ހަވީރު އޮންލައިންގެ ރިޕޯޓަށް ފިޝަރީޒްއިން ރައްދުދީފި

ދުވަހު ނޫސް ހަވީރުން އިއްޔެ ގެ އަދަދުގައި "މަހުގެ އަގު ދަށްވެގެން މަސްވެރިން ގޮސް ހުސްވެފައި" މި ސުރުހީގެ ދަށުން ލިޔެފައިވާ ރިޕޯޓަށް ފިޝަރީސް މިނިސްޓްރީން ރައްދުދީފިއެވެ.
ހަވީރުގެ ރިޕޯޓަށް ރައްދުދީ އޭގައި ހުރި ވާހަކަތައް ދޮގުކޮށް ފިޝަރީޒް މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ހަވީރުން އިއްޔެ ލިޔެ ނެރެފައިވާ ރިޕޯޓުގައި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުން މަސް ގަންނަ ނުވަތަ މަސް ކިރުވާ އަގުކަމަށް ބުނެފައިވާ އަގުތަކަކީ މިނިސްޓްރީން ވަރަށް ބޮޑަށް ހައިރާންކުރުވަނިވި އަގުތަކެއްކަމަށެވެ.
މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުން ކޮންމެ ދުވަހަކު ކިރުވާ މަހުގެ އަދަދުތަކާއި އަދި ކިރުވި މަހުގެ އަގުތަކާއި އަދި ބޭރުގެ ބާޒާރުތަކުގައި މަހުގެ އަގު ހުންނަ މިންވަރާއި މަސްވެރިންނަށް ލިބޭ އާމްދަނީއާއި ހަރަދުތަކުގެ ތަފްސީލަކީ މިނިސްޓްރީން ގަވައިދުން މޮނީޓާކޮށް ބަލަހައްޓަމުންދާ ގެންދާ މައުލޫމާތުތަކެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އަދި ހަވީރުން ނެރުނު ރިޕޯޓުގައި ބަޔާންކޮށްފައި ހުރި އަގުތަކަކީ މަސްވެރިކަމުގެ ސިނާއަތުގައި މިވަގުތު އަގުތަށް ހުރި ގޮތާއި ވަރަށް ބޮޑެތި ފަރަގުތަކެއް ހުރި އަގުތަކެއްކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައިވަނީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތަށް މަސްވެރިންގެ އަތުން ބޮޑު ކަންޏެލި ކިލޯއެއް 25 ރުފިޔާ އާއި 30 ރުފިޔާ އާއި ދެމެދުގައި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުން އަދި މިހާތަނަށް ކިރާފައި ނުވާ ކަމަށެވެ.
މިއަހަރުގެ މިވީހާތަނަށް ބަލާއިރު ބޮޑު ކަންނެލީގެ އަގު އެންމެ ދަށްވެފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހާއި 7 ވަނަ ދުވަހާއި ދެމެދުގައި ކަމަށާއި އެދުވަސްތަކުގައިވެސް ބޮޑު ކަންނެލީގެ އަގު ހުރީ ކިލޯއަކަށް 35 ރުފިޔާ އާއި 40 ރުފިޔާ އާއި ދެމެދުގައި ހުރި އިރު ބޮޑު ކަންނެލި ޕްރޮސެސްކުރާ ކުންފުނިތަކުން މިއަދު ބޮޑު ކަންނެލި ގަންނަނީ ކިލޯއަކަށް 40 ރުފިޔާ އާއި 50 ރުފިޔާ އާއި ދެމެދުގެ އަގުތަކުގައި ކަމަށް މިނިސްޓްރީން ބުނެ އެވެ.
މީގެއިތުރުން ރިޕޯޓުގައި މަސްވެރިންނަށް އައިސް ވިއްކަނީ 2000 ރުފިޔާއަށް ވުރެ ބޮޑު އަގެއްކަމަށް ބުނެފައިވީނަމަވެސް ބޮޑު ކަންނެލި ޕްރޮސެސްކުރާ ކުންފުނިތަކުން އައިސްޓަނެއް ވިއްކަނީ 1800 ރުފިޔާ އާއި 1850 އާއި ދެމެދުގެ އަގުތަކެއްގައި ކަމަށް ފިޝަރީޒް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ކަޅުބިލަމަސް އޮޕަރޭޓްކުރާ ކުންފުނިތަކުން އައިސްޓަނެއް ވިއްކަނީ 900 ރުފިޔާ އާއި 1500 ރުފިޔާ އާއި ދެމެދުގެ އަގުތަކުގައި ކަމަށާއި މި ކުންފުނިތަކަށް މަސްކިރުވާ އުޅަނދުފަހަރަށް ހިލޭ ނުވަތަ ޑިސްކައުންޓް އަގުތަކުގައިވެސް ކުންފުނިތަކުން އައިސް ފޯރުކޮށްދޭ ކަމަށެވެ.
އެމިނިސްޓްރީން އިތުރަށް ބުނީ ރާއްޖެއިން ބާނާ ކަޅުބިލަމަސް އެންމެ ގިނައިން ބޭރުކުރާ ގައުމަކީ ތައިލޭންޑު ކަމަށާއި މިއަހަރުގެ ޖުލައި މަހުގައި ތައިލެންޑުގެ ބާޒާރުގައި ކަޅުބިލަމަހުގެ އަގުހުރީ 2000 އެމެރިކާ ޑޮލަރަށް ކަމަށެވެ. ނަމަވެސް އޭގެ ޑިމާންޑު ދަށްވެ މިއަދު ކަޅުބިލަމަހުގެ މެޓްރިކް ޓަނެއް ތައިލޭންޑުގައި ހުރީ 1575 އެމެރިކާ ޑޮލަރަށް ކަމަށެވެ.
ތައިލެންޑުގެ ކަޅުބިލަމަހުގެ ބާޒާރުގައި މަހުގެ އަގު ދަށަށް ދާން ފެށީ މިއަހަރުގެ ޖުލައި މަހުން ފެށިގެން ކަމުގައިވިޔަސް ކަޅުބިލަމަސް ގަންނަ ފަރާތްތަކުން ދިޔައީ 20.55 ރުފިޔާ އާއި 22.55 ރުފިޔާ އާއި ދެމެދުގެ އަގުތަކުގައި ކަޅުބިލަމަސް ގަންނަމުންނެވެ. މަސް ގަންނަ ކުންފުނިތަކުން މަސްވެރިންގެ އަތުން މަސް ގަންނަ އަގު ދަށް ކުރީ ގެއްލުމުގައި މަސްގަންނަތާ ފަސް މަސް ދުވަސްވުމަށްފަހު މިއަހަރުގެ ނޮވެމްބަރު 26 ވަނަ ދުވަހު އެވެ. އެއީ ފިނިނުކުރާ ކަޅުބިލަމަސް ކިލޯއެއް 16 އަށް އަދި ފިނިކުރި ކަޅުބިލަމަސް ކިލޯއެއް 18 ރުފިޔާ އަށެވެ. މި ފަސް މަސް ދުވަހުގެ ތެރޭގައި ބައެއް ކުންފުނިތަކަށް 30 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް ވެސް މިނިސްޓްރީއަށް އަންގާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ