ރާއްޖޭގައި "ވަރަށް އަވަހަށް" މަރުގެ ޙުކުމް ތަންފީޒު ކުރާނެ ކަމަށާއި ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރުމަށް ގިނަ ދިވެހި ރައްޔިތުން ތާއިދުކުރާ ކަމަށް ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައި މިހާރު ހުންނެވި މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ސްރީލަންކާ އަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އައްޔަން ކުރަން މާދަމާ މަޖިލީހުން ރުހުން ދޭނެ ކަމަށް ބެލެވޭ މުންދު މިހެން ވިދާޅުވީ ސްރީލަންކާގައި ހުންނަވައިގެން "ރޮއިޓާސް" އަށް ދެއްވި އިންޓަވިއުއެއްގައެވެ.
މުންދު އާއި ހަވާލާދެއްވާ "ރޮއިޓާސް" އިން ބުނީ ބައިނަލްއަޤުވާމީ ޕްރެޝަރު ބޮޑުވި ނަމަވެސް 60 އަހަރަށް ފަހު ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރަނީ ގަސްދުގައި މީހުން މެރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށްޓަކައެވެ.
"ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރުމަށް ދިވެހި ރައްޔިތުން ތާއިދު ކުރޭ. މަރުގެ ޙުކުމް ތަންފީޒު ކުރުމަކީ އެއްވެސް ސަރުކާރަކަށް ފަސޭހަ ކަމެއް ނޫން. ނަމަވެސް މަރުގެ ޙުކުމް ސަރުކާރުން ތަންފީޒު ކުރަނީ ކުށެއް ނެތް މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި." މުންދު ވިދާޅުވިއެވެ.
މުންދު ވިދާޅުވިކަމަށް "ރޮއިޓާސް" ގައި ބުނެފައި ވަނީ ފާއިތުވި 10 އަހަރު ތެރޭގައި ރާއްޖޭގައި ގަސްދުގައި ދިން ހަމަލާތަކުގައި 50 މީހަކު ވަނީ މަރާލާފައެވެ. "ރޮއިޓާސް" އިން ބުނީ އދ. އިން ބުނާ ގޮތުގައި ރާއްޖޭގެ ޖަލުތަކުގައި މަރުގެ ޙުކުމް އިއްވާފައިވާ 20 ކުށްވެރިން އެބަތިއްބެވެ. އޭގެތެރޭގައި ފަސް ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށް "ރޮއިޓާސް" އިން ބުނެއެވެ. މަރުގެ ޙުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ތިން މީހެއްގެ މައްޗަށް ވަރަށް އަވަހަށް މަރުގެ ޙުކުމް ތަންފީޒު ކުރާނެ ކަމަށް މުންދު ވިދާޅުވިއެވެ.
މުންދު "ރޮއިޓާސް" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އާންމުންގެ ކުރިމަތީގައި މަރުގެ ޙުކުމް ތަންފީޒު ނުކުރާނެ ކަމަށާއި މަރުގެ ޙުކުމް ތަންފީޒު ކުރާނީ އެކަމަށްޓަކައި ހާއްސަކޮށް މާފުށީ ޖަލުގައި ތައްޔާރުކުރާ ތަނެއްގައެވެ.
ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރަން ތައްޔާރުވަމުން ދާއިރު އދ. އިން ބުނެފައި ވަނީ ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރުން އެއީ ސަރުކާރުން ހަދާ "މިސްޓޭކެއް" ކަމަށެވެ. އެމްނެސްޓީ އިންޓަނޭޝަނަލް އިން ވެސް ދަނީ ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރުމާއި ދެކޮޅަށް އަޑުއުފުލަމުންނެވެ.
މަރުގެ ޙުކުމް ތަންފީޒުކުރުމަށް ރައްޔިތުން ތާއިދު އެބައޮތް – މުންދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ