ރައްޔިތުން ކޯޓެއް ހަދައިގެން ނަމަވެސް އެމްއެމްޕީއާރުސީ މައްސަލަ ނިންމަން ވެއްޖެ: އާދަމް ޝަރީފް

ރައްޔިތުން އަމިއްލަ އަށް ކޯޓެއް ހަދައިގެން ނަމަވެސް، އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ބަލައި ނިންމަން ވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ ޝަރީފު) ދެއްކެވި ވާހަކާ ގުޅިގެން އެމްއެމްޕީއާރުސީ ހިޔާނާތުގެ ބޮޑު ބަހުސެއް ފެށުމުން، އެ ބަހުސްގައި ބައިވެރިވެވަޑައިގެން އާދަމް ޝަރީފު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ބެހޭ ގޮތުން މަޖިލީހުގައި ވެސް ދައްކަނީ ހުސް ވާހަަކަތަކެއް ކަަމަށެވެ. އެކަމުގައި ނަތީޖާއެއް ނެރެވޭގޮތް ނުވާ ކަމަށާއި ހުރިހާ މެމްބަރުން ވެސް ތިއްބެވީ ކަރަޕްޝަނުގެ ފައިސާގައި ޖެހިފައި ތިބީތޯ މިހާރު ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މައްސަލަ އެއްވެސް ބަޔަކަށް ނުބެލިގެން އުޅޭތީ އަޖައިބުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރަކުން މިކަމެއް ނުވި، މި މަޖުލީހަކުން މިކަމެއް ނުވި. ދެން އަޖައިބެއް ކަހަލަ ކަމެއްނޫންތޯ މިކަމެއް ވާނެ ހަމަ އެއްވެސް ގޮތެއް ނެތް. އަޅުގަނޑުމެންނަށް، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުން، ދެން މިހާ ހިސާބަށް ދިޔައިމާ ދެން ރައްޔިތުން ކޯޓެއް ހަދައިގެން ވެސް އެބަޖެހޭ މިހާރު މިކަން ނިންމަން،" އާދަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި އެ މައްސަލަ ބަލައި ނުނިމި އޮންނާތީ އެކަމުގެ ބަދުނާމު މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ވެސް ރައްދުވެ އެވެ. އެ ސުވާލު އުފެއްދެވުމާ އެކު ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މައްސަލަ ނުބެލި އޮންނަހާ ހިނދަކު ހުރިހާ މެމްބަރުންގެ ބޮލުގައި ވެސް އެކަން އެޅިފައި އޮންނާނެ ކަމަށެވެ.
"އިއްޒަތްތެރި މެމްބަރު، މާފާ އެކީ ދަންނަވަން ޖެހޭނީ އަޅުގަނޑުމެނަށް މީގެ އަޑި ނުފެންނަހާ ހިނދަކު އިއްޒަތްތެރި މެމްބަރު ވެސް އަދި އަޅުގަނޑުގެ ބޮލުގައި ވެސް މިއޮތީ ހަތްދިހަ މިލިޔަން ޑޮލަރު އެޅިފައި،" އެމަނިކުފާނު ވިދާޅުވި އެވެ.
ދޮރުން ދޮރަށް ހިނގައިގެން އަދި ހުރިހާ ތިޖޫރިއެއް ހުޅުވައިގެން ހުރިހާ އަލަމާރިއެއް ބަލައިގެން ވެސް އެކަން ހޯދުމަކީ މަަޖިލީހުގެ މެމްބަރުންގެ މަސްއޫލިއްޔަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އާދަމް ޝަރީފު ވިދާޅުވީ ބޮޑު ހިޔާނާތުގެ މައްސަލަ ބައްލަވަން ނަޝީދާއި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އުޅުއްވާކަމަށް ފެނިވަޑައިގަންނަވާ ކަަމަށާއި އެ ބޭފުޅުން ހިޔާނާތުގައި ޝާމިލުވާކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެކަމަކު މަޖިލީހުގައި ތަކުރާރުކޮށް އެއް މެމްބަރަކު އަނެއް މެމްބަރަކަށް އެކަމުގައި އިނގިލިދިއްކުރައްވާ ކަަމަށާއި އެކަމަކު ހުޅުވާލައިގެން ރަނގަޅަށް ބަލައި ނުލެވޭ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ހިތަށް އަރާ ތިޔަ ވިދާޅުވާ ޕެންޑްރައިވްގައި ހުރި އެއްޗިހި ވެސް ދައްކަވަން ވީނުންތޯ؟" ރިޔާސަތާ މުހާތަބުކުރައްވައި އޭނާ ވިދާޅުވި އެވެ.
އޭނާ އެ އިޝާރާތްކުރެއްވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ 70،000 އަށް ވުރެ ގިނަ ޓެކްސްޓް މެސެޖް އަޅާފައިވާ ޕެންޑްރައިވެއް މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއާ ހަވާލުކުރައްވާފައިވާނެ ކަަމަށް ނަޝީދު ތަކުރާރުކޮށް ދައްކަވާ ވާހަކަ އަށެވެ. އެ ޕެންޑްރައިވް ކަމާ ބެހޭ ފަރާތްތަކަށް ފޮނުއްވައި އަދި އޭގަައިވާ މައުލޫމާތު މަޖިލީހުގައި އާކައިވްކުރައްވާފައި އެބަހުރި ކަަމަށް އެމަނިކުފާނު މިއަދު ވެސް ވިދާޅުވި އެވެ. އެކަން މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން ނުބެލޭ ނަަމަ ރައްޔިތުންނަށްް އެމައުލޫމާތު އާއްމުކޮށް ހުޅުވައިލައްވާނެ ކަމަށް ވެސް މީގެ ކުރިން އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ