ކަރަންޓު ބިލް ނުދެއްކި ކަމަށް ބުނެ ބިލެއްފަހީ ކައުންސިލްގެ ރައީސް ސަސްޕެންޑުކޮށްފި

ކަރަންޓު ބިލުތަކެއް ނުދެއްކި ކަމަށް ބުނެ، ށ. ބިލެއްފަހީ ކައުންސިލްގެ ރައީސް، ޒިޔާދު ސަސްޕެންޑު ކޮށްފި އެވެ.
ލޯކަލް ގަވަރމެންޓު އޮތޯރިޓީން ބިލެތްފަހީ ކައުންސިލްގެ ރައީސް، ޒިޔާދަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ އޮތޯރިޓީގެ ބޯޑުން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި އޭނާ ސަސްޕެންޑް ކުރުމަށް ފާސްކޮށްފައިވާ ކަމަށެވެ.
އޭނާ ސަސްޕެންޑު ކުރީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކާއި މަގުބައްތި ތަކުގެ ކަރަންޓު ބިލު ގިނަ ދުވަސްތަކެއް ވަންދެން ދައްކާފައި ނުވާތީ، އެތަންތަނުން ކަރަންޓު ކަނޑާނެ ކަމުގެ ނޯޓިސް ފެނަކައިން ދީފައިވާ ކަމަށް ބުނެއެވެ.
އެހެން ކަމުން އެލް.ޖީ.އޭ އިން އެ މައްސަލަ ބަލައި ވަކިގޮތެއް ކަނޑައަޅަންދެން އޭނާ، މަޤާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައިވާ ކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ. އެމުއްދަތުގައި ފަރުދީ ހައިސިއްޔަތުން ޚިދުމަތް ހޯއްދަވަން ފިޔަވައި އެހެން ބޭނުމެއްގައި ކައުންސިލް އިދާރާއަށް ހާޒިރު ނުވުމަށް ވަނީ އަންގާފައެވެ. އަދި ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުން ނުކުރުމަށް ވެސް އޭނާއަށް ވަނީ އަންގާފަ އެވެ.
ފޮޓޯ:ވަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ