ރާއްޖޭގައި ބަރުލަމާނީ ނިޒާމަށް ޖާގައެއް ނެތް: ރައީސް މައުމޫން

ރާއްޖޭގައި ބަރުލަމާނީ ނިޒާމަށް ޖާގަ ނެތް ކަަމަށް ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް މައުމޫން މިފަދައިން ވިދާޅުވެފައި މިވަނީ ރައީސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ. ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ހާލަތާ އެންމެ ގުޅޭ، ރާއްޖެއަށް އެންމެ ފައިދާހުރި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށެެވެ. އަދި ދިވެހި ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން ނިންމާފައިވަނީ ރިޔާސީ ނިޒާމު ގެނައުމަށް ކަން ފާހަގަކުރައްވައި ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގައި ބަރުލަމާނީ ނިޒާމަށް ޖާގަ ނެތް ކަމަށެވެ. "ދިވެހި ރާއްޖޭގެ ހާލަތާ އެންމެ ގުޅޭ ރާއްޖެއަށް އެންމެ ފައިދާ ހުރި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު. ދިވެހި ރައްޔިތުންގެ ބޮޑު އަގުލަބިއްޔަކުން ނިންމާފައި ވަނީވެސް ހަމަ ރިޔާސީ ނިޒާމު. ވީމާ ބަރުލަމާނީ ނިޒާމަކަށް ރާއްޖެއަކު ޖާގައެއްނެތް. ވަރަށްސާފު،" ރައީސް މައުމޫން ވިދާޅުވިއެވެ. ރައްޔިތުންގެ ސުވާލުތަކަށް ފުރުސަތު ހުޅުވާލައިގެން ރޭ ކުރިއަށް ދިޔަ "އާސްކް ސްޕީކަރ" ޕްރޮގްރާމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނު ވާދަ ކުރައްވާނެ ކަމަށެވެ. ނަމަވެސް ރިޔާސީ ނިޒާމަށް ވުރެ ބަރުލަމާނީ ނިޒާމަކަށް އެމަނިކުފާނު ތާއީދު ކުރައްވާކަން ހާމަ ކުރައްވަމުން ނަޝީދު ވިދާޅުވީ، އެގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އަދި އަންނަ އަހަރު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމަނިކުފާނު ވަނީ ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ