މަސްދުވަސްވިއިރު ވެސް މައުމޫން ރީ ރަޖިސްޓްރީ ނުވާ ކަމުގެ ޝަކުވާ!

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ރިޔާސީ އިންތިޚާބުގައި ވޯޓު ލެއްވުމަށް މީގެ މަހެއްހާ ދުވަސް ކުރިން ރީ ރަޖިސްޓްރޭޝަންގެ ފޯމު ފުރުއްވާފައިވީ ނަމަވެސް މިއަދާ ހަމައަށް ވެސް އެމަނިކުފާނު ރަޖިސްޓްރީވެފައި ނުވާ ކަމުގެ ޝަކުވާ އާއިލާ އިން ކަރެކްޝަނަލް ސާވިސް އަށް ހުށަހަޅައިފި އެވެ.
ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި މައުމޫންގެ އާއިލާއާ ގާތް ގުޅުމެއް އޮންނަ، އަބްދުލް އަލީމް މިއަދު ވިދާޅުވީ މައުމޫންގެ އިތުރުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި، މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ވެސް މިއަދާ ހަމައަށް ރީ ރަޖިސްޓްރީވެފައި ނުވާ ކަމަށެވެ. މިއީ، އިންތިޚާބުގެ ވޯޓުން އެ ބޭފުޅުން މަހްރޫމްވެ، ހައްގެއް ގެއްލިގެން ހިނގައިދާނެ ކަމަކަށް ވާތީ އާއިލާ އިން ކަންބޮޑުވާ ކަމަށް އަލީމް ވިދާޅުވި އެވެ.
"ރައީސް މައުމޫން މަހެއްހާ ދުވަސް ކުރިން ފޯމް ފުރުއްވި، އެކަމަކު މިއަދު މެންދުރާ ހަމައަށް ވެސް ރަޖިސްޓްރީވެފައިވާ ކަމަކަށް ނުދައްކާ،" އަލީމް ވިދާޅުވި އެވެ.
މައުމޫން ހިމެނިވަޑައިގަންނަވާ ގޮތުން، ޖަލުގައި ތިއްބެވި ސިޔާސީ ބޭފުޅުން ރީ ރަޖިސްޓްރީ ނުވާ ކަމުގެ ކަންބޮޑުވުން މިފާޅުކުރީ، ރީ ރަޖިސްޓްރީ ކުރުމުގެ މުއްދަތު ރޭ ދަންވަރު 12 އަށް ހަމަވިއިރު ވެސް ޖަލުތަކުގައި ބަހައްޓާ ފޮއްޓަށް ވޯޓުލާން ޖެހޭ ގައިދީން ރީ ރަޖިސްޓްރީ ނުވާ ކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.
ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރު، އަހްމަދު ލުގްމާން މިއަދު ވިދާޅުވީ ޖަލު ހުކުމް ތަންފީޒުކުރާ ގައިދީންގެ ރީ ރަޖިސްޓްރޭޝަން ފޯމުތައް މިހާރު ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ކަމަށެވެ.
"އަޅުގަނޑުމެން ވާނީ، ރީ ރަޖިސްޓްރީވާން ފޯމު ފުރި އެންމެންގެ ފޯމުތައް އިލެކްޝަންސަށް ހުށަހަޅާފައި،" ލުގްމާން ވިދާޅުވި އެވެ.
ގަނޑުކޮށް، ހުށަހަޅާ ފޯމުތައް ޕްރޮސެސްކުރަން މަދުވެގެން ތިން ދުވަސް ހޭދަވާނެ ކަމަށް އިލެކްޝަންސުން ވަނީ ބުނެފަ އެވެ. އަންނަ މަހު 23 ގައި ބާއްވާ އިންތިޚާބަށް ރީ ރަޖިސްޓްރީވާން ފޯމު ހުށަހެޅުމުގެ މުއްދަތު ރޭގެ ނިޔަލަށް ހަމަވިއިރު، ލައްކައެއްހާ މީހުން ވަނީ ރީ ރަޖިސްޓްރީ ކުރަން ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި، ތަކުރާރުކޮށް ހުށަހަޅާފައިވާ ފޯމުތައް ވެސް ހިމެނޭނެ އެވެ.
އެއީ، ސަރުކާރުގެ މުވައްޒަފުން ލައްވައި ރީ ރަޖިސްޓްރޭޝަންގެ ފޯމުތައް ފުރުވުމަށް ފަހު އެ ފޯމުތައް ޕީޕީއެމްގެ އޮފީހަށް ގެންދިޔަ ކަމަށް ކުރި ތުހުމަތާ ގުޅިގެން ބައެއް މީހުން ދެ ވަނަ ފޯމަކުން ރަޖިސްޓްރީވާން ހުށަހަޅާފައިވާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ