އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ގއ. ވިލިނގިލި ކައުންސިލަރަކަށް އިންތިހާބުވެ އިއްޔެ ހުވާކުރި ކައުންސިލަރެއްގެ މައްސަލަ އެ ރަށު ކޯޓުން ދެވަނަ ފަހަރަށް ބަލަން ފެށުމުން ސުޕްރީމް ކޯޓުން އެމައްސަލަ ހުއްޓުވައިފި އެވެ.
ސުޕްރީމް ކޯޓުން މިދިޔަ ހުކުރު ދުވަހު ހުއްޓުވީ ކައުންސިލަރު މުހައްމަދު މުސްތަފާގެ މައްސަލަ އެވެ. އޭނާއާ ދެކޮޅަށް ވިލިނގިލި ކޯޓުގައި ކުރިއަށް ދިޔައީ ދައުލަތުން ދައުވާ ކުރާ ހިޔާނާތުގެ މައްސަލަ އެކެވެ.
ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ އޭނާއާއި ދެކޮޅަށް އެމައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް 2013 ވަނަ އަހަރު ވިލިނގިލީ ކޯޓުން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އެމައްސަލަ އިތުރަށް ކޯޓް ތަކުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅާ ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ބާތިލްކޮށް މައްސަލާގައި އަޅާފައިވާ ފިޔަވަޅުތައްވެސް ބާތިލް ކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވަނީ އެމައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިލިނގިލި ކޯޓުން ކަނޑައެޅީ މައްސަލަ އަނބުރާ ގެންދިއުމަށް ދައުލަތުން 2013 ވަނަ އަހަރު ސިޓީ ފޮނުވުމުން ކަމަށެވެ. އަދި އޭގެ ފަހުން އެމައްސަލަ މަތީ ކޯޓެއްގައި އިސްތިއުނާފް ކޮށްފައި ނުވާ ކަމަށްވެސް އަމުރުގައި ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން އެއީ ނިހާއީ ހުކުމަކަށް ވާތީ އެ މައްސަލަ އަލުން ބެލުމުގެ އިހްތިޞާސް ދަށު މަރުހަލާގެ އެއްވެސް ކޯޓަކަށް ލިބިގެން ނުވާ ކަމަށްވެސް އަމުރުގައި ބުނެފައިވެ އެވެ.
މުހައްމަދު މުސްތަފާ އާއި ދެކޮޅަށް ދައުލަތުން ހިޔާނާތުގެ މައްސަލައެއްގައި ދައުވާ ކުރި ނަމަވެސް އެއީ ކޮންކަމަކާ ގުޅިގެން ކުރާ ދައުވާއެއް ކަމެއް ސާފުވެފައެއް ނުވެ އެވެ.
ކުރިން ޕީޕީއެމްގެ ސަޕޯޓް ބޮޑު ރަށެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ގއ. ވިލިނގިލީގެ ކައުންސިލް އިންތިހާބުގެ ފަސް ގޮނޑި އެންމެ ފަހުގެ އިންތިހާބުގައި ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީން ނެވެ.
ވިލިނގިލީ ކައުންސިލަރެއްގެ މައްސަލަ ސުޕްރީމް ކޯޓުން ހުއްޓުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ