ރާއްޖެ ޓީވީ އިން ޖޫރިމަނާ ފައިސާ ދަށްކައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމުން އެ ފައިސާ ރާއްޖެ ޓީވީ އިން މިއަދު ދަށްކައިފިއެވެ.
ދެ މިލިއަން ރުފިޔާ ދެއްކުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީއަށް ދީފައިވަނީ އެންމެ 30 ދުވަހެވެ. ރާއްޖެ ޓީވީން މިއަދު ޖޫރިމަނާ ފައިސާ ދެއްކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށެވެ. މީރާ އިން ވަނީ ރާއްޖެ ޓީވީގެ ޖޫރިމަނާ ފައިސާ ބަލައިގަން ފައެވެ.
ޖޫރިމަނާ ފައިސާ ދެއްކެވުމަށް ފަހު މީރާ ބޭރުގައި ހުންނަވައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވީ ރާއްޖެ ޓީވީ ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރި ކުރުމަކީ ފޭރިގަތުމުގެ އަމަލެއް ކަމަށާއި ރާއްޖެ ޓީވީއަށް ޖޫރިމަނާ ފައިސާ ދައްކައިދެނީ ދިވެހި ރައްޔިތުންނާއި ހެޔޮ އެދޭ ފަރާތްތައް ކަަމަށެވެ.
"ރާއްޖެ ޓީވީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ބަންދުކުރަން މަސައްކަތް ކުރި ނަމަވެސް ދިވެހި ރައްޔިތުން އެކަމަށް ފުރުސަތު ނުދޭނެކަން މިއަދު ވެސް އެނގިގެން ގޮސްފި" ފިޔާޒު ވިދާޅުވިއެވެ.
ރާއްޖެޓީވީ ޖޫރިމަނާ ކުރަން ނިންމީ ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ކޮންޓެންޓް ގެނެސްދީފައިވާތީ އާއި ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކޮންޓެންޓް ގެނެސްދީފައިވާތީއެވެ.
މީގެ ކުރިން ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ރާއްޖެޓީވީ އެކި ފަހަރުމަތިން ޖޫރިމަނާކޮށްފައެވެ. ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ ހަތަރު ވަނަ ފަހަރަށް ޖޫރިމަނާ މިކުރީ އަބުރު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭ އެންމެ ބޮޑު އަދަދުންނެވެ.
ރާއްޖެޓީވީ އެންމެ ފުރަތަމަ ޖޫރިމަނާކޮށްފައިވަނީ 250،000 ރުފިޔާ އިންނެވެ. އަދި އޭގެފަހުން އެއް މިލިއަން ރުފިޔާ އިން ވެސް އެ ސްޓޭޝަން ޖޫރިމަނާކޮށްފައިވެއެވެ. ޖޫރިމަނާ ކުރާ ކޮންމެ ފަހަރަކު ރާއްޖެ ޓީވީން ފަންޑު ފޮށްޓެއް ހުޅުވައި، އެއަށް ލިބޭ ފައިސާ އިން ޖޫރިމަނާ ދަށްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ