އުތުރު ކޮރެއާގެ އެތައްހާސް ރައްޔިތުން ލީޑަރަށް ތާއިދުއޮތްކަން ހާމަކޮށް އަޑުއުފުލައިފި

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންއަށް ތާއީދު އޮތްކަން ހާމަކޮށް އުތުރު ކޮރެއާގެ އެތައްހާސް ރައްޔިތުން މަގުތަކަށް ނުކުމެ އަޑުއުފުލައިފިއެވެ.
އިލް-ސަންގް މައިދާނަށް އެތައްހާސް ބަޔަކު ޖަމާވިއިރު, ހުދު ގަމީސްލައި ރަތްކުލައިގެ ޓައީ އަޅައިގެންތިބި ކިޔަވާކުދިން މުޒާހަރާއަށް ނުކުތީ އުތުރު ކޮރެއާގައި ވެރިކަންކުރާ ވޯރކާރސް ޕާޓީގެ ރަތްކުލައިގެ ދިދަވެސް ހިފައިގެންނެވެ. އަދި މީގެ އިތުރުން އެއްފަރާތެއްގައި ހުރި ބޮޑު ޕޯސްޓަރުގައި އެމެރިކާގެ ވެރިރަށަށް އަމާޒުކޮށްފައިވާ ރަތްކުލައިގެ މިސައިލްތަކެއް ވަށާލާފައިވާ ކުރެހުމެއް ހުރިއިރު އޭގައި ލިޔެފައިވަނީ "ކޮރެއާގެ ޖަވާބު" މިފަދައިންނެވެ.
މި މައިދާނަށް ޖަމާވިމީހުންވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ނުރުހުން ފާޅުކޮށްވެސް އަޑުއުފުލާފައެވެ. އަދި މީގެ އިތުރުން މުޒާހަރާގައި ވާހަކަދެއްކި ފަރާތްތަކުންވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުކިޔާ އެއްޗެހިވެސް ކިޔާފައެވެ.
އުތުރު ކޮރެއާގައި އާއްމު ގޮތެއްގައި މުޒާހަރާ ކުރެވެނީ ސަރުކާރުން ރާވައިގެންނެވެ. އުތުރު ކޮރެއާއާއި ބައިނަލްއަގްވާމީ މުޖުތަމައުގެ މަސްރަހް ހޫނުވެގެންދާ ގިނަ ދަނޑިވަޅުތަކުގައި ލީޑަރަށް ތާއީދުއޮތްކަން ދުނިޔެއަށް ދެއްކުމަށް މިފަދަ މުޒާހަރާތައް ބާއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ