އަމިއްލަ އަތުން ގޯހެއް ހަދަން ބޭނުން ނުވާ ނަމަ އިބޫއަށް ވޯޓުދީގެން ނުވާނެ: މިނިސްޓަރު މުއިއްޒު

އަމިއްލަ އަތުން ގޯހެއް ހަދަން ބޭނުން ނުވާ ނަމަ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ވޯޓު ނުދިނުމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.  
ރ. އިންނަމާދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގައި ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށާއި، ޚާއްސަކޮށް އެމްޑީޕީގެ މެންބަރުން އިބޫއަށް ވޯޓު ދިނުމުގައި ވިސްނަން ޖެހޭ ކަމަށެވެ. އަދި އަމިއްލަ އަތުން ގޯހެއް ހަދަން ބޭނުންނުވާ ނަމަ އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ދީގެން ނުވާނެ ކަމަށެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓަކީ އެއްވެސް ބާރެއް ހުރި ބޭފުޅެއް ނޫން ކަމަށާއި، އެމަނިކުފާނު މަސައްކަތް ކުރައްވަނީ އެހެން ބޭފުޅެއްގެ ބާރާއި ނުފޫޒުގެ ދަށުން ކަމަށެވެ. އެހެންކަމުން ރަށްރަށަށް ވަޑައިގަންނަވާ ރައްޔިތުންނަށް ވައުދު ވަމުންދަނީ ނިމިފައި ހުރި މަޝްރޫއުތައް ކޮށްދޭނެކަމުގެ ވައުދު ކަމަށާއި، މިކަމުން ވެސް އިބޫގެ ފެންވަރު އެނގޭ ކަމަށެވެ.
"ނަރުދަމާ އަޅަމުންދަނިކޮށް އެބަ ވިދާޅުވޭ ނަރުދަމާ އަޅައިދޭނަމޭ. ނަރުދަމާ ނިމިފަ ހުއްޓަ އެބަ ވިދާޅުވޭ ނަރުދަމާ އަޅއިދޭނަމޭ. ކުޅުދުއްފުއްޓަށް ވަޑައިގެން އެއާރޕޯޓު ރައީސް ޔާމިން ނިންމަވައިދެއްވަނިކޮށް އެބަ ވިދާޅުވޭ އެއާރޕޯޓެއް ހަދައިދޭނަމޭ،" މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވީ ރައީސް އަބްދުﷲ ޔާމިން ވެރިކަމަށް ވަޑައިގެންނެވި އިރު މިގައުމު އޮތީ ހަލާކުވެފައި ކަމަށާއި، އިސްލާމް ދީން ފުހެލުމަށް ބަޔަކު މީހުން ދިޔައީ މަސައްކަތް ކުރަމުން ކަމަށެވެ. ނަމަވެސް ރައީސް ޔާމިންގެ ވިސްނުންފުޅުން ދީން ހިމާޔަތްކޮށް މިގައުމުގެ ރަނގަޅު މިސްރާބަށް އަބުރާލެއްވީ ކަމަށެވެ.
އެމްޑީޕީގެ ވެރިކަމެއް އައުމުން ރައްޔިތުންގެ ކަރުގައި ލީ ހިތިރަހަ އަދިވެސް ނުފިލާ ކަމަށާއި، އެހެންކަމުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާ ދެކޮޅަށް ވޯޓު ދިނުމަށް މުއިއްޒު ގޮވާލެއްވިއެވެ.
މިނިސްޓަރު މުއިއްޒު މިމޭރުމުން ވާހަކަދައްވާފައިވާއިރު، މިވެރިކަމުގައި ރައީސް ޔާމިން އަންނަނީ ދީނާ ފުށޫއަރާ ގިނަ  ވާހަކަތައް ދައްކަވަމުންނެވެ. މީގެ އިތުރުން މޫނު ބުރުގާ އަޅާ އަންހެނުން ވަޒީފާއިން ވަކުރުމާއި، ތުބުޅި ދިގުކުރާ މީހުން ވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.
ރައީސް ޔާމިންއަކީ ވެސް ކޯލިޝަނަކުން ވެރިކަމަށް ވަޑައިގެންފައިވާ ބޭފުޅަކަށްވާއިރު ރައީސް ޔާމިންގެ ސަރުކަރުގައި ވަނީ އެމަނިކުފާނު ވެރިކަމަށް ގެނައުމަށް އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންނަށް ނުހައްގުން އަނިޔާދީ ޖަލު ހުކުމްތައް އިއްވާފައެވެ. އިބޫއަކީ ބާރެއް ނެތް ބޭފުޅެއް ކަމަށް މިނިސްޓަރު މުއިއްޒު ތުހުމަތު ކުރެއްވި އިރު ކޯލިޝަންގެ ތެރެއިން ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކޮށްދޭނެ ކަމުގެ ޔަގީން އިބޫ ވަނީ ދެއްވާފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ