ބަލީގެ ހާލަތު ރަނގަޅުވަމުންދާތީ، ބައެއް ފިޔަވަޅުތަކަށް ލުއިދޭން ސައުދީ ސަރުކާރުން ނިންމައިފި

ކޮވިޑްބަލި ފެތުރުން ހުއްޓުވަން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ މުއްދަތު އިތުރު ނުކުރަން ސައުދީ އަރަބިއްޔާއިން ނިންމައިފިއެވެ.
ސައުދީ އަރަބިއްޔާއިން މިގޮތަށް ނިންމީ، ކޮވިޑްބަލި ފެތުރުން ކޮންމެވެސް ވަރަކަށް މިހާރު ކޮންޓްރޯލްވެ ކަންކަން ހަމަޔަކަށް އެޅެމުންދާތީ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިކަމާ ގުޅިގެން ސައުދީ ސަރުކާރުގެ ދާޚިލީ ވުޒާރާއިން ބުނެފައިވަނީ، އަލަށް ބަލިޖެހޭ މީހުންގެ އަދަދު މަދުކުރަން މިދިޔަ ފެބްރުއަރީ 3 ވަނަ ދުވަހު އަދި ފެބްރުއަރީ 14 ވަނަ ދުވަހު އަޅާފައިވާ ފިޔަވަޅުތަކުގެ މުއްދަތު އިތުރު ނުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
މިފިޔަވަޅުތަކުގެ ދަށުން، ކެފޭ، ރެސްޓޯރަންޓްތަކަށް ގޮސް ކެއިންބުއިމުގެ ޚިދުމަތް ލިބިގަތުމާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، އިވެންޓްތައް ބޭއްވުމުގެ ހުއްދަވެސް ލިބިގެންދާނެއެވެ.
މީގެއިތުރުން، ސިނަމާތައް ހުޅުވައި، އިންޑޯ ކުޅިވަރު ސެންޓަރުތަކާއި، ކުޅިވަރު ސެންޓަރުތަކާއި، ކުޅިވަރު ހަރަކާތްތައްވެސް ކުރިއަށް ގެންދިއުމުގެ ހުއްދަ ދޭގޮތަށް ވަނީ ނިންމާފައެވެ.
މި ހުއްދަތައް، މާޗްމަހުގެ 7 ވާ އާދީއްތަ ދުވަހުން ފެށިގެން ދޭގޮތަށް، ދާޚިލީ ވުޒާރާގެ ނިންމުމުގައި ވެއެވެ.
އެހެން ނަމަވެސް، އިތުރު އެންގުމެއް އަންގަންދެން، އިންޑޯ ކައިވެނީގެ ހަފްލާތަކާއި، ވިޔަފާރި ބައްދަލުވުންތައްފަދަ ކަންކަން ނުބޭއްވޭނޭ ކަމަށް އަންގާފައި ވެއެވެ.
ސައުދީ ދާޚިލީ ވުޒާރާއިންވަނީ، ސިއްހީ ގައިޑްލައިންތަކުގެ ދަށުން މިހާރު އަޅާފައިވާ ފިޔަވަޅުތައް ހުރިހާ ފަރާތަކުންވެސް ބޯލެނބުމަށް އިލްތިމާސްކޮށްފައެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތައް ގާއިމްކުރުމާއެކު، ބަލި ފެތުރުން ހުއްޓުވުމުގައި މިހާތަނަށް ހާސިލް ކުރެވިފައިވާ ނަތީޖާ ދެމެހެއްޓުމަށް ހުރިހާ ފަރާތަކުން މަސައްކަތް ކުރުމަށްވެސް އެދިފައި ވެއެވެ.
ދާޚިލީ ވުޒާރާގެ އޮފިޝަލަކު ވިދާޅުވީ، ކުރިއަށްއޮތް ފޭހުގައި އިންސްޕެކްޝަންތައް އިތުރު ކުރެވޭނޭ ކަމަށާއި، ގައިޑްލައިންތަކުން މިހާތަނަށް ދަމަހައްޓާފައިވާ ފިޔަވަޅުތަކާ ޚިލާފަށް އުޅޭ މީހުންނާއި، ފިޔަވަޅުތަކާ ޚިލާފަށް ހުންނަ ތަންތަން ޖޫރިމަނާ ކުރެވޭނޭ ކަމަށެވެ.
ބައެއް ފިޔަވަޅުތަކަށް ލުއިދިން ނަމަވެސް، ކަމާބެހޭ އިދާރާތަކުން އިވެލުއޭޝަންތައް ކުރިއަށް ގެންދާނޭ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ