އަންނަ ހޮނިހިރު ދުވަހު ވޯޓުލާން ދާއިރު މީހަކު ދޭ ގަލަމެއްގެ ބަދަލުގައި އަމިއްލަ ގެއިން ގަލަމެއް ހިފައިގެން ދިއުމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެދިވަޑައިގެންފި އެވެ.
ރޭ ވިލިމާލޭގައި ޖުމްހޫރީ ގުޅުމުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ވޯޓް ކާރުދާސްކޮޅުގައި ޖަހާ ފާހަގަ ފިލާ ފަދަ ގަލަމެއް ބަޔަކު ރާއްޖެ ގެނެސް ރައްޔިތުން ލައްވާ އެފަދަ ގަލަން ތަކުން ވޯޓްލައްވަން މަސައްކަތް ކުރަމުން ގެންދާތީ އެކަމަށް ރައްޔިތުން ސަމާލުވާން ޖެހޭ ކަމަށެވެ.
"މީހަކު ދޭ ގަލަމެއް ބޭނުން ނުކުރުން ވަރަށް ރަގަޅުވާނޭ ނުވަތަ އެތަނުގައި އޮންނަ ގަލަން މީހަކު ބޭނުންކޮށްފައި ޖީބަށް ލުމަށްފަހު މިދެންނެވި ފަދަ ގަލަމެއް އެތަނުގައި ބާއްވައިފިއްޔާ ދެން އަންނަ ހުރިހާ އެންމެންވެސް ފާހަގަލާނީ މިދެންނެވި ގަލަމުން. ލާއިރު އިރުކޮޅަކުން، ދިހަވަރަކަށް މިނިޓް ފަހުން ބަލާއިރު، ފާހަގަ އިންނާނީ ގެއްލިފައި. އެހެންވީމާ އެވޯޓް ވެގެންދާނީ ބާތިލް ވޯޓަކަށް." ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިފަދަ ކަންކަމަކީ ދުނިޔޭގެ އެކި ތަންތަނުގައި ހިނގާ ކަންކަމެވެ.
މީގެއިތުރުން އައިޑީ ކާޑު ފޮރުވުމަށް ބަޔަކު މަސައްކަތްކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެހެންކަމުން އެމީހެއްގެ އައިޑީ ކާޑާއި މެދު ވެސް ސަމާލުވުމަށް އިލްތިމާސްކުރައްވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި ފަތިހު ފަސް ނަމާދުކޮށް ވީހާވެސް ހެނދުނަކާއި ވޯޓު ލުމަށް ވެސް ގާސިމް އެދިވަޑައިގެންނެވި އެވެ.
ރޭގެ ޖަލްސާގައި ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ހަތަރު ކެންޑިޑޭޓުންގެ ތެރެއިން އެންމެ ބޮޑު ތަޖުރިބާއެއް ހުރި އަދި އެންމެ ގާބިލީ ވެސް އޭނާ ކަމަށާއި އޭނާ އަށް ވުރެ ރަނގަޅު އެހެން ބޭފުޅަކު ހުންނެވި ނަމަ އެ އެ ބޭފުޅަކަށް ތާއީދުކުރެއްވީސް ކަމަށެވެ.
ވޯޓު އޮޅުވާލުމުގެ ބޭނުމުގައި ހާއްސަ ގަލަމެއް އެތެރެކޮށްފައިވާ މައްސަލައެއް ފެންމަތިވުމުން ޕީޕިއެމް އިން އެމައްސަލަ އިލެކްޝަން ކޮމިޝަނަޝާއި ފުލުހުންނަށް މިހާރު ވަނީ ހުށަހަޅާފައެވެ. ޕީޕީއެމްއިން ވެސް ވަނީ ހުރިހާ ޕާޓީއެއްގެ ކެންޑިޑޭޓުންނާއި ވޯޓުލާ ސަރަހައްދުގައި ތިއްބަވާ އިލެކްޝަން ކޮމިޝަންގެ އޮފިޝަލުންނާއި ރައްޔިތުން ވެސް އެގަލަމާމެދު ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ވޯޓުލާން ދާއިރު އަމިއްލަ ގެއިން ގަލަމެއް ހިފައިގެން ދިއުމަށް ގާސިމް އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ