ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތް މިމަހު 28ގައި ފަށަނީ

ސްވިމިން އެސޯސިއޭޝަނުގެ ފަރާތުން ބާއްވާ 15 ވަނަ މަކީޓާ އިންޓަ ސުކޫލް ފެތުމުގެ މުބާރާތް މިމަހު 28ގައި ފަށަން ނިންމައިފި އެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނީ، މި މުބާރާތަކީ، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން އިން ރާއްޖޭގައި މާރކެޓްކޮށް ޑިސްޓްރިބިއުޓް ކުރަމުންގެންދާ މަކީޓާ ޕަވަރ ޓޫލްސް އިން ސްޕޮންސަރ ކޮށްފައިވާ، ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ހުޅުވާލެވިގެން ބާއްވާ މުބާރާތެއް ކަމަށެވެ. އަދި މުބާރާތް ބޭއްވުމަށް ނިންމާފައި އަންހެން އަދި ފިރިހެން ވަކިން، ހަތަރު އުމުރު ފުރައަކަށް ބަހާލައިގެން ކަމަށްވެސް ސްވިމިން އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
މަކީޓާ، ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތުގެ އުމުރުފުރާތައް ބެހިފައި ވަނީ، 12 އަހަރުން ދަށް، 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރު ފުރަޔަށެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކެޓަގަރީ އެއް ވެސް ހިމެނޭ ކަމަށް ސްވިމިން އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ސްވިމިން އެސޯސިއޭޝަނުން ބުނީ، ދެ ވަނަ ކިޑްސް ސްވިމިންގ ފެސްޓިވަލް ވެސް އަންނަ އޮގަސްޓު މަހުގެ ހަތަރު ވަނަ ދުވަހު ފެށުމަށް ނިންމާފައި ވާ ކަމަށެވެ. އެގޮތުން ކިޑްސް ސްވިމިންގ ފެސްޓިވަލްގެ އުމުރުފުރާތައް ބަހާލެވިފަިއ ވަނީ ހ އަހަރުން ދަށާއި އަށް އަހަރުން ދަށް އަދި 10 އަހަރުން ދަށުގެ އުމުރު ފުރާއަށް ކަމަށް ވެސް ސްވިމިން އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނީ، މި ދެ މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައި ވާކަމަށާއި އެގޮތުން މުބާރާތުގައި ބައިވެރިވުމަށް ފޯރމް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީހަކީ މިމަހުގެ 23 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން ކަމަށެވެ. އަދި މި ދެ މުބާރާތުގައި ބައިވެރިވާން އެދޭ ސްކޫލްތަކުން އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، އެސޯސިއޭޝަނާއި ގުޅުމުން އިތުރު މައުލޫމާތު ލިބޭނެ ކަމަށް ވެސް ސްވިމިން އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
މި ދެމުބާރާތް ވެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާލޭ ސްވިމިންގ ޓްރެކްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ