މި ޕްރޮގްރާމްގައި 15 އަހަރުން ދަށުގެ ކުޑަކުދީންނާ ނުގުޅޭ މަންޒަރާ އަޑު ހުރުން އެކަށީގެންވޭ.

މަތީގައި އެވާ ޢިބާރާތަކީ ޓީވީ ޗެނަލްތަކުގެ ބައެއް ޕްރޮގްރާމްތައް ފެށޭއިރު ވަރަށް ގިނައިން އަޑުއިވޭ ބަސްތަކެކެވެ. މި މޭރުމުން ޗެނަލްތަކުން މި އިއްވާ އަޑުތަކަކީ ކިހާވަރެއްގެ ބޭނުންތެރި ބަސްތަކެއްތޯ ސުވާލު އުފެދެ އެވެ. ޙަޤީޤަތުގައި މި ބަސްތަކުގެ އެއްވެސް ރަނގަޅު ބޭނުމެއް ނެތެވެ. ބޭނުމެއް އޮތިއްޔާ އޮތީ އެ ޕްރޮގްރާމްގައި ދައްކަނީ ކޮންއެއްޗެއްތޯ ބެލުމަށް އެ ބުނާ ‘ކުޑަކުދީން’ އިތުރަށް ޝައުޤުވެރިކުރުމެވެ. ސިއްރުން ނަމަވެސް އޭގައި ދައްކާ އެއްޗެއް ‘ކުޑަކުދީން’ ބަލާނީ އޭރުންތާ އެވެ. ޙައިރާންވާންޖެހޭ އަނެއް ކަމަކީ މިބައިމީހުން ‘ކުޑަކުދީން’ ކަމުގައި ބަލައިގެން އުޅެނީ 18 އަހަރުން ދަށުގެ އެންމެން ކަމުގައި ވެފައި، ނަމަވެސް ޕްރޮގްރާމް ބެލުމާއި ގުޅޭގޮތުން އިއްވާ ގޮވެލިފަތީގައި 15 އަހަރުން ދަށޭ ކިޔާތީ އެވެ. މިކަމުން ދޭހަވަނީ 15 އަހަރާއި 18 އަހަރާއި ދެމެދުގެ ‘ކުޑަކުދީންނަށް’ ވިޔާނުދާ އަޑުތައް އެހުމާއި، ގޮތްކުޑަ މަންޒަރުތައް ބެލުން ހުއްދަވެއްޖެ ކަމެވެ. ބޮޑަތި މީހުންނަށް މިކަންކަން ހަމައެކަނި ހުއްދަވީއެއް ނޫނެވެ. ބޮޑަތި މީހުން އެފަދަ ކަންތައްތައް ކުރަންޖެހުނީ އެވެ.ދެން އޮތީ ދެ މީހަކު އެއްގަލަށް އަރުވަން ދަތި ބޮޑު ސުވާލެވެ. ސުވާލަކީ 15 އަހަރުން ދަށުގައި ތިބޭނީ ހުސް ކުޑަކުދީން ހެއްޔެވެ؟ ކައިވެންޏެއް ކުރާ ވާހަކަ ދެކެވިއްޖެ ނަމަ އެއީ ‘ކުޑަ’ ކުއްޖެކެވެ. އުމުރުން 20 އަހަރު ވިޔަސް ސިކުނޑީގައި ނުކުޅެދުންތެރިކަމެއް ހުރިކަމުގައި ވާނަމަ އެއީ ނަފްސާނީގޮތުން ނުވަތަ ވިސްނުމުގެ ގޮތުން ކުޑަ ކުއްޖެކެވެ. ނަމަވެސް ޖިސްމާނީގޮތުން ކުޑަ ކުއްޖެއް ނޫނެވެ. އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު އޭނާގެ އުމުރަށްވުރެ ދެގުނަ ދޮށީ ފިރިހެނަކާ ‘ހިތާވެ ތަތްތެޅިގެން’ ދެ މީހުން އެކުގައި ބޭރަށް ‘ކާން’ ގޮސް ނުވަތަ އެ ނޫންވެސް ގޮތްގޮތުން ‘މައްލަވަކޮށް’ ހެދުމަކީ ހުއްދަ ކަމަކަށް ވުމުގެ އިތުރުން މުޖުތަމައުގައި ޤަބޫލުވެވޭ ފެޝަނެކެވެ. ފޭސްބުކަށް ވަދެ ބޭނުންކަމެއް ކުރުން ހުއްދަ އެވެ. ކިޔަވަން އުޅޭ ސްކޫލްގެ ބޭނުމަށް ނުވަތަ ސްކޫލުން ހުއްދިދީގެން ކުރާނަމަ ކޮންމެ ކަމެއް ވެސް އަމުދުން ހުއްދަވީ އެވެ. ބެލެނިވެރިޔާ ނުވެސް ނެތި ބޭނުންތަނަކަށް ނުވަތަ ޤައުމަކަށް ފުރައިގެން ދާންވީ އެވެ. ބޭނުން މުބާރާތެއްގައި ބައިވެރިވާންވީ އެވެ. ބޭނުން މަންޒަރުތަކެއް ބަލާ، އަޑުއަހާ ހަދަންވީ އެވެ. އެންމެންގެ ތެރޭގައި ނަށާ، ބޭނުން ނުބައި ވައްތަރުތަކެއް ޖައްސަންވީ އެވެ. ފިލްމު ވެސް ކުޅެންވީ އެވެ. ސްކޫލަށް ފައިސާހޯދަން ބޭނުންވީމައި ކޮންސެޓް ބާއްވައިގެން ކިޔަވާކުދީން ‘ވިއްކުން’ ވެސް ހުއްދަ އެވެ. އެހެނީ މި ހުރިހައި ކަމަކީ ކުދީންގެ ކިބައިގައިވާ ހުނަރު ‘އިތުރަށް ތަރައްޤީ’ ކުރުމެވެ. ކުދީންގެ ‘ކޮސްޓިއުމް’ތަކަށް ބެލެނިވެރިން ލައްވާ އެތައް ޚަރަދުތަކެއް ކުރުވާފައި އަދި އޭގެ އިތުރުން ކޮންމެ ބެލެނިވެރިޔަކު ޓިކެޓެއް ގަންނަން އަންގަ އެވެ. ސްކޫލްގެ އަހަރު މަތިކޮޅު ފުރުވާ ‘ކުޅިމަޖާގަނޑަށް’ ތައްޔާރުވާންވެގެން އެތަކެއް ރޭތައް ވަންދެން ފަރިތަކުރުންތައް ބާއްވަންޖެހެ އެވެ. އެ ދުވަސްތަކުގައި ކޮންސެޓްގައި ބައިވެރިވާ ކުދީން ހޯމްވާރކް ނަހަދާ ސްކޫލަށް އަޔަސް ‘އޯކޭ’ ކަމުގައި ވެގެންދެ އެވެ. އެންމެ އަޖާބުވާ ކަމަކީ މި ‘ނާޗަރަންގީ’ ގަނޑު ބާއްވައިގެން ލިބޭ ފައިސާ އަށް ވާގޮތެއް ނޭނގޭތީ އެވެ. އެ ފައިސާ ފެނަށް ވެގެން ވަންނަނީ ބިމަށްކަން ނުވަތަ އާތްވަށް ވެގެން އަރަނީ މައްޗަންކަން ވެސް ނޭނގޭތީ އެވެ. ތަނުގެ ޖާގަ އަށް ވުރެ އިތުރަށް ޓިކެޓް ވިއްކާފައި ވެސް އެބަހުއްޓެވެ. ‘ޑިމާންޑް’ ބޮޑުކަމުން އަދި އިތުރު އެއް ޝޯވް ބާއްވަންޖެހިގެން އަނެއްދުވަހުގެ ކިޔެވުން ކެސަލްވެފައި އެބަހުއްޓެވެ. އާދެ، މަޢުލޫއިން ބޭރުވެއްޖެ ކަމުގައި ނުބައްލަވާށެވެ. ހަމަ 15 އަހަރުން ދަށުގެ ‘ކުޑަކުދީންގެ’ ވާހަކަތައް ވީމާ ލިޔެވުނީ އެވެ.މަތީގައިވާ ސުރުހީގައި އެބުނާ ހާސަރުތައް ދެމުމަށްފަހު ދެން ޓީވީގައި ދައްކަނީ ކޮން އެއްޗެއް ކަމަށްތޯ އެވެ؟ ގިނައިން ދައްކަނީ ލަވަކިޔަމުން ‘ޖޯޑުތައް ގައިގޯޅިވާ’ މަންޒަރުތަކެވެ. ދެން ސުވާލަކީ މި މަންޒަރުތައް އެ ބުނާ ‘ކުޑަ ކުދީން’ ނުބަލާތޯ އެވެ. ތަޢުލީމީ ނިޒާމްގައި ނެށުމާއި ލަވަކިޔުން ހިމެނިފައި ވާތީ، ޓީވީގައި އެ ދައްކާ ‘ލޫޅާފަތި ޙަރަކާތްތައް’ އެއީ ބެލުން ރަނގަޅު ނޫން މަންޒަރުތަކެއް ކަމުގައި ޤަބޫލުކުރެވޭނީ ކިހިނެއް ހެއްޔެވެ؟ ދެން އެބުނަނީ ‘ނުގުޅޭ’ މަންޒަރާއި އަޑު ހުރުން ‘އެށީގެންވާ’ ވާހަކަ އެވެ. މި ބުނާ ނުގުޅުމަކީ ކޮބައިތޯ އެވެ؟ ނުގުޅޭ ކަމުގައި ވާނަމަ ގުޅުވާލަދެވިދާނެ ނޫން ހެއްޔެވެ؟ ވީމާ ނުގުޅޭ ވާހަކަ ނުދައްކާށެވެ. ހުރުން ‘އެކަށީގެންވެޔޭ’ ބުނުމަކުން ސީދާ ހުންނާނެ ކަމަކަށް މާނައެއް ނުކުރެވެ އެވެ. އަދި ވެސް އެ ބުނަނީ ‘އަޑު’ ހުރެދާނެ ވާހަކަ އެވެ. ޔަޤީނުން އަޑު ހުންނާނެ ވާހަކައެއް ނޫނެވެ. ކުޑަ ކުދީންނާ ނުގުޅޭ ބަހުރުވަ ބޭނުންކޮށްފައި ހުންނާނެ ވާހަކައެއް ނުބުނެ އެވެ. ވީމާ ނުބަލަންވީ ސަބަބެއް ނެތެވެ.ފާއިތުވެގެން ދިޔަ ދިގު 30 އަހަރުގެ ‘ޖުމްހުރީ އުސްމިންތަކުގެ’ ‘ހެވިކަމުގައި’ ދިވެހިން ބެހުނީ ދެ ބަޔަކަށެވެ. އެއްބަޔަކީ މަސްތުވާ ދިވެހިންނެވެ. އަނެއްބަޔަކީ މަސްތުނުވާ ދިވެހިންނެވެ. ހަމަ އެގޮތަށް ފަންނާނުން ވެސް ބެހުނީ ދެބަޔަކަށެވެ. އެއްބަޔަކީ ވިޔާނުދާ ފަންނާނުންނެވެ. އަނެއްބަޔަކީ ވިޔާދާ ފަންނާނުންނެވެ. މި ފަހަކަށް އައިސް ‘ފަންނާނުން’ ހަމައެކަނި މާނަކުރަމުން މިދަނީ ވިޔާނުދާ ފަންނާނުންނަށެވެ. މިކަން މިގޮތަށް ކުރުމުގައި މި ރާއްޖޭގެ ޓީވީ ޗެނަލްތަކުން ވަނީ ނުބައި ރޯލެއް ކުޅެފަ އެވެ. ވިނާނުދާ ފަންނާނުންނަށް ހަދަން ބޭނުން ‘ކުޑަކުދީން’ އެ ގޮތުގައި ތަމްރީނުކުރުމަކަށް ހުރަހެއް ނެތެވެ. ނަމަވެސް މުޖުތަމައަށް ބޭނުންހުރި ވިޔާދާ ފަންނާނުންނަށް ‘ކުޑަކުދީން’ ހެދުމަށް އެކުދީންގެ ޢުމުރު ހުރަހެއްކަމުގައި ވެގެންދެ އެވެ. އަނެއްކާ ވެސް މަޢުލޫއިން ބޭރުވީ ކަމުގައި ނުބައްލަވާށެވެ. ހަމަ 15 އަހަރުން ދަށުގެ ކުޑަ ކުދީންގެ ވާހަކަތައް ވީމާ ލިޔެވުނީ އެވެ.އަހުރެން ސެކަންޑްރީ ފެންވަރަށް ކިޔަވާ ނިމުނުތަނާ ހިނގިކަމެއް އަދިވެސް އިއްޔެގެ މެންދުރު ވީކަމެއް ފަދައިން ހަދާން އެބަހުއްޓެވެ. މިއީ މާ ދުރު މާޒީއެއްގައި ހިނގާފައިވާ ކަމެއް ނޫންކަމުން މިވާހަކަ ބަޔާންކޮށްނުލާ ކުރިޔަށްދެވެން ނެތަތީވެ ލިޔެލަނީ އެވެ. ސްކޫލް ނިންމާފައި ގޭގައި ހުންނަތާ މަސްދުވަސް ވީފަހުން އެއްދުވަހަކު މެންދުރު ރައީސް އޮފީހުން މުވައްޒަފަކު އައިސް އަހުރެން ކޮބައިތޯ އަހާފައި ޖެހިގެން އަންނަދުވަހު އެ އޮފީހަށް ހާޒިރުވާނެޖެހޭނެ ކަމަށް ބުނެ ޗިޓެއް ދީފި އެވެ. ވީގޮތެއް ނޭނގުމާއެކު އަހުރެން ގަތް ބިރުން ދެ ކަކުލު ހުޅުން ދޫނުވީ ކިރިޔާ އެވެ. ކޮންމެއަކަސް އޭގައި އޮތް ގަޑިއަށް ގެއިން މީހަކު އަހުރެން ގެންގޮސް އެތަނަށް ލައިފި އެވެ. އެއަށްފަހު އެތެރެއަށް ގެންގޮސް ވަކި ތަނެއްގައި ބައިންދައިފި އެވެ. އިރުކޮޅަކުން އެތަނަށް ވަނީ ބޮލުފޮތިކޮޅު އަޅާފައި ދިގުހެދުން ލައިގެން ހުރި މެދު އުމުރުގެ އަންހެނެކެވެ. އޭނާ ވަދެ އިށީންދެފައި ބުނީ އެމީހުން އަތުގައި ހުރި ރެކޯޑްތަކުން ދައްކާގޮތުގައި އަހުރެންނަށް 15 އަހަރު ވެއްޖެ ކަމަށެވެ. އެހެންވީމާ ޤާނޫނޫގައި އޮންނަ ގޮތުގެ މަތިން ސަރުކާރަށް ޚިދުމަތްކުރަން މާދަމާއިން ފެށިގެން ވަޒީފާ އަށް ނުކުންނަންވީ އެވެ. މިހެން ބުނުމާއެކު އަހުރެން ބަސްހުއްޓި، ބުނާނެ އެއްޗެއް ނޭނގި، ބިރުގެންފައި އިނީ އެވެ. ގެއަށް ގޮސް މަންމަ އާއި ބައްޕަ ގާތު އެ ވާހަކަ ބުނުމުން އެމީހުން ބުނީ އަހުރެން އޭރު ވަޒީފާ އަށް ދާން އެމީހުންނަށް ވެސް ނުފެންނަ ކަމަށެވެ. ނަމަވެސް ސަރުކާރުން އަންގާ އެއްވެސް ކަމަކާ ދެކޮޅު ހެދުމަކީ ވަރަށް ނުކައްކާތެރި ކަމެއް ކަމުގަ އެވެ. އަނެއްދުވަހު ހެނދުނު އެއްކަލަ އަންހެން މީހާ ގާތަށް އަހުރެން އަނެއްކާ ވެސް ގެންގޮސްފި އެވެ. އޭނާ ބުނީ ވަޒީފާ ހަމަޖައްސައިފިން ކަމަށާއި، ހަމަވަގުތުން މަސައްކަތް ފަށަން އޭނާ ބުނާ އޮފީހަކަށް ދާންވީ ކަމަށެވެ. ދެން ގެންދިޔައީ އެ އޮފީހަށެވެ. ގެންގޮސް ހާޒިރީގައި ސޮއިކުރުވާފައި އެންގީ އަހުރެންނަކީ އެތަނުގެ ދާއިމީ މުވައްޒަފެއް ކަމަށެވެ. ދެން ވަޒީފާ އަށް ނުކުންނަންވާނީ ބޫޓަށް އަރާ، ގަމީސްދަށަށްޖަހާ، ޓައީ ވެސް އަޅައިގެންނެވެ. އިރުކޮޅަކުން އޮފީހުގެ ވެރިމީހާ ގާތަށް ގެންގޮސްފި އެވެ. އެއީ ވެސް ކުރިން ބުނި ‘ބްރޭންޑްގެ’ އަންހެނެކެވެ. އޭނާ ދެއްކި ވާހަކަތައް އަޑުއަހަން އެއްވެސް އެއްޗެކޭ ނުބުނެ އިނީމެވެ. ދެން އެހީ އަހުރެން ބިރުގެންފައި އިންނަހެން ހީވާ ކަމަށާއި ފިކުރުކުރަނީ ކޮންކަމަކާތޯ އެވެ؟ މިހެން އެހުމުން އަހުރެން ކަމެއް ނުވެޔޭ އަވަސް އަވަހަށް ބުނެފީމެވެ. ދެން ގޮސް މަސައްކަތް ފަށާށޭ ބުނުމުން އަހުރެން އެ ކޮޓަރިން ނުކުމެ ކަނޑައެޅުނު މޭޒުދޮށުގައި ‘ދުވަސް ނިމެންދެން’ އިނީ އެވެ. އެދުވަހު އަހުރެންނާ ހަވާލުކުރި މަސައްކަތްތައް ކުރީމެވެ. އެއަށްފަހު ޖެހިގެން އައި ދެ ދުވަހު ވެސް ވަޒީފާއަކަށް ނުދަމެވެ. މިހެން ގޭގައި ހުއްޓާ ބަލާފޮނުވައިގެން ގެންގޮސްފި އެވެ. ގެންގޮސް ވެއްދީ ވަކި ތަނަކަށެވެ. އެތަނުގައި ސުވާލުކުރަން ތިބީ ފިރިހެނަކާއި ދެ އަންހެނުންނެވެ. ވަޒީފާ އަށް ނުނިކުތީ ކީއްވެގެންތޯ އެހުމުން އަހުރެން ބުނީ އޮފީސްތަކުގައި އުޅެން ހިތްބިރުގަންނާތީ ވަޒީފާ ދޫކޮށްލަން ބޭނުންވާތީ ކަމަށެވެ. މިހެން ބުނުމާއެކު އެމީހުން ގާތަށް އައީ ރުޅި އެވެ. އަހުރެންނަށް އިންޒާރުކޮށް އެންގީ ވަޒީފާ ދޫކޮށްނުލެވޭނެ ކަމަށާއި، އޮފީހަށް ނުނިކުމެ ވެސް ނުހުރެވޭނެ ވާހަކަ އެވެ. ވަޒީފާ އަށް ނުނިކުމެއްޖެނަމަ ‘ސިފައިންގެއަށް’ (ފުލުސް އޮފީހަށް) ގެންގޮސް ޖަލުގައި ހައްޔަރުކޮށް، އެއަށްފަހު އަރުވާލަން ޙުކުމްކޮށް، ރާއްޖެތެރެއަށް ފޮނުވާލެވޭނެ ވާހަކަ އެވެ. އެމީހުން މިހެން ބުނުމާއެކު ފިކުރުބޮޑުވެގެން ގޮސް ހަތަރުއުދަރެސް ފެނުޖެހުނެވެ. ބުނަން މި އުޅޭ އެއްޗަކީ 15 އަހަރުގެ ‘ކުޑަކުއްޖަކަށް’ ބިރު ދެއްކުމުން ލިބުނު ‘ނަފްސާނީ ގެއްލުމުގެ’ ވާހަކަ އެވެ. އަދި އެހާ ‘ކުޑައިރު’ އަހުރެންނަށް މަޖުބޫރުކޮށްގެން ވަޒީފާއަށް ނެރެ އެތަނުގެ މަސައްކަތްތައް ކުރުވި ވާހަކަ އެވެ. އަހުރެން ވަޒީފާ އަށް ނުނިކުތްނަމަ ޙަޤީޤަތުގައި ވެސް ޖަލަށްލާނެ އެވެ. އަދި އަރުވާލާނެ އެވެ. އެހެނީ 15 އަހަރުގެ މީހުންނަކީ ‘ކުޑަކުދީން’ ކަމުގައި ދިވެހި މުޖުތަމަޢު ނުދެކޭތީ އެވެ. ނަމަވެސް މާ ގިނަ އަހަރުތަކެއް ނުވެ މި ‘ކުޑަކަން’ މި އުޅެނީ 18 އަހަރަށް ބަދަލުވެގެންނެވެ. މިހާރު މި ‘ކުޑަކަން’ 20 އަހަރަށް ބަދަލުވެދާނެ ކަމުގެ ކޮޅުމަތި ފެންނަމުން އެބަދެ އެވެ. އެހެން ނުވާނީ ކީއްވެ ހެއްޔެވެ؟ ޔަހޫދީންނާއި ނަޞާރާއިން ޖަހަމުންދާ ބެރުތަކަށް ދިވެހި މުސްލިމުން ނަށަންވެއްޖެވިއްޔާ އެވެ. ކައިވެނިކޮށްދޭ ޢުމުރު ވީހާ ވެސް މައްޗަށް ޖެއްސުނު ވަރަކަށް މުސްލިމުންގެ އާބާދީ ދުނިޔޭގައި ދަށްކޮށް، މުސްލިމް މުޖުތަމަޢުތަކުގައި ފާހިޝް ކަންތައްތައް ފަތުރައި އާންމުކުރަން ފަސޭހަވާނެތީ އެވެ. މިހެން ކަންތައް ހުރިއިރު ނަޞާރާއިންނާއި ޔަހޫދީންގެ ގިނަ މުޖުތަމަޢުތަކުގައި އުމުރުން 15 އަހަރުގައި ކައިވެނިކޮށްދެމުން އެބަދެ އެވެ. އެމެރިކާގެ ނިއު ހޭމްޕްޝަޔަރގައި އަންހެން ކުދީންގެ ޢުމުރުން 13 އަހަރުގައި މިއަދު ކައިވެނިކޮށްދެ އެވެ. ނަމަވެސް މުސްލިމުންނަށް މިކަމުގައި އަންގަނީ ހޯހޯ އެވެ. މުސްލިމުން ކަމުގައި ވަންޏާ ވިހެއުމުގެ ދޭތެރެ ދުރުކުރަން ވެސް ޖެހެ އެވެ. ޔޫރަޕްގެ ޔަހޫދީން ނުވަތަ ނަޞާރާއިން ކަމުގައި ވަންޏާ ގިނަ ކުދީން ތިބުމުން ‘ޗައިލްޑް ބެނެފިޓް’ ދޭންޖެހެ އެވެ. މީގެ ބޭނުމަކީ ގިނަ ކުދީން ހޯދުމަށް އެބައިމީހުންނަށް ބާރު އެޅުމެވެ. އަދަދުގެ ގޮތުން މީސްގިނަވުމަކީ ވެސް ދުނިޔޭގައި ބާރުލިބޭ ކަމެއް ކަމުގައި ވާތީ އެވެ. އަނެއްކާވެސް މަޢުލޫއިން ބޭރުވީ ކަމުގައި ނުބައްލަވާށެވެ. ހަމަ 15 އަހަރުން ދަށުގެ ކުޑަކުދީންގެ ވާހަކަތައް ވީމައި ލިޔެވުނީ އެވެ.މި ރާއްޖޭގައި އަންހެން ކުދީންގެ އުމުރުން ތޭރަސާދަ އަހަރުގައި ކައިވެނިކޮށްދީ އުޅުނީ މާ ދުރުމާޒީއެއްގަ ނޫނެވެ. މިއަދު އުމުރުން ގާތްގަނޑަކަށް 35 އަހަރުވެފައި ތިބި ވަރަށްގިނަ އަންހެނުންނަކީ އުމުރުން 15 އަހަރުގައި ކައިވެނިކޮށްގެން ތިބި މީހުންނެވެ. އެމީހުން އެފަދަ ‘ތުއްތުއުމުރުގައި’ ކައިވެނިކޮށްގެން ތިބެ މިއަދު ފާޑުފާޑުގެ ‘ރައިޓްސް’ ޖަމިއްޔާތަކަށް ވަދެ ތިބެގެން މި ގޮވަނީ ކޮން ގުދޯގުދޯއެއް ހެއްޔެވެ؟ އަދި ކައިވެނިކުރީ ކޮން އުމުރެއްގަތޯ ބަލަން ނިކަން ތިމާގެ މައިންބަފައިންނާ ސުވާލުކޮށްލަ ބަލާށެވެ. އެހެންމީހުންގެ ދަރީންނަށް އެ ކުދީންގެ ‘ޅަކަން’ ވިސްނާދިނުމަށް ދެން އުމުރުގެ ބާކީއޮތް ބައި ހޭދަނުކޮށް ތިމާގެ ‘ޅަ’ އަންހެން ދަރިޔަކު ހުރިނަމަ އެ ކުއްޖާއަށްކައިވެނިކުރުން މަނާކޮށްފައި ހިލޭ ފިރިހެނުންނާއި އެކު ގެއިން ބޭރަށް ފޮނުވައިގެން ތިމާ ގޭތެރޭގައި ‘ކަސޯޓީ ބަލަން’ އިނީމާ ނިމުނީނޫން ހެއްޔެވެ؟ލިޔުނީ އިބްރާހީމް ނާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ