަހަރެއް ވެއްޖެކަމަށް ވެއެވެ. އެގޮތުން، ގަދީމީ ޒަމާނުގައި އެކި ކަހަލަ ރަސްމިއްޔާތުތަކާއި ގުރުބާންތަކަށްވެސް ކާބަފައިން ފޯއް ބޭނުންކޮށްފައިވާ ކަމަށް ވެއެވެ.
މިހާ ޒަމާންވެފައިވާ ކަމެއްކަމުން، ދުފުމުން ލިބޭ ގެއްލުމުގެ މައުލޫމާތު އެކަށީގެންވާ މިންވަރަށް އަދިވެސް އާންމުންނަށް ނުދެވޭ ކަމަށް، ދުފުން ހުއްޓުވުމަށް ކެމްޕެއިން ކުރަމުންދާ ފަރާތްތަކުން ބުނެއެވެ.
ޓައިވާންގައި ކުރިން ވަރަށް ގަދައަށް ދުފި، މިހާރު އުމުރުން 53 އަހަރުވެފައިވާ މީހެއް ކަމަށްވާ ޗެންގް ޔަންގް-އާން ބުނީ، އޭނާއަށް އަނގައިގެ ކެންސަރު ޖެހޭން އުޅޭކަމުގެ އަލާމާތްތައް ފެންނަ ކަމަށް ޑޮކްޓަރު ބުނުމުން އެވާހަކަ ގަބޫލުކުރެވުނުނަމަ ރަނގަޅޭ ފަހުން ހިތަށްއެރި ކަމަށެވެ.
"އެއީ ވެދާނެ ކަމެއްކަމަށް އަހަންނަކަށް ގަބޫލެއް ނުކުރެވުނު. ސަބަބަކީ ދުފާތާ އެތައް އަހަރެއް ވެފައިތިބި މީހުންވެސް ތިބި. އެމީހުންނަށް އެއްވެސް ކަމެއްނުވޭ" ޗެންގް ޔަންގް-އާން ބުންޏެވެ.
ޗެންގެ އަނގައިގައި އުފެދުނު ޓިއުމަރު ނަގާފައިވަނީ މީގެ ތިންއަހަރު ކުރިންނެވެ. ޓިއުމަރާއެކު އޭނާގެ ދަތްދޮޅީގެ ކަނާތްފަރާތުން ބައެއްވެސް ވަނީ ނަގާފައެވެ. އޭނާގެ ސަބަބުން އޭނާގެ މޫނުމަތީގެ ބައްޓަމަށް ވަނީ ބަދަލު އައިސްފައެވެ.
ޗެންގް ޔަންގް-އާން ބުނީ، އޭނާ އެންމެ ގަދަޔަށް ދުފި ޒާމާނުގައި ދުވާލެއްގެ މައްޗަށް 200 ކިބަ ފޯއް ކާކަމަށެވެ. އެކުގައި މަސައްކަތްކުރާ މީހުންވެސް އެންމެ ގަޔާވެތިބެ ކުރާ ކަމަކީ އެއީ ކަމަށްވެސް އޭނާ ބުންޏެވެ. "ރަށްފުށުގެ ހިސާބުތަކުގައި ފޯކަކީ މޭވާއެއްފަދަ އެއްޗެއް. މިއީ ސިއްހަތަށް ގެއްލުންހުރި އެއްޗެއް ކަމެއް އަހަރެމެންނަކަށް ނޭނގޭ" ޗެންގް ބުންޏެވެ.
އޭނާ ބުނެފައިވަނީ އަނގަޔަށް ފޯއްލައި އަނގަ ހަލުވާނުލެވޭނަމަ ހިތްހަމަނުޖެހޭ ކަމަށެވެ. "އަހަރެންގެ އަނގަޔަށް ރެސްޓްލިބޭ ހަމައެކަނި ވަގުތަކީ އަހަރެން ނިދާފައި އޮންނަ ވަގުތު" ޗެންގް ބުންޏެވެ.
މިއަދު ޗެންގްއަކަށް ހަރު ކާއެއްޗެއްވެސް ނުކެވެއެވެ. ކަރުގައި އަޅައިގެންފާނެތީ ނުވަތަ ކޮށިއަރާފާނެތީ ކާންޖެހެނީވެސް ވަރަށް ބަލައިގެންނެވެ. ޗެންގެ އަނގައިން ޓިއުމަރު ނެގުމަށް ކުރެވުނު އޮޕަރޭޝަނާއި، އޭގެފަހުން އޭނާގެ މޫނުމަތީގެ ސިފައަށް ބަދަލު އައިފަހުން އޭނާ ވަޒީފާއަށްވެސް ނުދެއެވެ. "މިހާރު ވަޒީފާއެއް ހޯދުމަކީ ވަރަށް އުނދަގޫކަމެއް. އަހަންނަށް މިހާރު ކުރިމަތިލާން ޖެހިފައިވަނީ މީހުންގެ ބެލުންތަކާ" ޗެންގް ބުނެފައި ވެއެވެ.
ސަންޝައިން ސޯޝަލް ވެލްފެއަރ ފައުންޑޭޝަންގެ ޕްރޮޖެކްޓް މެނޭޖަރ ޗުއަންގް ލީ-ޗެން ވިދާޅުވީ، އަނގައިގެ ކެންސަރު އަށަގަންނަން 10 ނުވަތަ 20 އަހަރު ނަގާފާނެ ކަމަށެވެ. އެހެންވެ، ވަގުތު ފާއިތުވާފަހުންނޫނީ ގިނަ މީހުން ފަރުވާ ނުހޯދާކަމަށް އޭނާ ވިދާޅުވިއެވެ.
ޗުއަންގް ލީ-ޗެން ވިދާޅުވީ، ހުސް ފޯކަކީ ސީދާ ކެންސަރު ޖެހުމަށް މަގުފަހިވާ އެއްޗެއްކަން ޓައިވާން އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަށް އެނގޭނޭ ކަމަށެވެ.
"ޓައިވާންގައި ފޯއް ހެއްދުމުގެ ސިނާއަތް ތަރައްގީވުމަށް ފުރުސަތު ދެވޭތާ އެތައް އަހަރެއްވެއްޖެ. އެހެންވެ، ފޯއް ހެއްދުމާއި އެ ވިއްކުން ހުއްޓުވައި އެކަމުން އެމީހުން ހަމަ ކުއްލިއަކަށް އެކަހެރިކުރުމަކީވެސް ކުރެވޭނޭ ކަމެއްނޫން" ޗުއަންގް ލީ-ޗެން ވިދާޅުވިއެވެ.
ދުފުމުގެ ނޭދެވޭ އާދައިން ރައްޔިތުން ދުރުކުރަން ޓައިވާނުންކުރާ ބުރަ މަސައްކަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ