މިނިވަން ކެންޑިޑޭޓު ނަސީރުގެ ފޯމް ބަލައިނުގަތުމުން ސުޕްރީމް ކޯޓަށް ދަނީ
ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރުމަށް ފޯމު ހުށަހެޅި ހުސައިން ނަސީރު، މާލެ، ދަފްތަރު 6562، ގެ ކެންޑިޑެސީ އިލެކްޝަން ކޮމިޝަނުން ބަލައި ނުގަތުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ. އިލެކްޝަން ކޮމިޝަނުގެ ތަރުޖަމާނު އަދި މެންބަރު އަހްމަދު އަކްރަމް ވިދާޅުވީ ހުސެއިން ނަސީރުގެ ފޯމް ބާތިލުކުރީ އަމިއްލަ ގޮތުން ރިޔާސީ އިންތިހާބްގައި ވާދަކުރާ ނަމަ ހުށަހަޅާ 1،500 މީހުންގެ ސޮއިގައި މައްސަލަތަކެއް ހުރުމުގެ އިތުރުން ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ދާއިމީ އެޑްރެސްގައި މައްސަލަތަކެއް ހުރުމުން ކަމަށެވެ. އަދި އޭނާގެ ރަނިންމޭޓް ޝައިޚް ނަސްރުﷲ މުސްތަފާގެ ކުށުގެ ރިކޯޑްގައި މައްސަލަތަކެއް ހުރިކަން ވެސް އަކްރަމް ފާހަގަކުރެއްވިއެވެ. ހުސެއިން ނަސީރުގެ ފަރާތުން މިއަދު މެންދުރު ބީހައިވް ހޮޓަލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާގެ އެޖެންޓް އަމްޖަދު ހުސައިން ވިދާޅުވީ އިލެކްޝަން ކޮމިޝަނުން އަމަލުކޮށްފައިވަނީ ދެރަ ނިކަމެތި ގޮތަކަށް ކަމަށާއި އިލެކްޝަނުން ފޯމު ބޭރުކޮށްލި ކޮށްލުން ކުށްވެރިކުރާ ކަމަށެވެ. ހުސައިން ނަސީރުގެ ފަރާތުން މިއަދު ބޭއްވު ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާގެ ރަނިން މޭޓް އަދި ކެމްޕެއިން އެޖެންޓް --- ސަން ފޮޓޯ: އަހްމަދު އަވްޝަން އެ ބައްދުލުވުމުގައި ވާހަކަ ދައްކަވަމުން ހުސައިން ނަސީރުގެ ރަނިންގް މޭޓު ޝައިޚު ނަސްރުﷲ ވިދާޅުވީ ހުށަހެޅި ނަންތަކުގެ ތެރެއިން މައްސަލައުޅޭ ނަންތައް ފާހަގަކޮށް އެންގި ނަމަ އަލުން ހުށަހެޅުމަށް ފަސޭހަވާނެ ކަމަށާއި އޭގަ ބަދަލުގައި އިލެކްޝަނުން އެންގީ މުޅި ފޯމް ސެޓް އަލުން އެއްކޮށް މިއަދު 16:00 ގެ ކުރިން ހުށަހެޅުމަށް ކަމަށެވެ. "އިސްލާހު ކުރުމަށްޓަކައި ފުރުސަތު ހުޅުވާލުމަކީ އޮތް ކަމެއް. މިއަކީ އާދައިގެ ކަމަކަށް ކުރިމަތިލާ ލުމެއް ނޫން. މިއީ ގައުމެއްގެ ރިޔާސީ އިންތިހާބު. ރަނިން މޭޓަކައި އަދި ރަނިންމޭޓުގެ އިސް ވެރިޔާގެ ކެންޑިޑެސީ،" ނަސްރުﷲ ވިދާޅުވިއެވެ. އިލެކްޝަނުން ކެންޑިޑެސީ ފޯމް ބަލައި ނުގަނެ ބޭރުކޮށްލުމުން އެ ހިސާބުން މަސައްކަތް ހުއްޓާނުލާނެކަން ނަސްރުﷲ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، އަންނަ އާދިއްތަ ދުވަހު މައްސަލަ ސުޕްރީމް ކޯޓަށް ވައްދާނެ ކަމަށެވެ. "އެބޭފުޅުން [އިލެކްޝަން ކޮމިޝަން] އެބަ ވިދާޅުވެ އެއްބާރުލުމެއް ނުދޭނަމޭ. ޑިޕޮސިޓްކުރި [އެއްލައްކަ ރުފިޔާ] ފައިސާ ވެސް ނުދޭނަމޭ. ވާހަކައަކީ ނުލިބޭނެއޭ ފައިސާއެއް ވެސް. މިކަހަލަ ކަންތައްތަކެއް ހުރީތީވެ މި ކަންތައްތަކާއި ގުޅިގެން އަޅުގަނޑުމެންގެ ލީގަލް ޓީމުން އަދި ކެންޑިޑޭޓުވެސް ނިންމާފައި ވަނީ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމަށް،" އަމްޖަދު ވިދާޅުވިއެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު 16:00 އަށް ހަމަވެފައިވާއިރު ނަސީރުގެ އިތުރުން ދެން ކުރިމަތިލާފައިވަނީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ އިތުރުން ވެރިކަން ކުރާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އިބޫގެ ކެންޑިޑެންސީ އިލެކްޝަނުން ގަބޫލުކޮށްފައިވާއިރު އިއްޔެ ހެނދުނު ފޯމް ހުށަހެޅި ރައީސް ޔާމީންގެ ކެނޑިޑެންސީއާ ގުޅޭ ގޮތުން މާދަމާ 10:30ގެ ކުރިން ގޮތެއް ނިންމަން ޖެހެއެވެ. އަމިއްލަ ގޮތުން ވާދަކުރާނެ ކަމަށް އިއުލާނުކޮށްފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިން ވަނީ އިންތިހާބުގައި ވާދަނުކުރަން ނިންމައި، އެކަން އިއުލާނުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ