މެންބަރުންގެ ގޮނޑިތަކުގެ މައްސަލަ އަނެއްކާ ވެސް ސުޕްރީމް ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނާ 12 މެންބަރުންގެ ގޮނޑި ނުގެއްލޭކަން ކަނޑައަޅަން ސުޕްރީމް ކޯޓަށް އިދިކޮޅު ޕާޓީތަކުން މިއަދު ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.
މީގެކުރިން ވެސް ސުޕްރީމް ކޯޓަށް މިފަދަ މައްސަލައެއް ހުށަހެޅި އެވެ. އެ މައްސަލަ ހުށަހެޅީ، އިދިކޮޅު ލީޑަރުންނެވެ. އެ މައްސަލާގައި އެދުނީ މެންބަރުންގެ ގޮނޑިއާމެދު ސާފު އެންގުމެއް އެންގެވުމަށެވެ.
ނަމަވެސް މިއަދު ހުށަހެޅި މައްސަލައަކީ އާންމު މަސްލަހަތާ ގުޅުންހުރި ދުސްތޫރީ މައްސަލައެއްގޮތުގައި އަސްލީ އިހްތިސޯސްގެ ދަށުން ބަލައިދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ.
މެންބަރުންގެ ގޮނޑިއާމެދު، ސުޕްރީމް ކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވަނީ ސަރުކާރުން އެންޓި-ޑިފެކްޝަން ގާނޫނެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކޮށް، އެ ގާނޫނު ވުޖޫދުވުމާ ހަމައަށްކަމަށެވެ. ނަމަވެސް މިއަދާހަމައަށްވެސް ސަރުކާރުން އެފަދަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިއެއްނުވެއެވެ.
އެ ހުކުމަށްފަހު ދިގު މުއްދަތެއް ފާއިތުވެގެން ދިޔައިރުވެސް، އެ ހުކުމުގައި ބުނާ ގާނޫނު ފާސްނުކޮށް މިހާރު އޮތް ހާލަތު އެގޮތަށް ދެމިގެން ދިއުމަކީ ގާނޫނު އަސާސީ އާއި އަމަލުކުރެވޭ ކަމާބެހޭ އެހެނިހެން ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ގާނޫނީ އިޖުރައާތުގެ ބާރުކެނޑިގެން ދާނެކަމެއްކަމަށްވާތީ، ސުޕްރީމް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާ އިސްތިސްނާ ހާލަތު ނިމުމަކަށް ގެނައުމަށް މިއަދު ހުށަހަޅާފައިވާ މައްސަލައިގައި ވަނީ އެދިފަ އެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައެޅުމުގައި ގާނޫނީ ގޮތުން ތަބާވުން ލާޒިމުވެގެންވަނީ ސިޔާސީ ޕާޓީގެ ގާނޫނާއި ސިޔާސީ ޕާޓީގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ދުސްތޫރީ އަދި ގާނޫނީ އުސޫލުތަކާ އެއްގޮތަށްކަމަށާއި އަދި މި ގޮތުން އަމަލުކުރުމަކީ، ގާނޫނުއަސާސީގެ ސިޔާދަތާއި ގާނޫނީ ވެރިކަމާއި ރައްޔިތުންގެ ލާބަޔާއި މަންފާ މުޅި މުޖުތަމައުގެ އާންމު މަސްލަހަތާއި އަމްނު އާންމާއި ރައްޔިތުންގެ ސުލްހަމަސަލަސްކަމާއި އަދި މުޅި ދައުލަތުގެ ސިޔާދަތީ މިނިވަންކަން ކަށަވަރުކޮށްދިނުމަށްޓަކައި ޒަރޫރަތްތެރިކަމެއްކަމަށް ކަމަށް ވެސް މައްސަލާގައި ބުނެފައިވެ އެވެ.
އެހެންވެ ސުޕްރީމް ކޯޓުގެ ހުކުމަށް ރިއާޔަތްކޮށް، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ ގޮނޑިއާމެދު ދައުލަތުގެ މުއައްސަސާތަކުން ނިންމާފައިވާ އެންމެހައި ނިންމުންތައް ބާތިލްކޮށްދިނުމަށްވެސް ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައިގައި އެދިފައިވެ އެވެ.
މައްސަލާގައި އިތުރަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުން އިންތިހާބުކޮށްފައިވާ، އެމީހުންގެ ފިކުރު ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރާ ރައްޔިތުންގެ މަންދޫބުން ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރަކަށް ރައްޔިތުންގެ މަޖިލީހަށް ވަދެ އެމީހުންނަށް ގާނޫނު އަސާސީއިން މަތިކޮށްފައިވާ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމަށް ސަރުކާރުން ހުރަސްއެޅުމުން، ދިވެހި މުޖުތަމައުގެ އާންމު މަސްލަހަތާއި އަމްނު އާންމާއި ރައްޔިތުންގެ ސުލްހަ މަސަލަސްކަންވަނީ ގެއްލިފަ ކަމަށް ބުނެފައިވެ އެވެ.
މިހާތަނަށް އެގޮތަށް 12 މެންބަރެއްގެ ގޮނޑި ވަނީ ގެއްލުވާލައިފަ އެވެ. މަޖިލިސްގެ ޖަލްސާތައް ކުރިއަށް ގެންދަނީ އެ މެންބަރުންނާ ނުލަ އެވެ. މެންބަރުންގެ ގޮނޑި ގެއްލިފައިވާ އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވަނީ، ސުޕްރީމް ކޯޓުން ނެރުނު ހުކުމަށް ރިޔާއަތް ކޮށެވެ. އެއީ އެ ހުކުމަށްފަހު އިންތިހާބުވާ ޕާޓީން ވަކިވެއްޖެނަމަ، ގޮނޑި ގެއްލޭނެ ކަމަށް ކަނޑައެޅި ހުކުމެވެ. ނަމަވެސް 12 މެންބަރުން ވެސް ވިދާޅުވަމުން ދަނީ އެ މެންބަރުން އެ ހުކުމުގެ ކުރިން ޕީޕީއެމްއިން ވަކިވެފައިވާ ކަމަށެވެ.
އެ މެންބަރުންނަކީ، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްއައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އެވެ.
އިލެކްޝަން ކޮމިޝަނުން އަމީތާއި ވަހީދާއި ސައުދު އަދި ލަތީފްގެ ގޮނޑި ގެއްލުވާލި މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުންތައް ވެސް ކުރިއަށް ގެންދިޔަ އެވެ. އެ މައްސަލާގައި ދިގު އަޑުއެހުންތަކަކަށްފަހު، ސުޕްރީމް ކޯޓުން ވަނީ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމަންޖެހޭނެ އިތުރު ކަމެއް ނެތް ކަމަށް ބުނެ މައްސަލަ ބޭރުކޮށްލާފަ އެވެ. މައްސަލަ ބޭރުކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރު އިދިކޮޅު ފަރާތްތަކާއި ސަރުކާރުން މާނަ ކުރަނީ ތަފާތު ކޮށެވެ. އެ އަމުރުން ސީދާ މެންބަރުންގެ ގޮނޑި ގެއްލޭކަން ނޭނގޭ ކަމަށް އިދިކޮޅުން ބުނާއިރު ސަރުކާރުން ބުނަނީ ގޮނޑި ގެއްލިއްޖެ ކަމަށެވެ. އެހެން މެންބަރުން ވެސް ސުޕްރީމް ކޯޓަށް މިހާރު ވަނީ މައްސަލަ ހުށަހަޅާފަ އެވެ. ނަމަވެސް އެ މައްސަލަތަކާ ގުޅޭ ގޮތުން މިހާ ތަނަށް ސުޕްރީމް ކޯޓުން ގޮތެއް ނުނިންމަ އެވެ.
އިލެކްޝަން ކޮމިޝަނުން މިހާރު ވަނީ އެ ދާއިރާތަކުގެ ބައި އިލެކްޝަން ވެސް އިއުލާންކޮށްފަ އެވެ. ނަމަވެސް، މުއްދަތު ހަމަވެގެން ދިޔައިރު ވެސް އެ ކޮމިޝަނަށް އިލެކްޝަން ބޭއްވިފައެއް ނުވެ އެވެ. ޕީޕީއެމްއިން ދަނީ ދާއިރާތަކުގައި ވަރުގަދަ ކެމްޕެއިންތައް ކުރަމުންނެވެ. އެހެނަސް ކެނޑިޑޭޓެއް އަދި ނުނެރެ އެވެ. އަދި އިލެކްޝަން ބާއްވާނެ ދުވަހަކާ މެދު ކޮމިޝަނުން ވެސް އެއްވެސް އެއްޗެއް ނުބުނެ އޮތީ ހިމޭނުން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ