އުމަރު – ހަރަކާތްތެރި މިނިސްޓަރެއް!

ސިޔާސީ ގޮތުން އާންމުކޮށް ވަރުގަދަ ބަހުގެ ހަމަލާތަކެއް އިދިކޮޅު ފަރާތްތަކަށް ރައްދު ކުރަމުން އައި އުމަރު ނަސީރު ހޯމް މިނިސްޓަރު ކަމާއި ހަވާލުވުމަށް ފަހު ފެންނަނީ ސިޔާސީ ބޭފުޅަކަށް ވުރެ ބޮޑަށް ކުރާ މަސައްކަތުން ނަތީޖާ ނެރުމަށް މަސައްކަތް ކުރާ ވަޒީރެއްގެ ގޮތުގައެވެ. އުމަރު ކުރިން ސިޔާސީ ވާދަވެރިންނަށް ދިން ބަހުގެ ހަމަލާތައް މިހާރު ދެއްވާ މަންޒަރެއް ނުފެނެއެވެ.
ޚަރަދު ކުޑަކުރުމުގެ ގޮތުން ހައްޔަރުކުރެވޭ މީހާ ކޯޓަށް ހާޒިރުނުކޮށް އޭނާގެ ބަންދާއި މެދު ގޮތެއް ނިންމޭނެ ނިޒާމެއް ގާއިމް ކުރުމާއި ފުލުހުންނާއި ގުޅޭ ޝަކުވާތައް އެސްއެމްއެސްއެއް މެދުވެރިކޮށް ހޯމް މިނިސްޓަރަށް ދެންނެވޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތާއި ރާފުޅިތަކާއި ބިޔަރު ދަޅުތަކުގައި ޓެގް ޖެހުމުގެ މަޝްރޫއެއް ފެށުމަށް އުމަރު ކުރަމުންގެންދަވާ މަސައްކަތް ފާހަގަ ކުރަން ޖެހެއެވެ.
މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކްތައް އަތުލައި ގަތުމުގައި ފުލުހުން ހޯދަމުންދާ ކާމިޔާބީ ތަކުގައި ވެސް އުމަރު ފުލުންނަށް ދެއްވާ ހިތްވަރާއި ފުލުހުންގެ މަސައްކަތައް މިނިސްޓަރެއްގެ ހައިސިއްޔަތުން ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރަން ޖެހެއެވެ. އަދި މަސްތުވާތަކެތީގެ ނެޓްވޯކްތައް އަތުލައި ގަތުމުގައި ފުލުހުން ކުރާ މަސައްކަތް ފާހަގަކޮށް ފުލުހުންގެ އަގުވަޒަން ކުރަމުންގެންދާ ކަމީ ވެސް މީގެ ކުރިއަކުން އެއްވެސް މިނިސްޓަރަކު ކުރި ކަމެއް ނޫނެވެ. ނަމަވެސް އުމަރުގެ ފަރާތްޕުޅުން އެމަންޒަރު އެބަ ފެނެއެވެ.
ފާއިތުވި ފަސް ދޮޅަސް އަހަރު ތެރޭގައި ރާއްޖޭގެ އެއްވެސް ސަރުކާރަކަށް މަރުގެ ޙުކުމް ތަންފީޒު ކުރަން ނުކެރުނު ނަމަވެސް އުމަރު މިހާރު އެހުންނެވީ އެތާރީޙް ބަދަލުކުރެއްވުމަށް ކަމަރު ބަންނަވައިގެންނެވެ. ސްޕްރީމް ކޯޓުން މީހެއްގެ މައްޗަށް މަރުގެ ޙުކުމް އިއްވައިފިނަމަ އެޙުކުމެއް ތަންފީޒު ކުރުމަށް ކަމާބެހޭ އިދާރާއަށް އުމަރު ކުރެއްވި އަމުރަކީ ޖެހިލުންކުޑަ ކެރޭ ޒިންމާދާރު ނިންމެވުމެވެ.
ރާއްޖެއިން ބޭރުން ރާއްޖެއަށް މުދާ އެތެރެވާ ބަނދަރުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ޖަލުތަކަށް ވެއްދުން މަނާ ތަކެތި ޖަލުތަކަށް ވެއްދުން ހުއްޓުވުމަށް ގެނައުމަށް އަޅުއްވަން ރާއްވަވާފައިވާ ފިޔަވަޅު ތަކަކީ ވެސް އެކަމުގެ ހެޔޮނަތީޖާ ފެނިގެން ދާނެ މުހިންމު ނިންމުންތަކެކެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއަށް ފަހު އުފެދުނު ހިޔާލުތަފާތުވުން ތަކާއި ގުޅިގެން ރައީސް ޔާމިނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އުމަރަށް ރައީސް ޔާމީން ވަޒީރުކަން ދެއްވުމީ އެކަމުގެ ސިޔާސީ ގެއްލުން ސަރުކާރަށް ކުރާނެ ކަމެއް ކަމަށް ކުރިން ލަފާކުރެވުނު އެކަމަށް ބާރުލިބޭ ބައެއް ހެކިވެސް އެބަ ފެނެއެވެ.
މަރުގެ ޙުކުމް ތަންފީޒު ކުރުމަކީ ރާއްޖޭގެ ޤާނޫނީ ނިޒާމްގެ ދަށުން ކުރަން ޖެހޭ އަދި އެކަން ކުރުމުގެ ބާރު ސަރުކާރަށް އޮތް ކަމެކެވެ. ނަމަވެސް މަރުގެ ޙުކުމް ތަންފީޒުކުރުމުގެ އަމުރެއް ކެބިނެޓާއި މަޝްވަރާކުރުމެއް ނެތި ކުއްލިއަކަށް ނެރުމުން އުމަރުގެ މަގުޞަދަކީ ކޮބައިކަމާއި މެދު ސުވާލު އުފައްދަން ޖެހެއެވެ.
ޤާނޫނު ތަންފީޒު ކުރުމުގެ ދާއިރާގެ ކަންކަން ކުރުމުގައި އުމަރު ވަރަށް ހަރަކާތްތެރިކޮށް ފެނުނު ނަމަވެސް އުމަރާއި ރައީސް ހަވާލުކޮށްފައިވާ އެންމެ ބޮޑު އެއްޒިންމާ ކަމުގައިވާ އަތޮޅު ތެރޭގެ ތަރައްޤީގެ ސިޔާސަތުތައް ކަނޑައަޅާ ވިސަރެސް ކުރުމުގައި އެކަށީގެންވާ ހަލުވިކަމެއް އުމަރުގެ ފަރާތްޕުޅަކުން ނުފެނެއެވެ.
ޤާނޫނުގައިވާ ގޮތުގެ މަތިން ރާއްޖޭގެ އިދާރީ ދާއިރާތަކުގެ ތަރައްޤީއާއި، އިދާރީކަންތައްތައް ހިނގާނުހިނގާ ގޮތް ބަލައި، ރަނގަޅުކުރަންޖެހޭ ކަންތައްތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ހޯމް މިނިސްޓަރުގެ ޒިންމާއެއް ކަމަށް ރައީސް ނިންމަވާފައި ވީނަމަވެސް އުމަރު މިޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކުރަމުން ގެންދަވާ މަންޒަރެއް ނުފެނެއެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ ހޯމް މިނިސްޓަރު ކަމުގެ މަގާމާއި ހަވާލުވެ ވަޑައިގެން އުމަރު ހޭދަކުރެއްވި ދުވަސްތަކުގައި މާގިނަ ހެޔޮ ބަދަލުތަކެއް ނުފެނުނު ނަމަވެސް ގިނަ ހެޔޮ ބަދަލުތަކެއް ގެންނަވާނެ ކަމުގެ އުންމީދު ވަރަށް ބޮޑަށް އުފައްދައިދީފިއެވެ. އުމަރު އުފައްދަވައިދެއްވި އުންމީދުތައް ހާސިލް ކުރުމުގައި އުމަރު ހޯދާ ކާމިޔާބެއް އެނގޭނީ އަދި ދުވަސް ކޮޅެއް ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ